އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން ޤަބުރުސްތާނުތަކަށް ޒިޔާރަތްކުރަން ބިރުގަނެއެވެ. އެތަންތަން ދެކެން ވެސް ބޭނުމެއް ނުވެއެވެ. ނަމަވެސް އެއީ އެކަން އޮތް ގޮތެއް ނޫނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މީސްތަކުންނަށް އަންގަވާފައިވަނީ ގިނަގިނައިން ޤަބުރުސްތާނަށް ޒިޔާރަތް ކުރުމަށެވެ.
އެހެނީ ގިނަގިނައިން ޤަބުރުސްތާނުތަކަށް ޒިޔާރަތްކުރުމަކީ ގިނަގިނައިން މަރު ހަނދާންވާނެ ކަމެކެވެ. ގިނަގިނައިން މަރު ހަނދާންވުމަކީ ތިމާ އިޞްލާޙްވުމަށް މަގުފަހިކޮށްދޭނެ ކަމެކެވެ.
ޤަބުރުސްތާނުތަކަށް ބަލަން މިއަދު ދެކޮޅު ހަދަނީ އަދި ފިލަން ދުވަނީ މަރު ހަނދާންކުރަން ބޭނުން ނުވާތީކަމަށްވެދާނެއެވެ. ނަމަވެސް އުފެދޭ ސުވާލަކީ މަރު އައިސް ތިބާ އާއި ހަމަކޮށްފިނަމަ ފިލަން ދުވެވިދާނެ ހެއްޔެވެ؟
މަރުވުމުން އެއީ އެމީހާގެ ނިމުންކަމަށްވަނީ ދިރި ތިބި މީހުންނަށް އެކަންޏެވެ. މަރުވުމާއިއެކު މަރުވި މީހާއަށް އެފެށެނީ ހާދަ ބިރުވެރި ކަންތައްތަކެކެވެ. ދުނިޔޭގައި މާތް ﷲ އެންގެވި ގޮތުގައި އުޅެފައި ނުވާ މީހުންނަށް ކައްވަޅުގައި އެލިބެނީ ހާދަގަދަފަދަ އަޒާބެކެވެ. އެކަން ބަޔާންކޮށްދެއްވަވައި ކައު އިތުރު ރަސުލާ (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ކައްވަޅުގައި ލިބޭ އަޒާބު އެނގޭނަމަ މީސްތަކުން އެމީހުންގެ ތިމާގެ އެއްވެސް މީހަކު މަރުވުމުން ވަޅުވެސް ނުލާނެ ކަމަށެވެ.
މިވާހަކަތައް އަޑުއަހައި ބިރުގަތުމަކީ ބިރުގަންނަ ކަމަށް ދުލުން ބުނުމެއް ނޫނެވެ. އަދި މީސްތަކުންގެ ކުރިމަތީގައި ތުރުތުރުއެޅުމެއް ވެސް ނޫނެވެ. ހަޤީޤީ ބިރުގަތުމަކި ތިމާގެ އަމަލުތައް އިޞްލާޙްކުރުމެވެ. އެފަދަ އަޒާބެއް ނުލިބޭނޭ ގޮތަށް ތިމާގެ އަމަލުތައް ބެހެއްޓުމެވެ. އެކަން ކުރުމަކީ އަދި ނުކުރުމަކީ އިންސާނުންގެ އަމިއްލަ އިޚްތިޔާރަށް މާތް ﷲ ދޫކޮށްލައްވަވާފައިވާ ކަމެކެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން -