ތިބާ މަރުވުމުން ތިބާ އާ އެންމެ ގާތުގަ މާތް ﷲ ވޮޑިގެންވާން ބޭނުންތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 36ސ
ތިބާ މަރުވުމުން ތިބާ އާ އެންމެ ގާތުގަ މާތް ﷲ ވޮޑިގެންވާން ބޭނުންތަ؟
މާތް ﷲ އެންގެވި ގޮތުގައި ދުނިޔޭގައި ހަޔާތް ހޭދަކުރާ އަޅުން، މުއުމިނުން މަރުވުމުން ކައްވަޅުގައި ތިބޭއިރު އެއީ މާތް ﷲ އެމީހަކާއި އެންމެ ގާތުގައި ވޮޑިގެންވާ ދުވަސްތައްކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުން އެނގެން އެބައޮތެވެ.

މަރުވުމުން ބަރުޒަޚުގެ ޢާލަމުގައި ތިބާ ހޭދަކުރާ ޙަޔާތަކީ ތިބާގެ އެކަނިވެރިކަން އެންެމެ ބޮދުވާ ދުވަސްތައް ކަމަށް ބެލިދާނެއެވެ. ތިބާއަށް އެހީތެރިކަމެއް ފޯރުކޮކޮށްދެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ. އެހެންކަމުން ތިބާ އެންމެ އެކަނިވެރިވާ ދުވަސްތަކުގައި ތިބާ އާއި އެންމެ ގާތުގައި މާތް ﷲ ވޮޑިގެންވެއެވެ.

ތިބާގެ އަޚަކު ނުވަތަ ގާތް މީހަކު މަރުވުމުން އޭނާ ކައްވަޅުގައި އޮންނާނީ ވަރަށް އެކަނިވެރިކަމުގައި ކަމަށް ބަލައި ހިތާމަކުރުމެއް ނެތެވެ. އެހެނީ އޭނާއަކީ މުއުމިނަކު ކަމުގައިވާނަމަ އޭނާގެ ހުރިހައި ކަމެއް މާތް ﷲ ބައްލަވައި ވޮޑިގެންވެއެވެ.

ދެން އޮތީ އޭނާއަކީ މާތް ﷲ ގެ އެންގެވުންތައް ބޮލާލައި ޖެހުމަށްފަހު ދުނިޔޭގައި އުޅުނު މީހެއް ކަމުގައިވުމެވެ. އެފަދަ މީހަކާއިމެދު ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. އެކަންކަން އެމީހަކާއި ކައްވަޅުގައި ވެސް އާޚިރަތުގައި ވެސް ބައްދަލުކުރާނެއެވެ.

އެފަދަ މީހުންނަށް ކައްވަޅުގައި ލިބެމުންދާނެ އަޒާބުގެ ވާހަކަ ވަރަށް ގިނަ ފަހަރު ކިޔައިދީފީމެވެ. އެމީހުންނަށް ޤިޔާމަތާއި ހަމައަށްވެސް ހުންނާނީ ގަދަ ފަދަ އަޒާބުތައް ލިބިލިބިއެވެ. އެއީ އެއްވެސް މީހަކަށް ބަދަލުކުރެވޭނެ ހާލަތެއް ނޫނެވެ.

އެފަދަ މީހުން މަރުވުމުންވެސް އެމީހުންގެ ފުރާނަ އުޑަށް އުފުލޭނެއެވެ. ނަމަވެސް އެމީހުންނަށްޓަކައި އުޑުތަކުގެ ދޮރުތައް ހުންނާނީ ތަޅުލެވިފައެވެ. ދޮރުތައް ބަންދުކުރެވިފައެވެ. ދޮރުތައް ނުހުޅުވުމުން އެފުރާނަތައް ބިމަށް (އެމީހާގެ ހަށިގަނޑަށް) ވައްޓައިލެވޭނެއެވެ. ކައްވަޅުގައި ސުވާލުތައް ކުރެވޭނެއެވެ. ނަމަވެސް ޖަވާބެއް ނުދެވޭނެއެވެ.

ތިބާ މަރުވުމުން ތިބާ އާ އެންމެ ގާތުގައި މާތް ﷲ ވޮޑިގެންވާން ބޭނުންނަމަ އެ ފުރުޞަތު ތިބާއަށް އެބައޮތެވެ. އަމަލުކުރަންވީ ގޮތް މާތް ﷲ ވަނީ އަންގަވައިދެއްވަވައިފައެވެ. ފުރުޞަތުގެ ބޭނުން ހިފުމާއި ނުހިފުމުގެ އިޚްތިޔާރުވެސް ތިބާއަށް ވަނީ ދެއްވަވައިފައެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން