އަނިޔާވެރިވަނީ ހިލަ ހިތުގެ ވެރިންނެވެ. ހިތް "ހިލަވުމަކީ" ﷲގެ ކޯފާއެކެވެ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އަނިޔާވެރިވަނީ ހިލަ ހިތުގެ ވެރިންނެވެ. ހިތް "ހިލަވުމަކީ" ﷲގެ ކޯފާއެކެވެ.
އަހަރެމެންގެ ތެރެއިން ބައެއް މީހުންނަކީ ވަރަށް ގިނައިން އަޅުކަންކޮށް އުޅޭ މީހުންނެވެ. އެހެންކަމާއިއެކުވެސް އެމީހުންގެ ހިތަކީ ވަރަށް "ހިލަ" ހިތެކެވެ. އިންސާނުންގެ ކަރާމާތަކީ އެމީހުންނަށް އެއްވެސް މުހިންމު އެއްޗެއް ނޫނެވެ.

އެފަދަ މީހުން މީހަކަށް އަނިޔާވެރިވުމަކަށް ފަހެއް ނުޖެހޭނެއެވެ. ޚުދު ތިމާގެ އަމިއްލަ ޢާއިލާގެ މީހުންނަށްވެސް މެއެވެ. ކޮންމެ ފަދަ އަމަލެއްވެސް ކޮށްފާނެއެވެ. އަދި ކޮންމެ ފަދަ ބަހެއްވެސް ބުނެފާނެއެވެ. އެހެން މީހުންގެ ހިތަށް ކޮށްފާނެ އަސަރަކަށް އެއްވެސް ވަރަކަށް ނުބަލާނެއެވެ. އަމިއްލަ އަނބިދަރިންނާއިމެދުގައިވެސް މެއެވެ.

އަނެއްބައި މީހުންނަކީ މާތް ﷲ އަށް ބިރުވެތިވެ "މަޑުމައިތިރި" ހިތެއް ގެންގުޅޭ މީހުންނެވެ. މީސްތަކުންނަށް ރަޙްމް ކުރާ މީހުންނެވެ. އެހެން މީހުންގެ އިޙްޞާޞްތަކަށް ބަލައިގެން ކަންކަން ކުރާ މީހުންނެވެ. މީހަކު ހިތުގައި ޖެހިދާނެ އެއްވެސް ކަމެއް ނުކުރުމަށް އަޒުމް ކަނޑައަޅައިގެން މަސައްކަތްކުރާ މީހުންނެވެ. އަދުލު އިންޞާފުން ބޭރުން އެއްވެސް ކަމެއް ނުކުރާނެއެވެ. މިފަދަ މީހުންނަށް މިކިޔަނީ މަކާރިމުލްއަޚްލާޤް ލިބިގެންވާ މީހުން ކަމަށެވެ.

އެފަދަ މީހުންނަށް އަޅުކަންކުރެވޭ މިންވަރު މަދުވެސް ވެދާނެއެވެ. ހަމައެކަނި އަދާކުރެވެނީ ފަރުޟާއި ސުންނަތުގެ މަދު މިންވަރެއް ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އަހަރެންގެ ވިސްނުމުގައި މަޑުމައިތިރި ހިތް ގެންގުޅޭ މަކާރިމުލްއަޚްލާޤްގައި ތިބި މީހުންގެ ޤަދަރު މާތް ﷲ ގެ ކުރިފުޅުމަތީގައި މާމަތިވާނެއެވެ.

އެއީ ކީއްވެގެން ހެއްޔެވެ؟ މާތް ﷲ އެންމެ ބޮޑަށް ބާރުއަޅުއްވަވާފައިވަނީ މަކާރިމުލްއަޚްލާޤްގައި ސާބިތުވެ ތިބުމަށެވެ. އެއްވެސް ކަމެއްގައި އެއްވެސް މީހަކަށް އަނިޔާވެރި ނުވުމަށެވެ. އަދުލުވެރިކަމާއިއެކު ކަންކަން ކުރުމަށެވެ.

އަނިޔާވެރިވަނީ ހިލަ ހިތުގެ ވެރިންނެވެ. ހިތް "ހިލަވުމަކީ" ﷲ ގެ ކޯފާއެކެވެ. އެކޯފާއިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތްކުރުމަކީ އާޚިރަތް ލިބިގަތުމަށްޓަކައި ކުރުން އެންެމެ މުހިންމު އެއް މަސައްކަތެވެ.

- ލަވްއިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން