މެސީގެ ހެޓްރިކުން މޮޅުވެ ބާސާ ބަލިނުވުމުގެ ރެކޯޑަކާ ދިމާއަށް
ސްޕެނިޝް ލީގުގައި ބާސެލޯނާގެ ތަރި ލިއޮނަލް މެސީގެ ހެޓްރިކުން ލެގަނޭސް އަތުން މޮޅުވެ، ސްޕެނިޝް ލީގުގެ ތާރީޚުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑާ އަރައި ހަމަކޮށްފިއެވެ.
ރޭގެ މެޗުން ލެގަނޭސް އަތުން މޮޅުވުމާއެކު، ބާސާއިން ވަނީ ބަލިިނުވެ ލީގުގައި 38 މެޗު ހަމަކޮށްފައެވެ. ސްޕެނިޝް ލީގުގެ ތާރީޚުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރުމުގެ ރެކޯޑް އޮތް ރިއާލް ސޮސައިޑޭޑް ވެސް ލީގުގައި ބަލިނުވެ ހަމަކޮށްފައިވަނީ 38 މެޗެވެ. އެއީ 1980 ވަނަ އަހަރުގެ ތެރޭގައި ރިއާލް ސޮސައިޑޭޑް ޤާއިމްކުރި ރެކޯޑެކެވެ. ބާސާއިން ދެން ލީގުގައި ކުޅޭ މެޗުން ބަލިނުވެ ފަރުޖައްސާލެވިއްޖެނަމަ، ބާސާއަށް ލީގުގައި ބަލިނުވެ އެންމެ ގިނަ މެޗު ފުރިހަމަކުރި ޓީމުގެ ރެކޯޑު ޤާއިމްކުރެވޭނެއެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗުން ލެގަނޭސް އަތުން މޮޅުވީ 1-3 ގެ ނަތީޖާއިންނެވެ. މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މެސީ ވައްދާލި ލަނޑަކުން ބާސާއިން މެޗުގެ ލީޑު ނެގިއިރު، މެސީ ބާސާއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 32 ވަނަ މިނެޓުގައެވެ. މެޗުގެ 68 ވަނަ މިނެޓުގައި ލެގަނޭސްގެ ނަބީލް އެލް ހާރު ލަނޑެއް ޖަހައި މެޗުގެ ލީޑު ހަނިކުރިއެވެ. ނަމަވެސް ބާސާގެ ތަރި މެސީ ވަނީ މެޗުގެ 87 ވަނަ މިނެޓުގައި ލަނޑެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަކޮށް ބާސާއަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.
ރޭގެ މެޗުން މޮޅުވެެގެން، ލީގުގެ އެއްވަނައިގައި 79 ޕޮއިންޓާއެކު ބާސާ އޮތީ މިހާތަނަށް ލީގުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. އެެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 67 ޕޮއިންޓާއެކުއެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް ތިންވަނައިގައި އޮތީ 63 ޕޮއިންޓާއެކުއެވެ.
ލީގުގައި މިރޭ އެތްލެޓިކޯ ނުުކުންނާނީ ރިއާލްއާ ދެކޮޅަށެވެ. މި މެޗު މިރޭ ފަށާނީ ރާއްޖެ ގަޑިން 7:15 ގައެވެ.