ތިބާއަކީ މަރުގެ ވަގުތު ސުވަރުގޭގެ ހުވަނދުން ހުވަނދުލެވި އަދި ފޭރާން ވެސް ލެވޭ މީހަކަށް ވާން ބޭނުންތަ؟: ބިލާލް އައްސަދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
ތިބާއަކީ މަރުގެ ވަގުތު ސުވަރުގޭގެ ހުވަނދުން ހުވަނދުލެވި އަދި ފޭރާން ވެސް ލެވޭ މީހަކަށް ވާން ބޭނުންތަ؟: ބިލާލް އައްސަދު
ދުނިޔޭގައި އުޅުމަށް މާތް ﷲ އެންގެވި ގޮތުގައި ޙަޔާތް ވޭތިކުރި ސުވަރުގޭގެ އަހުލުވެރިން މަރުވުމުގެ ކުރިން ސިފަފުޅު ވަރަށް ރީތި 2 މަލާއިކަތުން ފައިބައި ވަޑައިގެންނަވާނެތެވެ. ތިބާގެ ގާތަށް ވަޑައިގެން އެބޭކަލުން ސުވަރުގެއިން ގެންނެވި ސުވަރުގޭގެ ހުވަނދުން ހުވަނދުލައްވަވާނެތެވެ.

އެއަށްފަހު އެބޭކަލުން ސުވަރުގެއިން ގެންނެވި ފޭރާމުން ތިބާ ފޭރާން ލައްވަވާނެތެވެ. އެކަންކަން ނިމުމުން މަރުގެ މަލާއިކަތާ ތިބާގެ ފުރާނައަށް ހަށިގަނޑުން ނުކުތުމަށް ވިދާޅުވާނެތެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރެއްެވެވީ މުއުމިނުންގެ ފުރާނަ ހަށިގަނޑުން ނުކުންނާނީ ޖަގަކުން ފެން އޮހޭގައި ފަސޭހަކަމާއިއެކުގައި ކަމަށެވެ. އެއްވެސް އުނދަގުލެއް ނެތިއެވެ.

ތިބާގެ ފުރާނަ ހަށިގަނޑުން ނުކުތުމުން ހަމަ އެފޭރާމުން ތިބާގެ ފުރާނަ ފޭރާން ލައްވަވައި އަދި ހުވަނދުވެސް ލައްވައިގެން އެ ދެ މަލާއިކަތުން އުޑަށް އަރައިވަޑައިގަންނަވާނެތެވެ. އެދަތުރުފުޅުމަތީގައި ވަރަށް ގިނަ މަލާއިކަތް ބޭކަލުންނާއި އަދި މަލާއިކަތް ބޭކަލުންގެ ޖަމާއަތްތަކާއި ބައްދަލުވާނެތެވެ. އެއިން ކޮންމެ މަލާއިކަތަކުވެސް މިރީތި ރޫޙަކީ ކާކުގެ ރޫހެއްތޯ ސުވާލުކުރައްވަވާނެތެވެ. ތިބާއަށް ދުނިޔޭގައި ކިޔައި އުޅުނު އެންމެ ރިވެތި ނަމަކުން ވިދާޅުވެ ތިބާއަކީ ކާކުކަން މަލާއިކަތް ބޭކަލުން ވިދާޅުވެދެއްވާނެތެވެ.

އެ ގޮތުގައި އުޑުތަކާއި ހަމައަށް ވަޑައިގަންނަވާނެތެވެ. ކޮންމެ އުޑެއްގެ ދޮރުކޮޅުންވެސް ހަމަ އެ ސުވާލުކުރާނެތެވެ. ދެއްވަވާނީ ހަމަ އެޖަވާބެވެ.

އެގޮތުގައި ތިބާގެ ފުރާނަ މާތް ﷲ ގެ ޙަޟްރަތަށް ގެންދަވާނެތެވެ. އެހިނދު ތިބާއަށް ސުވަރުގެއިން ޙައްޤު މަޤާމު ތިބާއަށް ދެއްކުމަށް މާތް ﷲ އަންގަވާނެތެވެ. އަދި ތިބާގެ ފުރާނަ އަނބުރައި ގެންގޮސް ތިބާގެ ހަށިގަނޑަށް ރުޖޫޢަ ކުރެއްވުމަށް މާތް ﷲ އަންގަވާނެތެވެ.

އެއީ "މުންކަރު ވަ ނަކީރު" ދެމަލާއިކަތުން ވަޑައިގެން ކައްވަޅުގައި ތިބާ އާއި ސުވާލުކުރެއްވެވުމަށްޓަކައެވެ. އެ ދެމަލާއިކަތުން އެންމެންނަށްވެސް ފެންނާނީ ބިރުވެރި ސިފައެއްގައެވެ. ނަމަވެސް ޞާލިޙް އަޅުން ބިރެއް ނުގަންނާނެއެވެ.

ކައްވަޅުގައި ސުވާލުކުރެއްވުމާއި ކަންކަން ހިނގާނެ ގޮތް މީގެ ކުރިން އެތައް ފަހަރަކު ކިޔައިދެވިއްޖެއެވެ. އެހެންކަމުން އެބައި ކުރުކޮށްލާނަމެވެ.

މުހިންމީ ތިބާއަކީ މިނިއުމަތްތަކުގެ ބޭނުން ހިފަން ޤަޞްދުކުރާ މީހެއްކަމުގައިވުމެވެ. އެއްވެސް މީހަކީ މަރުން ސަލާމަތްވާނެ މީހެއް ނޫނެވެ.

މުއުމިނުންނަށްވެސް ކައްވަޅުގައި އެމީހުންނަށް ނަރަކައިގައި ކަނޑައެޅިފައި ހުރި ޖާގަ މަލާއިކަތް ބޭކަލުން ދައްކަވާނެތެވެ. އަދި ވިދާޅުވާނެތެވެ. އެހެރީ ނަރަކައިގައި ތިބާއަށް ހުރި ޖާގައެވެ. ނަމަވެސް ތިބާ ކުޅަ ހެޔޮ އަމަލުތަކުގެ ސަބަބުން ތިބާ ވަނީ އެތަނުން ސަލާމަތްވެގެންނެވެ. އެއަށްފަހު ސުވަރުގެއިން ތިބާއަށް ހުރި ޖާގަ ދައްކަވައި އުފާވެރިަކމުގެ ޚަބަރު ދައްކަވާނެތެވެ.

އެނގޭ ހެއްޔެވެ؟ ސުވަރުގެއިން ތިބާއަށް ހުރި ޖާގަ ފެނުމާއިއެކު އަވަހަށް ދުނިޔެ ނިންމަވައިދެއްވައި އާޚިރަތް ދުވަސް އައިސް ހިސާބު ބެލެވި ސުވަރުގެއަށް އަވަހަށް ލައްވަވައިދެއްވެވުން އެދި މާތް ﷲ އަށް ދުޢާކުރާނެތެވެ.

ލޮބުވެތިންނޭވެ. މިއީ ހަމަ ކޮންމެ މީހަކަށްވެސް ހޯދެން ހުރި ހުރި ފުރުޞަތުތަކެކެވެ. ވަކި މީހަކަށް ޚާއްޞަވެފައިވާ ފުރުޞަތުތަކެއް ނޫނެވެ. ޚާއްޞަ ކުރެވިފައިވަނީ ހަމައެކަނި މި ފުރުޞަތުތައް ހޯދަން ބޭނުންވެގެން ގަދައަޅައި ދުނިޔޭގައި މަސައްކަތްކުރި އެންމެންނަށެވެ. އެއިގެ ތެރޭގައި ތިބާ ވުމާއި ނުވުމުގެ އިޚްތިޔާރު މާތް ﷲ ވަނީ ހަމަ އެންމެންނަށްވެސް ދެއްވަވައިފައެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން