ދެމޫނުގެ ވެރިން ނިކަން ބިރުގަނެބަލަ - ނަރަކައިގަ ތިބެންޖެހޭނީ އިބިލީހަށްވުރެ އަޑީގަކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
ދެމޫނުގެ ވެރިން ނިކަން ބިރުގަނެބަލަ - ނަރަކައިގަ ތިބެންޖެހޭނީ އިބިލީހަށްވުރެ އަޑީގަކަން އެނގޭތަ؟
ދެމޫނުގެ ވެރިންނަށް ހުރީ ނަރަކައެވެ. ނަރަކައިގައި ތިބެންޖެހޭނީ އިބިލީހަށްވުރެ ވެސް އަޑީގައެވެ. ނަރަކައިގެ އެންމެ އަޑީގައެވެ. ދެމޫނުގެ ވެރިންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟ އެއީ މުނާފިޤުންނެވެ. މުނާފިޤުންނަކީ ކޮބައި ހެއްޔެވެ؟ އެއީ ދެފުށް ދެގޮތް މީހުންނެވެ.

ލޮބުވެތިއަޚުންނޭވެ. މިއަދު ދުނިޔެ ފުރެމުން މިދަނީ ދެމޫނުގެ ވެރިންތަކުންނެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެއީ ވަކިބައަކަށް ޚާއްޞަ ކަމެއް ހެންނެވެ. ނުވަތަ ވަކި ކަމެއްގައި ޚާއްޞަ ސިފައެއް ހެންނެވެ.

ތެދެކެވެ. އެންމެ ބޮޑެތި މުނާފިޤުންނަކީ ބޭރުފުށުން އިސްލާމެއްކަމަށް ދައްކަމުން ހިތުގެ އަޑިން މާތް ﷲ އަށް އީމާން ނުވާ މީހުންނެވެ. ބޭރުފުށުން އިސްލާމެއްގެ ގޮތް ދައްކަމުން އެތެރޭގައި އެހެން ކަންތައްތަކެއް ފޮރުވައިގެން ގެންގުޅޭ މީހުންނެވެ.

މުނާފިޤުކަމުގައިވެސް ދަރަޖަތައް އެބަހުއްޓެވެ. މިސާލަކަށް މީހަކު ދެކެ ޙަޤީޤީ ލޯބި ނުވަމުން ލޯބިވާކަމަށް ބުނެ ހެދިގެން އުޅުމަކީވެސް މުނާފިޤުންގެ ސިފައެކެވެ. ވަޒީފާގައި ހުރެ އަމާނާތްތެރިއެއްގެ ގޮތް ދައްކަމުން ޚިޔާނާތްތެރިވަމުން ދިއުމަކީވެސް ޚިޔާނާތްތެރިއެއްގެ އިތުރުން މުނާފިޤުންގެ ސިފައެކެވެ. އޯގާތެރިއެއް ކަމަށް ހެދިގެން އަނިޔާވެރިވަމުން ދިއުމަކީވެސް ހަމަ މުނާފިޤުންގެ ސިފައެކެވެ.

ކުރުކޮށް ބުނާނަމަ ދެފުށް ދެގޮތް ވުމަކީ މުނާފިޤުވުމެވެ. ވަކި ކަމެއްގައެއް ނޫނެވެ. ކުރާ ކޮންމެ ކަމެއްގައިވެސްމެއެވެ. ބަހާއި އަމަލާއި ދިމާނުވުމަކީ މުނާފިޤުންގެ ސިފައެކެވެ. ވަކި ވާހަކައެއްގައެއް ނޫނެވެ. ދައްކާ ކޮންމެ ވާހަކައެއްގައިވެސް މެއެވެ.

ބައެއް ޢިލްމުވެރިންގެ އަރިއަހުގައި ތިމާއަށް ރީތި ނޫން އަންހެން ކުއްޖަކު ހައްދައިލުމަށް އެކުއްޖާއަކީ ރީތި ކުއްޖެއް ކަމަށް ބުނުމަކީވެސް މުނާފިޤުންގެ ސިފައެވެ. ލޯބި ނުވެހުރެ ލޯބިވާކަމަށް ބުނުމަކީވެސް މުނާފިޤުންގެ ސިފައެކެވެ. އެހެނީ އޭނާ އެބޮޑު ދޮގު އެހަދަނީ ދުނިޔޭގައި އޭނާ ބޭނުންވާ ކަންތައްތަކެއް ޙާޞިލުކުރުމަށްޓަކައެވެ. ދޮގު ހެދުމާއި ވައުދު ނުފުއްދުމާއި މުނާފިޤުކަމާއި މިއީ ގުޅިލާމެހިފައިވާ ކަންކަމެވެ.

މި ތިއަރީއަށް ބަލައި ހިސާބުޖަހާފައި ނިކަން ބުނެބަލާށެވެ. މުޖުތަމައުގައި ގިނައީ ކޮންބައެއް ހެއްޔެވެ؟ މުނާފިޤުން ހެއްޔެވެ؟ މުނާފިޤުން ނޫން މީހުން ހެއްޔެވެ؟ މިސުވާލު ނިކަން އަމިއްލަ ނަފުސާއި ކޮށްލަބަލާށެވެ. ޚުދު ތިމާއަށް ހުރެވެނީ ކޮންފަޅިއެއްގައިކަމާއިމެދު ނިކަން ވިސްނައިލަބަލާށެވެ. ޤިޔާމަތް ދުވަހުން ތިމާއަށް ޙައްޤުވާ މިންވަރު އެއިރުން ވަޒަންކުރެވޭނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން