ތިބާ ބޭނުންވާ އެންމެ ކަމެއް ޙާޞިލު ނުވުމުން މާޔޫސްވެ ހަތަރު އުދަރެސް ފެނުޖައްސާއިރު ﷲ ދެއްވެވި ނިޢުމަތްތައް ނުގުނަނީ ކީއްވެ؟
ބައެއް މީހުން އެމީހަކު އެދޭ ހަމަ އެންމެ ކަމެއް ޙާޞިލުނުވުމުން ގޮތް ހުސްވެ މާޔޫސްކަން ބޮޑުވެ ހަތަރު އުދަރެސް ފެނުޖައްސައެވެ. މާނައަކީ އެމީހަކަށް ހަތަރު އުދަރެސް ފެނުޖެހުނީ ކަމަށް ހަދައެވެ.
އެފަދަ ހާލަތުގައި ތިމާއަށް މާތްﷲ ދެއްވެވީ ނުވަތަ މިހާރުވެސް ލިބިފައިވަނީ ކިތައް ނިއުމަތްކަމާއިމެދު ފިކުރެއް ނުކުރެއެވެ. މާތްﷲ ދެއްވަވާފައިވާ ނިޢުމަތްތައް މަތިން ހަނދާންކޮށް ގުނައިލާކަށް ބޭނުމެއް ވެސް ނުއެވެ.
ޝަކުވާއަކަށްވެފައި އޮންނަނީ ހާޞިލު ނުވެ އޮތް ކަމެވެ. އިޖާބަ ނުކުރައްވަވައި އޮތް ދުޢާއެވެ. އެޙާލަތުގައި ކީރިތި ޤްރްއާނުގެ މިއާޔަތް ކިޔަވައިލައި މާނަ ނިކަން ހިތަށް ގެނެސްބަލާށެވެ.
"އޭ މީސްތަކުންނޭވެ! ﷲ ތިއަބައިމީހުންނަށް ދެއްވި ނިޢުމަތް ހަނދުމަކުރާށެވެ. ﷲމެނުވީ ތަކެތި ހައްދަވައި އުޑާއި ބިމުން ތިއަބައިމީހުންނަށް ރިޒްޤް ދެއްވާ ކަލަކު ވޭހެއްޔެވެ؟ އެކަލާނގެ މެނުވީ އިލާހަކު ނުވެއެވެ. ފަހެ ތިއަބައިމީހުން (އީމާންކަމުން) އެއްކިބާވެގަންނަނީ ކޮންފަދައަކުންހެއްޔެވެ؟"
(އަލްފާޠިރް ސޫރަތް: 3)
ރަނގަޅަށް ނިކަން ވސްނައިލަބަލާށެވެ. މާތްﷲ ދެއްވަވަނީ ރިޒްޤް އެކަންޏެއް ނޫނެވެ. އެންމެހައި ނިއުމަތްތަކެވެ. ގޯތި ގެދޮރެވެ. އަނބިދަރިންނެވެ. ތަނަވަސްކަމެވެ. ވަޒީފާއެވެ. މިހެން ގޮސް ހުރިހައި ކަންކަމެވެ.
އެންމެ ގިނަ ޒުވާނުން މަޔޫސްވަނީ ލޯބިވެރިޔާ ގެއްލުމުންނެވެ. ނުވަތަ ވަކިވާންޖެހުމުންނެވެ. އެފަދަ ހާލުގައި ތިމާއަށް އެގޮތް މެދުވެރިވީ މާ އިޚްލާޞްތެރިއަކު ލިބުމަށް މާތްﷲ ލޯބިކުރައްވަވާތީ ކަމަށް ވިސްނައިލަބަލާށެވެ. އެއިރުން މާޔޫސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. ނަަމަވެސް އެވިސްނުން ހިތަށް ގެނެވޭނީ އީމާންތެރިންނަށެވެ. މާތްﷲ އަށް ފުރިހަމައަށް އީމާންވެ އަަމަލުކުރާ މީހުންނަށެވެ.
ދެން އެންމެ ގިނަ ބައަކު ކަންބޮޑުވަނީ ވަޒީފާ އާއިމެދުގައެވެ. ވަޒީފާ ގެއްލުމުންނެވެ. އެއީ އެއްގޮތަކަށްވެސް ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ތިބާ ހައްޤު ގޮތުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް ވަޒިފާއިން ވަކިކޮށްފިނަމަ ނުވަތަ ވަޒީފާ ގެއްލިއްޖެނަމަ ޔަޤީންކުރަންވީ އެކަން އެގޮތަށް މެދުވެރިވީ އެއަށްވުރެ ރަނގަޅު ގޮތްތަކެއް މާތްﷲ މެދުވެރިކޮށްދެއްވަވަން ކަމެވެ. އެވިސްނުން ހިތަށް ގެނެވޭނީ އީމާންތެރިންނަށެވެ. މާތްﷲ އަށް ފުރިހަމައަށް އީމާންވެ އަަމަލުކުރާ މީހުންނަށެވެ.
މިނޫން ކަންކަންކަމުގައިވެސް މި ވިސްނުން ނިކަން ގެންގުޅެބަލާށެވެ. ކަމެއް ދިމާވީމާ އެކަނި އިންނަންވީއެއް ނޫނެވެ. އުސްތަނަކަށް އަރައި ފުންމައިލަންވީއެއް ނޫނެވެ. އަންހެނަކު ނަމަ ގޭގައި އިނދެ މާތްﷲ އާއި ކުއްތަންވާން އިތުރަށް މަސައްކަތް ފަށަންވީއެވެ. ފިރިހެނަކު ނަމަ މިސްކިތާއި ގުޅުން ބަދަހިކުރުން އިތުރުކުރަންވީއެވެ.
ޔަޤީންކުރަންވީ ކަމަކީ އެއްވެސް ކަމެއް ދެރަގޮތަކަށް މާތް ﷲ މިންވަރު ނުކުރައްވަވާނެ ކަމެވެ. އިމްތިޙާނަކަށް މެނުވީ ހިތްދަތިކަމެއް މެދުވެރި ނުކުރައްވަވާނެކަމެވެ. ތިއަ ބުނާ ޑިޕްރެޝަނަށް އޮތް އެންމެ ފުރިހަމަ ފަރުވާއަކީ ހަމަމިއީއެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން