ރޮނާލްޑޯގެ މޮޅު ކުޅުމާއެކު ޔުވެންޓަސް ބަލިކޮށް ރިއާލްއިން ސެމީއާ ގާތަށް

ކިޔުމަށް ހޭދަވާނީ 2މ 43ސ
ރޮނާލްޑޯގެ މޮޅު ކުޅުމާއެކު ޔުވެންޓަސް ބަލިކޮށް ރިއާލްއިން ސެމީއާ ގާތަށް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރިއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ މޮޅު ކުޅުމާއެކު ޔުވެންޓަސް ބަލިކޮށް ރިއާލްއިން މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުން ރިއާލް މޮޅުވީ 0-3 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ވަރަށް ކުރީކޮޅު ރިއާލްއިން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. މެޗުގެ 3 ވަނަ މިނެޓުގައި، ރިއާލްގެ މިޑްފިލްޑަރު އިސްކޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ.

ރޮނާލްޑޯގެ ލަނޑަށްފަހު، ޔުވެންޓަސްއިން ވަނީ ކުޅުން ރަނގަޅުކޮށް ރިއާލްގެ ގޯލަށް ނުރައްކާކުރަން ފަށައިފައެވެ. އެ ގޮތުން، ޔުވެންޓަސްގެ ގޮންޒާލޯ ހިގުއައިން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކޭލާ ނާވަސް ދިފާއުކުރި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޔުވެންޓަސްގެ ޕައުލޯ ޑިބަލާއާއި ޑޮގްލަސް ކޯސްޓާއަށް ލިބުނެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިއާލްގެ މިޑްފިލްޑަރު ޓޯނީ ކްރޫސްގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާއެއް ފެނިގެން ގޮސްފައިވެއެވެ. ކްރޫސް ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. ފުރަތަމަ ހާފު ނިމުނީ ލަނޑެއްގެ ލީޑުގައި ރިއާލް އޮވެގެންނެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ރިއާލްގެ ދެވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން ރޮނާލްޑޯއެވެ. ރޮނާލްޑޯ މި ލަނޑު ޖަހާފައިވަނީ ޑެނިއެލް ކަވޭހަލް ނަގައިދިން ހުރަހަކުން އޯވާހެޑް ކިކަކުންނެެވެ.

އޭގެ ދެ މިނެޓު ފަހުން، ޔުވެންޓަސްގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ޑިބަލާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލައިފައެވެ. އެހެންވެ، ޔުވެސްޓަސްއަށް މެޗުގެ ބާކީ އޮތް ބައި ކުޅެން ޖެހުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ.
މި މެޗުގައި ރިއާލްއިން ކާމިޔާބުކުރި ތިންވަނަ ލަނޑު ފެނިގެން ގޮސްފައިވަނީ މެޗުގެ 72 ވަނަ މިނެޓުގައެވެ. މި ލަނޑު ރިއާލަށް ކާމިޔާބުކޮށްދިނީ، މެޗުގައި މޮޅު ކުޅުމެއް ދައްކަމުން އައި ރޮނާލްޑޯ ތަނަވަސްކޮށްދިން ފުރުސަތަކުން މާސެލޯއެވެ.

ރޭގެ މެޗުގައި ރޮނާލްޑޯ ލަނޑު ޖެހުމުން، އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި އާ ރެކޯޑެއް ހަދައިފައެވެ. އެއީ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ 10 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާގެ ރެކޯޑެވެ. ރޭގެ މެޗުގައި ޖެހި ދެ ލަނޑާއެކު ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ރޮނާލްޑޯ ކާމިޔާބުކުރި ލަނޑުތަކުގެ އަދަދު 119 އަށް އަރައިފައެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ސެވިއްޔާއާއި ބަޔާން މިއުނިޗް ބައްދަލުކުރި މެޗު ނިމުނީ 1-2 ގެ ނަތީޖާއިން ބަޔާން މޮޅުވެގެންނެވެ. މި މެޗުގައި ބަޔާންގެ ލަނޑުތައް ކާމިޔާބުކޮށްދިނީ، ތިއާގޯ އަލްސާންތަރާއާއި، ސެވިއްޔާގެ ޖީސަސް ނާވަސް އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. މެޗުގައި ފެނިގެންދިޔަ ސެވިއްޔާގެ ހަމައެކަނި ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރަބިއާއެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގެ ފަހު ދެ މެޗު މިރޭ ކުޅޭނެއެވެ. ބާސެލޯނާގެ ދަނޑުގައި އެ ޓީމު ރޯމާއާއި ދެކޮޅަށް ނުކުންނައިރު، ލިވަޕޫލްގެ ދަނޑުގައި ލިވަޕޫލް ނުކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. މި ދެ މެޗު ވެސް މިރޭ ފަށާނީ ރާއްޖެ ގަޑިން މެންދަން 11:45 ގައެވެ.
މިއަދު އޮންލައިން