ދުނިޔޭގަ ކުރާ ކޮންމެ ކަމަކީ އާޚިރަތަށްޓަކައި ކުރާ ކަމަކަށް ހެދިދާނެކަން އެނގެނީ ހާދަ މަދު މީހަކަށެވެ!: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 55ސ
ދުނިޔޭގަ ކުރާ ކޮންމެ ކަމަކީ އާޚިރަތަށްޓަކައި ކުރާ ކަމަކަށް ހެދިދާނެކަން އެނގެނީ ހާދަ މަދު މީހަކަށެވެ!: ބިލާލް އައްސަދު
ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ދުނިޔޭގައި އުޅޭއިރު ދުނިޔެއަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި އާޚިރަތަށްޓަކައި ކުރަންޖެހޭ ކަންތައްތައްތަކަކީ މުޅިން ތަފާތު ދެކަމެއް ކަމަށެވެ. އެހެންވެ އެފަދަ މީހުން އުޅެނީ ވިސްނުމުގައި އަމަލުތައް ދެބައަކަށް ބަހާލައިގެންނެވެ.

މިއީ ބައި އަޅަން ޖެހޭ ކަމެއް ނޫނެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ އެއްވެސް ކަމެއް މިދުނިޔެއަށްޓަކައި ނުކުރުމަށާއި ކުރާ ކޮންމެ ކަމެއްވެސް ޢާޚިރަތަށްޓަކައި ކުރުމަށެވެ. ހަޤީޤަތުގައި މިދުނިޔެއަށްޓަކައި ކުރަންޖެހޭ އެއްވެސް ކަމެއް ނުއޮންނާނެއެވެ.

މީގެ މާނައަކީ ކައިބޮއި ނުހެދުމެއް ނޫނެވެ. ރީތި ފޭރާން ލައި ފަރިވެގެން ނުއުޅުމެއްވެސް ނޫނެވެ. ވިޔަފާރި ނުކުރުމެއްވެސް ނޫނެވެ. މުއްސަނދި ނުވުމެއްވެސް ނޫނެވެ. ކައިވެނިކޮށް ދަރިން ނުހޯދަންވީއެއްވެސް ނޫނެވެ. މިހުރިހައި ކަންކަމެއް ހަމަކުރަންވީއެވެ.

ކުރަންވީ މިހުރިހައި ކަންކަން ވެސް އަދި އިތުރަށް ކުރަން ބޭނުންވާ ކަންކަން ވެސް މާތް ﷲ އެންގެވި ގޮތުގައި ކުރަންވީއެވެ.

މިސާލަކަށް:

ކައިބޮއި ހަދަންވީ ޙަލާލުތަކެއްޗެވެ. ޙަލާލު ގޮތުގައި ހޯދައިގެންނެވެ. ރީތި ފޭރާންލައި ފަރިވެގެން އުޅެންވީ ވެސް މާތް ﷲ އެންގެވި ގޮތުގައެވެ.

މާތް ﷲ އެންގެވިތަންތަން ނިވާކުރަންވީއެވެ. ލާންވީ ހުއްދަ ކުރެއްވެވި ފޭރާމެވެ. ފަރިކަން ދައްކަންވީ މާތް ﷲ ހުއްދަކުރެއްވެވި މީހުންނަށެވެ.

ވިޔަފާރި ކުރަންވީއެވެ. މުއްސަނދި ވާންވީއެވެ. ނަމަވެސް މާތް ﷲ ހުއްދަ ކުރެއްވެވި ގޮތުގެ މަތީންނެވެ. ހުއްދަކުރެއްެވެވި މަސައްކަތުންނެވެ.

ރިބާ ނުހިމެނޭ މުޢާމަލާތުތަކުންނެވެ. ތަނަވަސްކަން ދެއްވެވުމުން މާތް ﷲ ގެ މަގުގައި ހޭދަކުރަންވީއެވެ. ޒަކާތް އެއިގެ ޙައްޤުވެރިންނަށް އަދާކުރަންވީއެވެ.

ދެން އޮތީ އެންމެ މުހިންމުބައެވެ. ކޮންމެ އިންސާނަކުހެން އެންމެ ބޮޑަށް ބޭނުންވާނެ ކަންތަކެވެ. ޖިންސީ އެދުންތައް ފުއްދުމާއި ލޯބިކުރުމެވެ.

މިކަންކަން ހަމަ ބަރާބަރަށް ކުރިއަށް ގެންދަންވީއެވެ. ނަމަވެސް މާތް ﷲ އެންގެވި ގޮތުގައެވެ. ކައިވެނީގެ ގުޅުމުގެ ތެރެއިންނެވެ.

އެގޮތުގައި އަމަލުތައް ބަހައްޓާނަމަ ބައި އަޅައިގެން މިދުނިޔެއަށް ބައެއް އާޚިރަތަށް ބައެއް ބަހާކަށް ނުޖެހޭނެއެވެ. ކުރެވޭ ހުރިހާ ކަންކަން އޮޓޮމެޓިކުންވެސް ކުރެވެމުންދާނީ ހަމަ އާޚިރަތަށްޓަކައެވެ. ކުރެވޭ ކޮންމެ ކަމަކަށް ހުންނާނީ ސަވާބު ލިބިލިބިއެވެ. ދުނިޔެއިންވެސް ލިބެމުންދާނީ އުފާވެރިކަމެވެ. ޢާޚިރަތަށް ގެންދާނެ "މުދާ" ދާނީ ޖަމާކުރެވެމުންނެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން