އަބޫހުރައިރަތުގެފާނު ރިވާ ކުރެއްވެވި ޙަދީޘްފުޅެއްގައިވެއެވެ. "ހަމަކަށަވަރުން މުނާފިޤުންނަށް ކުރަން އެންމެ ބުރަބޮޑު ދެ ނަމާދަކީ ޢިޝާ ނަމާދާއި ފަތިސް ނަމާދެވެ. އެ ދެ ނަމާދުގެ މަތިވެރިކަން/ސަވާބު އެމީހުންނަށް އެނގޭނަމަ ފިރުކިފައި ނަމަވެސް އެމީހުން އެ ދެ ނަމާދަށްދާނެއެވެ. (މާނައަކީ ބަލި ހާލުގައި އުޅުނު ނަމަވެސް ކިރިޔާވެސް ދެވޭނަމަ ތަކުލީފްތަކާއިއެކު ވެސް ދާނެކަމެވެ.)
މި ހަދީޘްފުޅަށް ބަލައިފިނަމަ މި ދެނަމާދު ނުކުރާ މީހުންނަކީ ކޮންބައެއްކަން ވަރަށް ސާފެވެ. އެ ދެ ނަމާދުކުރަން ބުރަ ބޮޑުވެގެން އުޅެނީ ކޮން ބައަކަށް ކަންވެސް ރަނގަޅަށް އެނގެއެވެ.
މުނާ ފިޤުންނަކީ އެމީހުންނަށް ކިޔާ ނަމުން ފާހަގަކުރެވޭ ބައެއް ނޫނެވެ. މުނާފިޤުން ވަކިކުރެވެނީ އެމީހުންގެ އަމަލުތަކުންނެވެ. އެމީހުންގެ ކިބައިގައި ހުންނަ ސިފަތަކަކުންނެވެ.
އެގޮތުން ދޮގު ހެދުމާއި ވައުދު ނުފުއްދުމާއި އަމާނާތަށް ޚިޔާނާތްތެރިވުމަކީ މުނާފިޤުންގެ އެންމެ ޢާންމު 3 ސިފައެވެ.