ރޯމާގެ ޑިފެންސް ލައިން ހެދި ގޯސްތަކުގެ އެހީއާއެކު ބާސާއިން ފުރަތަމަ ލެގު ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 55ސ
ރޯމާގެ ޑިފެންސް ލައިން ހެދި ގޯސްތަކުގެ އެހީއާއެކު ބާސާއިން ފުރަތަމަ ލެގު ކާމިޔާބުކޮށްފި


ޔޫއެފާ ޗެމްޕިއަންސް ލީގު ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޯމާގެ ޑިފެންސް ލައިން ހެދި ގޯސްތަކުގެ އެހީއާއެކު ބާސެލޯނާއިން ފަސޭހަކަމާއެކު ފުރަތަމަ ލެގު ކާމިޔާބުކޮށްފިއެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުން ރޯމާގެ މައްޗަށް ބާސާއިން ކުރިހޯދީ 1-4 ގެ ނަތީޖާއިންނެވެ. މި މެޗުގައި ބާސާއިން ކާމިޔާބުކުރި ފުރަތަމަ ދެ ލަނޑަކީ ރޯމާގެ ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަން ދެ ލަނޑެކެވެ. އެ ގޮތުން، މެޗުގެ 38 ވަނަ މިނެޓުގައި ރޯމާގެ ކެޕްޓަން ޑެނިއެލް ޑެރޮސީގެ އަތުން ބައިކޮޅަށް ވަން ލަނޑުން ބާސާއަށް ލީޑު ނެގުނުއިރު، ބާސާއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 55 ވަނަ މިނެޓުގައި ރޯމާގެ ކޮސްޓަސް މަނޮލަސްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ.

ރޯމާގެ ޑިފެންޑަރުންގެ އަތުން ހެދުނު ގޯސްތަކާއެކު ބާސާއިން ދެ ލަނޑުގެ ލީޑެއް ނެގިތާ ހަތަރު މިނެޓު ފަހުން، ބާސާގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއެވެ. ބާސާއަށް މި ލަނޑު ކާމިޔާބުކޮށްދިނީ ބާސާގެ ސެންޓްރަލް ޑިފެންޑަރު ޖެރާޑް ޕީކޭއެވެ. ޕީކޭ މި ލަނޑު ކާމިޔާބުކުރީ، ބާސާގެ ލުއިސް ސުއަރޭޒް ފޮނުވާލި ހަމަލާއެއް ރޯމާގެ ކީޕަރު އެލިސަން ބެކާގެ އަތުގައި ޖެހިފައި އައި ބޯޅައިގައި ޕެނަލްޓީ އޭރިއާގެ ތެރޭގައި މުޅިން ހުހަށް ކަހަލަ ގޮތަކަށް ޕީކޭ ހުރި ގޯލްގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ރޯމާގެ ޑިއޭގޯ ޕެރޯޓީ ތަނަވަސްކޮށްދިން ފުރުސަތުން އެޑެން ޖެކޯ ލަނޑެއް ޖަހައި، ރޯމާއަށް އުންމީދު އާކޮށްދިން ނަމަވެސް، މެޗުގެ 87 ވަނަ މިނެޓުގައި ބާސާގެ ލުއިސް ސުއަރޭޒް ކާމިޔާބުކޮށްދިން ލަނޑުން ބާސާއަށް ސެމީގެ ފުރުސަތު ބޮޑުކޮށްދިނެވެ. ސުއަރޭޒް މި ލަނޑު ކާމިޔާބުކުރީ، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ބާސާގެ ޑެނިސް ސުއަރޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

މި މެޗުގައި ބާސާގެ ލިއޮނަލް މެސީއަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި، ނުރައްކާތެރި ހަމަލާތަކެއް އުފެއްދި ނަމަވެސް ވަނީ، ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
ފުރަތަމަ ލެގުން ރޯމާ ބަލިވުމާއެކު، މުބާރާތުގެ ސެމީއަށް ރޯމާއަށް ދަތުރުކުރެވެން ދެން އޮތީ ދަތި މަގެކެވެ. އެ ގޮތުން، ސެމީ ޖާގައެއް ރޯމާއަށް ދެން ލިބެން އޮތީ ރޯމާގެ ދަނޑުގައި ކުޅޭ ލެގުން 0-3 ގެ ނަތީޖާއިން މޮޅުވެގެންނެވެ. ނުވަތަ ހަތަރު ލަނޑުގެ ތަފާތުން މޮޅުވެގެންނެވެ.

ރޯމާގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮތީ އަންނަ އަންގާރަ ދުވަހުގެ ރެއެވެ.
މިއަދު އޮންލައިން