މިޔުޒިކްގެ އަޑު އިވުމާއިއެކު ސިކުނޑި އެކަމުގެ ތެރެއަށް ޣަރަޤުވެގެންދެއެވެ. އެއަށްފަހު ޢާންމު ގޮތެއްގައި ފުރަތަމަ ބޮލަށް ހަރަކާތެއް ގެނެވެއެވެ. އެ ހަރަކާތްވެގެންދަނީ ޝައިޠާނާ ތިބާގެ ހަށިގަނޑުގެ ސްވިޗް އޮންކޮށްލުން ކަމަށެވެ.
ސްވިޗް އޮންކޮށްލެވުމާއިއެކު ތިބާގެ ހަށިގަނޑުގެ ގުނަވަންތައް މިޔުޒިކަށް ޙަރަކާތްކުރަން ފަށައެވެ. ދާދި އަވަހަށް މުޅި ހަށިގަނޑު ހަރަކާތްކުރަން ފަށައެވެ. ފާޑުފާޑުގެ ބަނޑިތައް ލެއްވި ވައްތަރު ޖެއްސެން ފެށެއެވެ. މިކަންކަމަށް ނެށުން ނުވަތަ ކޮންމެ ނަމެއްވެސް ކިޔައިފާނެއެވެ. ކޮންމެ ނަމެއް ކީ ނަމަވެސް ކަމަކީ އެއް ކަމެކެވެ. އެކަންތައްތައް ތިބާ ލައްވައި ކުރުވަނީ ޝައިޠާނާއެވެ.
ޝައިޠާނާ މީސްތަކުން ލައްވައި ކުރުވާ މިފަދަ އަމަލުތަކުގެ ސަބަބުން ދުނިޔެ މިހާރު މިވަނީ ނަޖިސްވެފައެވެ. ތަޣައްޔަރުވެފައެވެ. ނަމަވެސް މިފަދަ ކަންކަމަށް ގެއްލިފައި ތިބޭ މީހުން ބުނަނީ މިކަންކަމަކީ އެއްވެސް ނުބައިކަމެއް ހިމެނޭ އަމަލުތަކެއް ނޫން ކަމަށެވެ.
ހަމައެކަނި މުސްލިމް އިލްމުވެރިންނަކާއެއް ނޫނެވެ. ތަފާތު ދީންތަކުގެ އިލްމުވެރިންނާއި ސުވާލުކޮށްފީމެވެ. ދުނިޔޭގެ އެންމެ މަޝްހޫރު ލަވަކިޔާ މީހުންކަމަށް ބުނާ މިވެނި މީހަކު ލަވަކިޔާ ކޮންސަރޓެއް ބަލަން ތިބާގެ ދަރިން ގެންދާނަންތޯ ސުވާލުކޮށްފީމެވެ. ދީނަށް އެއްވެސް ވަރަކަށް ލޯބިކުރާ އެއްވެސް އިލްމުވެރިއަކު އެކަންކުރަން އެއްބަހެއް ނުވެއެވެ. އެމީހުން ބުނަނީ އެމީހުން އެކަން ނުކުރާނެ ކަމަށެވެ. އަދި އެމީހުންގެ އަމިއްލަ ގެތަކުގައިވެސް އެކަން ނުކުރާނެ ކަމަށެވެ. އެއީ އެއްވެސް ސިފައެއްގައި ބަލައިގަނެވޭވަރަށްވުރެ އަޚްލާޤީ ގޮތުން މާދަށު ދަރަޖައިގެ ކަންތައްތަކެއް ކަމަށެވެ.
"ބަލަ ކަލެއަކީ ކްރިސްޓިއަނެއް ނޫންތަ؟ އެކަމަކުވެސް ނުކުރާނަން! ބަލަ ކަލެއަކީ ޔަހޫދީއެއް ނޫންތަ؟ އެކަމަކުވެސް ނުކުރާނަން! ބަލަ ކަލެއަކީ ހިންދޫއެއް ނޫންތަ؟ އެކަމަކުވެސް ނުކުރާނަން!" މިއީ އެންމެންވެސް ދެމުން ގެންދާ ޖަވާބެވެ.
މިހެން މިވަނީ ކީއްވެގެންހެއްޔެވެ؟ އަޚްލާޤީ ގޮތުން ދަށުދަރަޖައަކަށް ވެއްޓިގެން ދިއުމުންނެވެ. މިޔުޒިކް ހުއްދަކުރާ ދީނީ އިލްމުވެރިން ތިބިކަން ވެސް ޤަބޫލުކުރަމެވެ. ނަމަވެސް އެމީހުން ވެސް ހުއްދަ ކުރަނީ ވަކި ހުދޫދުތަކެއްގެ ތެރޭގައި ހުންނަ ކަންކަމެވެ. މިޔުޒިކާއި ލަވައިގައި ސުލޫކުތަކެއް ހުރިނަމައެވެ. މަޑުމައިތިރިކަމާއި ރިވެތި، ފައިދާކުރާނެ ބަސްތައް ހުރިނަމައެވެ. ހިތުހުރިހައި އެއްޗެއް ކިޔާކަށް ނޫނެވެ.
އަހަރެން ދުނިޔޭގެ އެންމެންނަށް ގޮންޖަހަމެވެ. މިހާރު މިކުޅޭ މިޔުޒިކް ހުއްދަކަމަށް ބުނާނެ ހަމަ އެންމެ ދީނީ އިލްމުވެރިއަކު ނިކަން ދައްކައިދީބަލާށެވެ! މާތް ﷲ އަށް ބިރުވެތިވާ ހަމަ އެންމެ ޢިލްމުވެރިއަކުވެސް އެކަމެއް ނުކުރާނެކަން ޔަޤީނެވެ.
އެމިންތަކުގެ ތެރޭގައި ހުންނަ މިޔުޒިކާއި ލަވައިގެ އަޑު އިވުމުން މީހުންގެ ހަށިގަނޑުގައި ސްވިޗެއް ނުޖެހޭނެއެވެ.
"ސްވިޗް ޖެހޭމީހުން ބުނާނެ މިއީ ޤްދްރަތީ ކަމެކޭ. ނޫން އެއީ އެހެންވާ ކަމެއް ނޫން. ތިބާއަށް އެދެވެނީ ޝައިޠާނާގެ ކޮންޓްރޯލުގެދަށަށް. ތިބާގެ މުޅި ކޮންޓްރޯލް އޮންނަނީ ޝައިޠާނާގެ އަތުގަ. ތިބާއެވަނީ ރޮބޮޓަކަށް. ރިމޯޓް އޮންނަނީ ޝައިޠާނާގެ އަތުގަ."
މީސްތަކުންނޭވެ. މިހުރިހައި މުންކަރާތްތަކެއް މިވަރަށް ޢާންމުވެގެން މިދަނީ ޤިޔާމަތް ކައިރިވަމުން އަންނަތީއެވެ! ބިރުވެތިވާށެވެ. މުސްލިމުންނަށް އަހަރެން ފަރުވާއެއް ދޭން ބޭނުމެވެ. އެހީތެރިވެދޭން ބޭނުމެވެ. ސިކުނޑިއަށް ޖެހިގެން ތިއައުޅޭ ބޮޑު ބައްޔަށެވެ.
ހާދަ ރީތި ރާގުތަކަށް ކީރިތި ޤްރްއާން ކިޔަވާ ވިދާޅުވާ ޤާރީންނާއި ދީނީ ޢިލްމުވެރިން އެބަތިއްބެވެ. އެބޭފުޅުންގެ ކިޔަވާ ވިދާޅުވުން އެންމެންނަށްވެސް މިހާރު ވަރަށް ފަސޭހައިން ލިބެން އެބަހުއްޓެވެ. ސިކުނޑީގައި ހަރުލާފައި ހުރި މިޔުޒިކްތައް ބޭރުކޮށްލާށެވެ. ކީރިތި ޤްރްއާން އަޅައި ސިކުނޑިތައް ފުރައިލާށެވެ.
ޔޫޓިޔުބަށް ވަދެ ނިކަންބަލައިލަބަލާށެވެ. ކީރިތި ޤްރްއާން އަޑުއެހުމަށްފަހު ވަރަށް ފުރިހަމަ ކަމަށާއި އެއިން ފަރުވާ ލިބިއްޖެކަމަށް ބުނެފައިވަނީ އެހެން ދީންތަކުގެ ކިތައްމީހުންތޯ ނިކަން އަމިއްލައަށް ބަލައިލަބަލާށެވެ. "އެއީ ކާފަރުންނެވެ. ކީރިތި ޤްރްއާނަކީ އެމީހުންނަށް ޝިފާއަކަށްވާއިރު އަހަރެމެން މުސްލިމުންނަށް އެކަން އެގޮތަށް ނުވާންވީ ކީއްވެގެން ހެއްޔެވެ؟
މީސްތަކުންނޭވެ. ގަދައަޅައި މަސައްކަތްކުރާށެވެ. ކާމިޔާބުކުރެވެންދެން މަސައްކަތްކުރާށެވެ. ސިކުނޑީގައި ހަރުލާފައި ހުރި ޝައިޠާނީ ރިދަމް އެކުގައި ބޭރުކޮށްލާށެވެ. ނަރަކައިން ސަލާމަތްވުމަށް އެދޭނަމައެވެ.
- މުފްތީ މެންކުގެ ދަރުސަކުން -