އިނގިރޭސި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ރޭ ވިލްކިންސް މަރުވެއްޖެ
އިނގިރޭސި ޤައުމީ ފުޓުބޯޅަ ޓީމުގެ ކުރީ ކެޕްޓަން ރޭ ވިލްކިންސް މަރުވެއްޖެއެވެ.
ވިލްކިންސްގެ އާއިލާއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ވިލްކިންސް މަރުވީ އޭނާއަށް ހާޓް އެޓޭކެއް ޖެހުމުން ލަންޑަންގެ އެސްޓީ ޖޯޖް ހޮސްޕިޓަލުގައި ރޭ ފަރުވާދެމުން ދަނިކޮށެވެ. ވިލްކިންސް މަރުވިއިރު، އޭނާގެ އުމުރަކީ 61 އަހަރެވެ.
އިނގިރޭސި ޤައުމީ ޓީމުގެ ކެޕްޓަންކަން ކޮށްފައިވާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ވިލްކިންސްއަކީ ޗެލްސީ، މެންޗެސްޓާ ޔުނައިޓެޑް، އެސީ މިލާން ފަދަ ބޮޑެތި ކްލަބްތަކަށް ކުޅެދީފައިވާ ހުނަރުވެރި ކުޅުންތެރިޔެކެވެ. ފުޓުބޯޅަ ކުޅުން ހުއްޓާލުމަށްފަހު، ވިލްކިންސް ވަނީ ކިއުޕީއާރު، ފުލަމްގެ ކޯޗުކަމުގެ އިތުރުން ޗެލްސީގެ އެސިސްޓަންޓް ކޯޗުކަމުގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައެވެ.
ވިލްކިންސް ދުނިޔެ ދޫކޮށް ދިޔައިރު، އޭނާގެ އަންހެނުން ޖެކީއާއި، އަންހެން ދަރިފުޅު ޖޭޑްއާއި، ފިރިހެން ދަރިފުޅު ރޯސްގެ އިތުރުން، ދެ ދަރިންނަށް ލިބިފައިވާ ވިލްކިންސްގެ ހަ ކާފަ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.
ވިލްކިންސް މަރުވުމާ ގުޅިގެން، ފުޓުބޯޅައަށް ލޯބިކުރާ ގިނަ ފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކުރަމުންނެވެ.