"ޞިރާތުމަގު" ހުރަސްކުރަން ޖެހޭނެކަން އެންމެންނަށްވެސް އެނގެއެވެ. އާޚިރަތް ދުވަހު ނަރަކައިގެ އަޒާބުން ތިމާ ސަލާމަތްވާނީ ނަރަކައަށް ނުވެއްޓި އެމަގު ހުރަސްކުރެވިގެންކަން ވެސް އެންމެންނަށް އެނގެއެވެ.
ނަމާދުގެ ކޮންމެ ރަކްޢަތެއްގައި ސީދާވެގެންވާ ތެދުމަގު ދެއްކެވުމަށް މާތް ﷲ ގެ ޙަޟްރަތުގައި އެބަ އެދެމުއެވެ. ފަރުޟު ނަމާދުތަކުގައާއި ސުންނަތް ނަމަދުތަކުގައިވެސް މެއެވެ. އެއީ އަލްޙަމްދު ކިޔެވުމުގައެވެ. ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވުމަށް ނަމާދުގެ ކޮންމެ ރަކްޢަތެއްގައި އެދެމުންދާއިރުވެސް މިއެދެވެނީ ކޮން ކަމަކަށްކަމާއިމެދު ވިސްނައިލެވޭހެއްޔެވެ؟
ޤިޔާމަތް ދުވަހު ޞިރާޠުމަގު ހުރަސްކުރުމަކީ ސީދާވެގެންވާ ތެދުމަގުގައި ސާބިތުވެ ހުރެވިގެން ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަށް މިހައި ގިނައިން އެދެން ޖެހޭ ސަބަބަކީ ވެސް އެއީއެވެ.
ޞިރާޠުމަގު ހުރަސް ކުރުމަކީ އެންމެންނަށްވެސް ކުރަންޖެހޭނެ ކަމެކެވެ. އެމަގު ލައްވަވާފައިވަނީ ނަރަކައިގެމަތިންނެވެ. އެމަގުގެ ދަށުގައިވަނީ ނަރަކައެވެ. އަރިއަޅާލައިފިނަމަ ވެއްޓޭނީ ނަރަކައަށެވެ.
އެމަގުން ދަނިކޮށްވެސް ނަރަކައިގެ ދިގު ދޫތައް ދިއްކުރާނެއެވެ. އެ ދޫތަކުގެ ބާރުގައި ބައަކު ނަރަކައަށް ދަމައިވެސް ގަންނާނެއެވެ. އަނެއްބައަކު ފިއްސައިލާނެއެވެ.
ޞިރާޠުމަގަކީ ކަނޑިއެއްގެ މިޔަ ފަދަ ތަނެކެވެ. ކިރިޔާ އަރިއަޅައިލި ނަމަވެސް ވެއްޓޭނީ ހަމަ ނަރަކައަށެވެ.
ސުވަރުގެ ވައްދަވާ ފުރަތަމަ ޖަމާއަތުގެ މީހުން ވިދާލާ ވިދުވަރެއްފަދައިން ބާރު މިނުގައި އެމަގު ހުރަސްކުރާނެއެވެ. ދެވަނަ ޖަމާއަތް ވައިރޯޅިއެއް ފަދައިން މަގު ހުރަސްކުރާނެއެވެ. 3 ވަނަ ޖަމާއަތުގެ މީހުން ބާރަށް ދުވާ އަސްތަކެއް ފަދައިން މަގު ހުރަސް ކުރާނެއެވެ. 4 ވަނަ ޖަމާއަތުގެ މީހުން މިޒަމާނުގެ ބަހުރުވައިންނަމަ ވެހިކަލްތަކުގައި ހުރަސްކުރާ ފަދައިން ހުރަސްކުރާނެއެވެ.
އެއިގެ ފަހަތުން ދާ ޖަމާއަތުގެ މީހުން ޞިރާތުމަގު ހުރަސްކުރާއިރު އެމީހުން ނަރަކައިން ސަލާމަތްކޮށްދެއްވަވާތޯ މަލާއިކަތް ބޭކަލުން މާތް ﷲ އަށް ދަނަވަމުން ގެންދަވާނެތެވެ.
މިވާހަކަތަކަކީ މީހަކު ބުނާ ވާހަކަތަކެއް ނޫނެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅުތަކުން އެނގެން ހުރި ކަންކަމެވެ.
އެ މަގު ހުރަސްކުރާއިރު ބައެއް މީހުންނަށް އަނދިރިކަން ލިބޭ ވަގުތުތައްވެސް އަންނާނެއެވެ. އެގޮތަށް އެކަންކަން މެދުވެރިވަނީ ދުނިޔޭގައި އެމީހަކު ކޮށްފައިވާ އަމަލުތަކުގެ ސަބަބުންނެވެ.
މާތް ﷲ ގެ މަގަށް ފުރަގަސްދިން މީހުން ވަރަށް ހިތްދަތިވާނެ ވަގުތެއް އަންނާނެއެވެ. އެއީ އެމީހުންނާއިއެކު ދުނިޔޭގައި އުޅުނު މީހުން ޞިރާޠުމަގު ހުރަސްކުރާތަން ފެނުމުންނެވެ. އެވަގުތު އަދި މަޑުކޮށްލާށޭ އަހަރެމެންވެސް ގޮވައިގެންދާށޭ ބުނެ އާދޭސްކުރާނެތެވެ. އެވަގުތު މަލާއިކަތްބޭކަލުން ހަރުކަށިކަމާއިއެކު އަންގަވާނީ އަޑުގަދަނުކޮށް ސަފުގެ ފަހަތަށް ދިއުމަށެވެ.
ލޮބުވެތިންނޭވެ! މިފަދަ ވާހަކަތައް ގިނަގިނައިން ކިޔާށެވެ. ހިތަށް ގެންނާށެވެ. ހިތަށް ބިރުވެރިކަން ގެނެވޭތޯ މަސައްކަތްކުރާށެވެ. އާޚިރަތް ދުވަހު ސަލާމަތްކަމެއް ލިބެން އޮތީ މިފަދަ ކަންކަން މިދުނިޔޭގައި ހިތަށް ގެނެސް އަމަލުކުރިވަރަކުންނެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން -