އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހް މާތް ﷲ އަށް ތެދުވެރިވުމަށް މާތް ﷲ ގަންދީ ކޮށްގެން ހުރި ހުވާ ތެދުކުރަން ނަމަވެސް ވިލާ ގްރޫޕުގެ ޗެއަރމަން ޤާސިމް އިބްރާހީމް ނުވަތަ ވިލާ ގްރުޕުގެ އެއްވެސް ކުންފުންޏަކުން ދައްކަންޖެހޭ އެއްވެސް ފައިސާއެއްގެ މައްސަލައެއް ނުވަތަ އެނޫންވެސް މައްސަލައެއް އޮތް ބޭރުގެ، ސަރަހައްދީ އެއްވެސް ކޯޓެއް ބުނެދިނުމަށް ފަލާޙުގެ ކިބައިން ވިލާ ގްރޫޕުގެ އޮފިޝަލަކު އެދިވަޑައިގެންފިއެވެ.
އޮފިޝަލް ވިދާޅުވީ ވިލާ ގްރޫޕުން އެއްވެސް ފައިސާ އެއް ދައްކަންޖެހިގެން ދުވަހަކުވެސް އެއްވެސް ޤައުމެއްގެ އެއްވެސް ކޯޓަކަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. "ފަލާޙް މާތް ﷲ ގަންދީ ހުވާކޮށްގެން ހުރެ އެ ހަދަނީ ހުސް ދޮގު. ކީއްވެތަ ކޮން ޤައުމެއްގެ ކޮން ކޯޓަކަށްކަން މައްސަލަ ހުށަހެޅިފަވަނީ ބުނެ ނުދެވުނީ؟" އޮފިޝަލް ވަނީ ސުވާލު އުފައްދަވައިފައެވެ.
އޮފިޝަލް ވިދާޅުވީ ސަރުކާރުން ބާޠިލުކުރި 5 އެއްބަސްވުމާއި ގުޅުވައި ސަރުކާރުން މައްސަލަތައް އުފައްދައި ދަށު ކޯޓުގައި ދައުވާކޮށްފައިވާއިރު ވިލާ ގްރޫޕުން މިހާރު ވަނީ އެ މައްސަލަތައް ސްޕްރީމް ކޯޓަށް ހުށަހަޅާފައި ކަމަށެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައްވެސް މިހާރު ނިންމާލާފައިވާ ކަމަށެވެ. "އަދުލުވެރި ޙުކުމެއް އިއްވަވާނެ ކަމަށް އަޅުގަނޑުމެން ޔަޤީން ކުރަނީ ވަރަށް އަވަހަށް."
އޮފިޝަލް ވިދާޅުވީ ކަން މިހެން ހުރިއިރު ވިލާ ގްރޫޕުގެ ކުންފުނިތަކަށް ސަރުކާރުން ދައްކަން ޖެހޭ ފައިސާގެ މައްސަލަތައް ކޯޓުތަކުގައި ސާބިތުވެފައި މިހާރުވެސް އެބަހުރި ކަމަށެވެ. އަދި އިތުރު މައްސަލަތައް މިހާރުވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ ސަރުކާރުން މައްސަލަތަކެއް އުފައްދައިގެން ވިލާ ގްރޫޕް ބަނގުރޫޓުކޮށްލަން މަސައްކަތްކުރިނަމަވެސް އެއީ އެއްވެސް އަސްލެއްގެ މައްޗަށް އުފައްދާފައިވާ ދައުވާތަކެއް ނޫންކަން އެއްބަސްވުންތަކުން ސާބިތުވާނެ ކަމަށާއި އަދި މާތް ﷲ އެކަމަށް ހެކިވެވޮޑިގެންވާނެ ކަމަށެވެ.
ފަލާހަކީ މީގެ ކުރިންވެސް އޭނާއަށް 32 މިލިއަން ރުފިޔާގެ ރިޝްވަތެއް އިދިކޮޅު ފަރާތްތަކުން ހުށަހެޅިކަމަށްބުނެ ދޮގު ވާހަކަތައް ދައްކައިގެން އޭނާގެ އަގު އެރުވޭތޯ މަސައްކަތްކުރި މީހެއްކަމަށް ބެލެވިފައިވާ މީހެކެވެ. އެފަހަރުވެސް ރިޝްވަތު ހުށަހެޅި މީހެއް ބުނެދެވިފައެއް ނުވެއެވެ. އަދި އެ މައްސަލަ އެއްވެސް ތަނަކުން ބެލިކަމެއްވެސް އެނގިފައެއް ނެތެވެ. އެއީ އެއްވެސް ތެދެއް ހިމެނޭ ކަމެއް ނަމަ ރިޝްވަތު ހުށަހެޅި މީހުންގެ މައްސަލަ ނުބަލައި މަޑުކުރާނެ ކަމަށް އެއްވެސް މީހަކު ޤަބޫލެއްވެސް ނުކުރާނެއެވެ.
ޤާސިމް އިބްރާހީމްގެ އިސްތަށިފުޅުގައި ހައްޤު ނޫން އިލްޒާމްތައް ޕީޕީއެމްގެ ޕޯޑިއަމްތަކުގައި ވާހަކަދައްކަމުން އެޅުވުމަކީ ޢާންމު ކަމެކެވެ. އެކަން ކުރަނީ ޤާސިމް އިބްރާހީމް ރައްޔިތުންނަށް ސަލާން ޖައްސަވައިގެން ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައި ދެއްވި ކަމުގެ އިނާމެއްގެ ގޮތުންކަން ކޮރަޕްޝަނާއި ފަސާދައިގެ ސަބަބުން "ސިކުނޑި ވަންވޭ ވެފައި ނެތް" އެންމެންވެސް ޤަބޫލުކުރެއެވެ.
މިފަދަ ވާހަކަތައް ދައްކާ މީހުން ޤާސިމް އިބްރާހީމް ސިފަކުރައްވަމުން ގެންދަވަނީ އަމިއްލަ އެއްވެސް ބާރެއް ނެތް ތާޅަފިލިތަކުގެ ގޮތުގައެވެ. ތާޅަ ފިއްޔަކީ މީހަކު އިއްވަން ބޭނުންވާ ކޮންމެ އަޑެއް އެމީހާ އިއްވަން ބޭނުންވާ ގޮތަށް އަދި އިއްވަން ބޭނުންވާ ބާރުމިނުގައި އިއްވަން ބޭނުންވާ ކޮންމެ ވަގުތަކު އިއްވައިދޭ އެއްޗަކަށްވާތީއެވެ.
ރާއްޖޭގައި ސަފާރީ އުޅަނދު ދުއްވާ އެތައް ސަތޭކަ ބައަކު ތިބިއިރު ސަފާރީ އުޅަނދެއް ދުއްވައިގެން ލިބޭ އާމްދަނީން އެތައް މިލިއަން ރުފިޔާ ދީފައި މާލެއިން ގޯތި ގަނެވޭވަރުވެފައިވަނީ ކިތައް މީހުންނަށްކަން ބަލައިލުމަކީ ވެސް ހަމަ އެންެމެ ރަނގަޅު ކަމެކެވެ.