ޤިޔާމަތް ކައިރިވަމުން އަންނައިރު އެންމެ ބޮޑަށް ޢާންމުވާނެ އެއް ކަމަކީ ފާހިޝް ޢަމަލުތަކެވެ. ފާހިޝް އަމަލުތައް އިތުރުވަމުން އައިސް އެއީ އިސްލާމް ދީނުގައި ހުއްދަ ކަމެއް ކަމަށް ބެލެވޭ ވަރަށް ގިނަވެ ފެތުރިގެންދާނެއެވެ.
މިއީ އަހަރެން ބުނާ ބަހެއް ނޫނެވެ. މިއީ ކައު އިތުރު ރަސޫލާގެ ހަދީޘް ބަސްފުޅެކެވެ. އެކަންކަން އެގޮތަށް ވަމުން އަންނަތަން މިއަދު ނުފެނޭހެއްޔެވެ؟ ފާހިޝް އަމަލުތައް ކުރުމަކީ ބޮޑުފާފައެއްގެ ގޮތުގައި ދެކެނީ މިއަދު ކިތައް މީހުން ހެއްޔެވެ؟
މިހާލަތުގައި އަދިވެސް ކުރެވިދާނެ ކަންކަން އެބަހުއްޓެވެ. ކޮންމެ މީހަކުވެސް މަސައްކަތްކުރަންވީ އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައި ތިބި މީހުންނަކީ އެފަދަ އަމަލުތަކަށް އަރައި ނުގަންނަ އިއްފަތްތެރި ބައަކަށް ހެދުމަށެވެ. އެއީ ތިމާ އާއި މާތް ﷲ ޙަވާކުރައްވަވާފައިވާ ފަރުދީ މަސްއޫލިއްޔަތެއް ކަމަށް އަމިއްލައަށް ބަލައިގަނެ އެމީހެއްގެ ބެލެނިވެރިކަމުގެދަށުގައި ތިބި ބައަކު ނަރަކައިން ސަލާމަތްކުރުމަށް ގަދައަޅައި މަސައްކަތްކުރަންވީއެވެ.
މި މަސައްކަތަށްޓަކައި އެންމެ މުހިންމީ މައިން ބަފައިން ސާފުތާހިރު ގޮތުގައި ތިބުމެވެ. ދަރިންނަށް ނަމޫނާ ދައްކާ ބައަކަށް ވުމެވެ. އައުރަ ނިވާކުރާ ބައަކަށްވުމެވެ. ނޫން ނަމަ މާތް ﷲ ގެ ކޯފާ އާއި ގަދަފަދަ އަޒާބާއި ކުރިމަތިލާން ނުޖެހިއެއް ނުދާނެއެވެ. އެކަން ކީރިތި ޤްރްއާން ޔަޤީންކޮށްދެއެވެ. ވީމާ ޝައްކު ކުރާނެ އެއްވެސް ފުރުސަތެއް ނެތެވެ.
- މުފްތީ މެންކުގެ ދަރުސަކުން -