ސިޓީ ބަލިކޮށް ލިވަޕޫލްގެ ފެންވަރު ދައްކާލައި ސެމީއާ ގާތަށް ޖެހިލައިފި
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަަތަމަ ލެގުގައި މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލްއިން އެ ޓީމުގެ ފެންވަރު ދައްކާލައި، މުބާރާތުގެ ސެމީ ފައިނަލާ ގާތަށް ޖެހިލައިފިއެވެ.
މި ސީޒަންގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ވަރުގަދަ ސިޓީގެ މައްޗަށް ލިވަޕޫލްއިން ކުރިހޯދީ 0-3 ގެ ނަތީޖާއިންނެވެ. މި ތިން ލަނޑު ވެސް ލިވަޕޫލް ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ 12 ވަނަ މިނެޓުގައި ލިވަޕޫލަށް މެޗުގެ ލީޑު ނަގައިދިނީ މި ސީޒަންގައި ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ މުހައްމަދު ސަލާހެވެ. މެޗުގެ 20 ވަނަ މިނެޓުގައި ލިވަޕޫލްގެ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިންގެ ލަނޑުން ލިވަޕޫލްއިން ލީޑު ފުޅާކުރިއިރު، ލިވަޕޫލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 31 ވަނަ މިނެޓުގައި ސާޑިއޯ މާނޭއެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ސިޓީއިން ވަނީ ކުޅުން ރަނގަޅުކޮށް ބޮޑަށް ކުރިއަށްޖެހިގެން ލަނޑު ޖަހަން މަސައްކަތްކޮށްފައެވެ. ދެވަނަ ހާފުގެ ތެރޭގައި ލިވަޕޫލްގެ މުހައްމަދު ސަލާހަށް އަނިޔާވުމާ ގުޅިގެން އޭނާ ބަދަލުކުރަން ޖެހުނެވެ. އެއަށްފަހު، ލިވަޕޫލް ދިޔައީ ފަހަތަށް ޖެހިގެން ޑިފެންސިވް ކުޅުމެއް ކުޅެމުންނެވެ. ދެވަނަ ހާފުގައި އަވޭ ގޯލެއް ކާމިޔާބުކުރުމަށް ސިޓީއިން ކުރަމުންދިޔަ މަސައްކަތް ނާކާމިޔާބުވެ، މެޗުގެ ފުރިހަމަ ވަގުތު ހަމަވީ ސިޓީއަށް އެއްވެސް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.
ރޭގެ މެޗުގެ ނަތީޖާއާއެކު، ސިޓީއަށް ދެން ސެމީގެ ޖާގައެއް ލިބެން އޮތީ، ސިޓީގެ ދަނޑުގައި ކުޅޭ ލެގުގައި މަދުވެގެން ހަތަރު ލަނޑުގެ ލީޑުން މޮޅުވެގެންނެވެ. 0-3 ގެ ނަތީޖާއިން ސިޓީއިން އެ ލެގުގައި ކުރިހޯދައިފިނަމަ، ދެން ނަތީޖާ ނެރުމަށްޓަކައި، އިތުރު މިނެޓު ކުޅެން ޖެހޭނެއެވެ.
ޗެމްޕިއަންސް ލީގުގައި ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ލިވަޕޫލް ފާއިތުވެދިޔަ 10 އަހަރުގައި މުބާރާތުގެ ކުއާޓާ ފައިނަލަށް ވެސް ދަތުރުކުރި މިއީ ފުރަތަމަ ފަހަރެވެ. ފަސް ފަހަރު މަތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ލިވަޕޫލް އެންމެ ފަހުން މި މުބާރާތް ކާމިޔާބުކޮށްފައިވަނީ 2005 ވަނަ އަހަރުގައެވެ. މެންޗެސްޓާ ސިޓީއަށް އަދި މި މުބާރާތް ކާމިޔާބުކުރެވިފައެއް ނެތެވެ.
ސިޓީގެ ދަނޑުގައި މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮތީ އަންނަ އަންގާރަ ދުވަހުގައެވެ.