ޖެހިޖެހިގެން ހަވަނަ ފަހަރަށް ބަޔާއިން ލީގު ކާމިޔާބުކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 15ސ
ޖެހިޖެހިގެން ހަވަނަ ފަހަރަށް ބަޔާއިން ލީގު ކާމިޔާބުކޮށްފި
ޖަރުމަން ލީގުގައި 1-4 ގެ ނަތީޖާއިން އޮގްސްބާގް ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ލީގު ކާމިޔާބުކޮށްފިއެވެ.

ލީގުގައި ބާކީ ފަސް މެޗު އޮއްވާ ބަޔާންއިން ލީގު ކަށަވަރުކުރީ ލީގުގެ އެއްވަނައިގައި 72 ޕޮއިންޓާއެކު އޮވެގެންނެވެ. ދެވަނައިގައި އޮތް ޝާލްކޭއަށް 52 ޕޮއިންޓް ލިބިފައިވާއިރު، ބާކީ އޮތް ފަސް މެޗު މޮޅުވެގެން ވެސް ޝާލްކޭއަށް ހަމަކޮށްލެވޭނީ 67 ޕޮއިންޓެވެ.

އޮގްސްބާގްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ލީޑު ނެގީ ވެސް އޮގްސްބާގުންނެވެ. މި ލަނޑު އޮގްބާގަށް ކާމިޔާބުވީ މެޗުގެ 18 ވަނަ މިނެޓުގައި ބަޔާންގެ ނިކްލަސް ސޫލޭގެ އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ބަޔާންއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 32 ވަނަ މިނެޓުގައި ކޮރެންޓިން ޓޮލިސޯއެވެ. ބަޔާނަށް މެޗުގެ ލީޑު ފުރަތަމަ ފަހަރަށް ނަގައިދިނީ މެޗުގެ 38 ވަނަ މިނެޓުގައި ހަމޭސް ރޮގްރިގޭޒްްއެވެ. މެޗުގެ 62 ވަނަ މިނެޓުގައި ބަޔާންގެ އާޔެން ރޮބެން ލަނޑެއް ޖަހައި ލީޑު ފުޅާކޮށްދިންއިރު، ބަޔާންގެ ހަތަރުވަނަ ލަނޑު މެޗުގެ 87 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސާންޑްރޯ ވަގްނާއެވެ.

ބަޔާންއިން މި ސީޒަންގެ ޖަރުމަން ލީގު ކާމިޔާބުކުރިއިރު، ބަޔާންއިން އަންނަނީ 2013 ވަނަ އަހަރުން ފެށިގެން ލީގު ކާމިޔާބުކުރަމުންނެެވެ. ޖެހިޖެހިގެން ހަ ފަަހަރު މަތިން ބަޔާންއިން ލީގު ކާމިޔާބުކުރިއިރު، ބަޔާނަކީ އެންމެ ގިނައިން ލީގު ކާމިޔާބުކުރި ޓީމެވެ. ބަޔާންއިން ވަނީ 28 ފަހަރު ލީގު ކާމިޔާބުކޮށްފައެވެ. ދެވަނައަށް އެންމެ ގިނައިން ލީގު ކާމިޔާބުކުރި ނަންބާގަށް ލީގު ކާމިޔާބުކުރެވިފައިވަނީ 9 ފަހަރެވެ.
މިއަދު އޮންލައިން