ޢުންމަތާ ޙަޟާރަތް ބިނާކުރެވޭނީ ޢިލްމީ މަސައްކަތްތައް ކުރިއަށް ގެންގޮސްގެން ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ލިޔުއްވާފައިވާ 2 ފޮތެއް ނެރުމަށް މިއަދު އެ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަހީމް ވިދާޅުވީ ކުރިއަރާފައިވާ ޖަޕާނު ފަދަ ޤައުމުތަކުގެ މިނިސްޓްރީތަކުގައި ފޮތްތައް ތަރުޖަމާކުރުމަށް އޮންނަ ބަޖެޓު ރާއްޖޭގެ ތައުލީމީ ވުޒާރާގެ ބަޖެޓަށްވުރެ ވެސް ބޮޑު ކަމަށެވެ.
އެކަމުގެ ސަބަބުން ހުޅުނގުގެ ޤައުމެއްގައި އެ ޤައުމެއްގެ ބަހުން ފޮތެއް ނެރޭތާ 7 ދުވަސް ނުވަނީސް އެފޮތެއް ޖަޕާނު ބަހަށް ތަރުޖަމާކޮށްގެން ނެރޭ ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ ޢައްބާސީ ދައުލަތުގައި ނުވަތަ އިސްލާމީ ޙަޟާރަތުގެ ރަން ޒަމާނުގައިވެސް މުސްލިމުން ކުރިއަރައިދިއައީ ފޮތްތައް ލިޔުމާއި ތަރުޖަމާކުރުމުގެ ސަބަބުން ކަމަށެވެ. "ދުނިޔޭގައި ތަފާތު ދާއިރާތަކުން ލިޔެފައި ހުރި މުހިންމު ފޮތްތައް ހޯދައިގެން ގެނެސް ތަރުޖަމާކުރީ. އެކަމުގެ ފައިދާ ވަރަށް ބޮޑަށްކުރި. އެތައް ބައިވަރު ޢިލްމީ ދޮރުތައް ހުޅުވިގެންދިއަ. ނަމަވެސް މިއަދު މިކަން އަޅުގަނޑުމެން މިވަނީ ހަނދާން ނައްތާލާފައި."
ޑރ. ޝަހީމް ވިދާޅުވީ މިއަދު އެ ޔުނިވަރސިޓިން ނެރުނު "ކީރިތި ޤްރްއާނުގެ ދިފާޢުގައި" ފޮތަކީ މިޒަމާނުގެ ޢިލްމީ ދިރާސާތައް ދިރާސާކުރާ އުޞޫލުން ދިރާސާކުރެވިގެން ލިޔެ އެކުލަވާލައިފައިވާ ފޮތަކަށް ވުމުން މިއީ ހަމަ ކޮންމެ މުސްލިމަކަށް ވެސް ވަރަށް މުހިންމު ފޮތެއް ކަމަށެވެ.
"ކީރިތި ޤްރްޢާނާއިމެދު ދުޝްމިނުން އުފައްދާ ބައެއް ތުހުމަތުތަކާއި އެފަދަ ތުހުމަތުތަކަށް ރައްދުދޭނެ ގޮތް ވެސް މިފޮތުގައި ބަޔާންކޮށްފައިވޭ.
ޑރ. ޝަހީމް ވިދާޅުވީ "ކީރިތި ޤްރްއާނުގެ ދިފާޢުގައި" ފޮތަކީ ކީރިތި ޤްރްއާނުގެ ޢިލްމު އުނގެނޭ ދަރިވަރުންނަށާއި އަދި މުދައްރިސުންނަށް ވެސް ވަރަށް ބޭނުންތެރި ފޮތެއް ކަމަށެވެ. ހަމައެއާއިއެކު އިސްލާމް ކިޔަވާ ދަރިވަރުންނަށާއި މުދައްރިސުންނަށްވެސް ވަރަށް މުހިންމު ފޮތެއް ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މިފޮތަކީ އެ ޔުނިވަރސިޓީން ޝާއިޢުކުރާ އެޔުނިވަރސިޓީގެ ފުރަތަމަ އަމިއްލަ ދިރާސާ ކަމަށާއި އެ ޔުނިވަރސިޓީން އެގޮތަށް އެކަން ކުރީ އެ ޔުނިވަރސިޓީން ޝާއިޢުކުރާ ފުރަތަމަ ޢިލްމީ ދިރާސާ ފޮތަކީ ކީރިތި ޤްރްއާނުގެ ޢިލްމުގެ ފޮތަކަށް ހެއްދެވުމުގެ ބޭނުންފުޅުގައި ކަމަށެވެ.
ޑރ. ޝަހީމް ވިދާޅުވީ މިއަދު ދެވަނަ އަށް ނެރުނު އިސްލާމީ ފައިނޭންސް އާއިބެހޭ ފޮތަކީ އެދާއިރާއިން ކިޔަވާ ދަރިވަރުންނަށް ބޭނުންވާނެ ހުރިހާ މައުލޫމާތުތަކެއްހެން ހިމެނޭ އެހައިމެ މުހިންމު ފޮތެއް ކަމަށެވެ. އަދި އެފޮތަކީ އިސްލާމީ ފިނޭންސް އިން މުޢާމަލާތުކުރާ މާލީ އިދާރާތަކުގެ މުވައްޒިފުންނަށް ވެސް ވަރަށް މުހިންމު ފޮތެއް ކަމަށެވެ.
އައިޔޫއެމްގެ ފުރަތަމަ އެސޯސިއޭޓް ޕްރޮފެސަރަކަށް ޑރ. ޒަކަރިއްޔާ ހެއްދެވުމަށްޓަކައި އެ ޔުނިވަރސިޓީގެ ކައުންސިލަށް އަންނަ އަންގާރަ ދުވަހު ހުށަހަޅުއްވާނެ ކަމަށްވެސް ޑރ. ޝަހީމް ވިދާޅުވިއެވެ.