ވަރަށް ގިނަ މީހުން މިހާރަކަށް އައިސް ޕާކުތަކުގަ އާއި މަގުތަކުގައި ކަސްރަތަށް ހިނގާތަން ފެނެއެވެ. ޚާއްޞަކޮށް ފަތިހުގެ ވަގުތުގައެވެ. އެއީ ހަަމަ މުހިންމު އަދި ހަމަ އެހައިމެ ބޭނުންތެރި ކަމެކެވެ.
އިސްލާމް ދީނަކީ ޞިއްހަތަށް ރައްކައުތެރިވުމަށް ވަރަށް ބޮޑަށް ބާރުއަޅާ ދީނެކެވެ. ޞިއްހަތު ސަލާމަތުން ބެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރުމަށް އިސްލާމް ގޮވާލައެވެ. އަދި އެކަމަށް އިލްތިމާސްކުރެއެވެ.
ކަސްރަތަށް ފެށުމުގެ ކުރިން ފަތިސް ނަމާދުކުރަންތޯ ސުވާލުކުރާކަށްވެސް ނެތީމެވެ. ތިބާއަކީ މުސްލިމަކު ނަމަ ނިދިން ހޭލެވުމާއިއެކު އެންމެ ފުރަތަަމަ ކުރާނީ ފަތިސް ނަމާދުކަން ޔަޤީންކުރެވޭތީއެވެ. ފަތިހު ހޭލައި ފަތިސް ނަމާދުނުކޮށް އެހެން ކަމެއް ކުރަން ފަށާނަމަ ތިބާ ހިމެނޭނީ ކޮންބައެއްގެ ތެރޭގައިކަން ތިބާއަށް ރަނގަޅަށް އެނގޭނެތީއެވެ. އެހެންވެ މިއުޅެނީ އެކަމުގެ ވާހަކަ ދައްކާކަށް ނޫނެވެ.
ބުނަން ބޭނުންވަނީ ކަސްރަތުގައި ހޭދަކުރާ ވަގުތުކޮޅު، ނުހަނު ފަސޭހައިން ހޮވައިލެވެން ހުރި ޖަވާހިރުތައް ހޮވައިލުމުގެ މުހިންމުކަމުގެ ވާހަކައެވެ. ތިބާ ހިނގާނީ ދެފައިންނެވެ. ދެ އަތް ކޮންމެވެސް ވަރަކަށް ހޫރަންވެސް ހުރާނެއެވެ. ނަމަވެސް ހިނގާއިރު އަނގައިން ކުރަންޖެހޭ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އަންގަ އޮންނާނީ ހަަމަ "ފްރީ"ކޮށެވެ.
އެހެންކަމަށްވާއިރު ތިބާ ކަސްރަތަށް ހިނގާ 30 ވަރަކަށް މިނިޓް ނުވަތަ އެއަށްވުރެ ގިނަ އިރު ތެރޭ ދުލުން ކިހައި ގިނަ ޛިކުރުތަކެއް ކުރެވިދާނެ ހެއްޔެވެ. ސުވަރުގޭގައި ތިބާއަށްޓަކައި ކިތައް ރުއް އިންދުނު ކަމަށް އުންމީދުކުރެވިދާނެ ހެއްޔެވެ؟ ކިތައް ގަނޑުވަރު ބިނާކުރެވުނު ކަމަށް އުންމީދުކުރެވިދާނެ ހެއްޔެވެ؟ މިބުނަނީ އެކަންކަން ޙާޞިލުކުރެވޭނެކަން އެނގެންހުރި ދުޢާތައް ކިޔުމުގެ ވާހަކައެވެ.
މިސާލަކަށް އިޚްލާޞް ސޫރަތް 10 ފަހަރު ކިޔުމަށްފަހު ތިބާއަށްޓަކައި ސުވަރުގޭގައި ގަނޑުވަރެއް އިންދިއްޖެ ކަމަށް އުންމީދުކުރެވިދާނެއެވެ. ހިނގަމުން ކިޔާއިރުު ކޮންމެހެން ގުނުމުގެ ވެސް ބޭނުމެއް ނެތެވެ. މާތްﷲ އެކަން ހަމަ އެންމެ މޮޅަށް ބައްލަވައިވޮޑިގެންވެއެވެ. ހަމަކަށަވަރުން އެކަލާނގެއީ އެންމެ މޮޅަށް ހިސާބު ޖައްސަވާ އަދި ހައްޤު ޖަޒާ ދެއްވެވުމުގައި އެންމެ އަދުލުވެރި އިލާހްއެވެ.
މިއަށްވުރެ މާކުރު އަދި އެހައިމެ ފައިދާހުރި ޛިކުރުތައްވެސް އެބަހުރި ނޫން ހެއްޔެވެ؟ ވަގުތުގެ ބޭނުން ހިފައިފިނަމަ އެ އެއްކޮށްލެވުނީ ކިހައި ގިނަ ޖަވާހިރުތަކެއް ހެއްޔެވެ؟ އަދި ކޮންމެ ދުވަހަކު މިގޮތަށް ޖަވާހިރު އެއްކުރެވޭނަމަ އަހަރު ނިމިގެންދާއިރު. އުމުރު ނިމިގެންދާއިރު ތިބާގެ ޚަޒާނާތައް ހުންނާނީ އުހުދު ފަރުބަދަތެކެއްގެ ގޮތުގައި ނޫންހެއްޔެވެ؟
ޚާއްޞަކޮށް އެވަގުތަކީ މާތްﷲގެ މަތިން ހަނދުމަކޮށް ފިކުރުކުރުމުގެ ވަގުތުގެ ގޮތުގައި ނިކަން ޚާއްޞަކޮށް ބަލާށެވެ. ތިބާއަށް ލިބޭ ކުރިއެރުން ފެނިގެންދާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -