އެއްވެސް ފަރުވާއެއް ނެތް ދެ ކަމެއްވެއެވެ. އެއީ އުމުރުން ދުވަސްވުމާއި މަރުވުމެވެ. ނަމަވެސް އެކަން އެނގެނީ މިހާރު މަދު މީހަކަށެވެ.
އުމުރުން ދުވަސްވީމާ އެކަން ފޮރުވަން މިވެނި އެވެނި ކިރިމިއެއް އެބަ އުނގުޅައެވެ. އަތުގައި ހުރި ހުރިހާ ފައިސާއެއްވެސް އެބަ ހޭދަ ކުރެއެވެ.
ނަމަވެސް އެއީ ބޭކާރު ކަމެކެވެ. މިލިއަނުން ޑޮލަރު ޚަރަދުކޮށްގެން ޕްލާސްޓިކް ސަރޖަރީ ހަދައި މޫނުގެ ރޫތައް އެބަ ފިލުވައެވެ.
ބޮޑުހަރަދުކޮށްގެން މޫނުން ރޫފިލުވުމަށް އޮޕަރޭޝަން ކުރުމުގެ ސަބަބުން މަރުވެފައިވަނީ ކިތައްމީހުންހެއްޔެވެ. ނިކަން މޮޅިއްޔާ ބިލިއަނުން ޚަރަދުކޮށްގެންވެސް އުމުރުން ފާއިތުވި އެންމެ ދުވަހެއްވެސް ނިކަން އަނބުރައި ގެނެސް ބަލާށެވެ.
އެހެންކަމަށްވާއިރު އުމުރުން ދުވަސްވީމާ ޚަރަދުކުރަންވީ މޫނުން ނޫނީ ހަށިގަނޑުން ރޫ ފިލުވަންހެއްޔެވެ؟ ނޫނީ މަރަށް ތައްޔާރުވާން މާތް ﷲ ގެ މަގުގައި ހެއްޔެވެ؟ ހަމަ ބުއްދީގައި ތިބެ ނިކަން ވިސްނައިލަބަލާށެވެ.
މަރުވުމުގެ ކުރިން ކޮންމެ މީހަކަށްވެސް ޢަލާމާތްތަކެއް ފެންނާނެއެވެ. އިޙްޞާޞްވެސް ކުރެވޭނެއެވެ. ނަމަވެސް އެކަންކަން އެނގޭނީ ބަލައިގަންނަން އެނގޭ އީމާންތެރިންނަށެވެ.
އަހަރެމެންގެ ކުރިމަތީގައި މީހަކު މަރުވީ ހަަމަ ކުއްލިއަކަށް ކަމަށްވެދާނެއެވެ. ނަމަވެސް އެމީހާއަކީ އީމާންތެރިއެއްނަމަ އެމީހަކަށް ހުންނާނީ މެސެޖުތަކެއް ލިބިފައެވެ. ކަންތައްތަކެއް އިޙްޞާޞްވެސް ކުރެވިފައެވެ.
ހަމަ ރަނގަޅު ޢާންމު ދިރިއުޅުން އުޅެމުން އަންނަ ބައެއް ޒުވާނުން ކުއްލި މަރުން މަރުވުމުން ކަންކަން ހޯދައިބަލާއިރު އޭނާ މާކުރިން މަރަށް ތައްޔާރުވެފައިވާކަން ދަނީ އެނގެމުންނެވެ. އެވާހަކަ އޭނަ ގާތު ބުނީ ކާކުހެއްޔެވެ؟
ބައެއް މީހުންނަށް ހީވަނީ ވަކި ފާޑެއްގެ ނުވަތަ ވަކި ބައްޔެއް ޖެހިއްޖެނަމަ އެއީ މަރު ކައިރިވެއްޖެ ކަމުގެ އަލާމާތެއް ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ. ގަދަވަނީ ޑޮކްޓަރުން އުންމީދު ކަނޑާލާފައި ތިބި ކިތައް މީހުން ހެއްޔެވެ؟
ބައެއް މީހުން ތައުބާވެ ހެޔޮ އަމަލުނުކޮށް މަޑުކުރަނީ މަރު ކައިރިވަންދެންނެވެ. ނޫން ނަމަ އުމުރުން ވަކި އަހަރެއްވަންދެންނެވެ. އެކަމަކު އެއީ މޮޔައިންނެވެ. ސަބަބަކީ އެއްވެސް މީހެއްގެ އުމުރު އެއްވެސް މީހަކަށް ނުއެނގޭނެތީއެވެ.
ލޮބުވެތިންނޭވެ؟ ވަރަށް ގިނަ މީހުން އެމީހުން ދިރިތިބޭނީ ކިހައި ދުވަހަކުތޯ ބަލަން މަސައްކަތްކުރެއެވެ. ފާލުބަލާމީހުންނާއި ކަހީނުން ކައިރިއަށްގޮސްވެސް ކަންކަން ބަލަން މަސައްކަތްކުރެއެވެ. އެމީހުންނަށް އެނގޭނީ ކޮން އެއެއްޗެއް ހެއްޔެވެ؟ އެމީހުން މަރުވާނެ ދުވަސް އެމީހުންނަށް އެނގޭ ހެއްޔެވެ؟
- ލަވް އިސްލާމްގެ ދަރުސަކުން -