މަގު އޮޅިގެން މިދަނީ ނަމާދުގެ ލައްޒަތު ނުލިބޭގޮތަށް ނަމާދުކުރެވޭތީ: ޝައިޚް އަޙްމަދު ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 31ސ
މަގު އޮޅިގެން މިދަނީ ނަމާދުގެ ލައްޒަތު ނުލިބޭގޮތަށް ނަމާދުކުރެވޭތީ: ޝައިޚް އަޙްމަދު ސަމީރު
އަޅުގަނޑުމެން މިކިޔަނީ މަރުވެއްޖިއްޔާ ޝަރަފުގައި މަރުވެދާ ވާހަކައެވެ. ނަމަވެސް މަރުވެއްޖިއްޔާ ޝަރަފުގަ މަރުވެދިއުމެއް ނެތެވެ. ސަލާމަތްކަން އޮތީ ﷲ އަށްޓަކައި މުޅި ހަޔާތް ޤްރްބާންކޮށްގެންނެވެ.

އަޅުގަނޑުމެންގެ މުޅި ހަޔާތުގެ މަންހަޖަކީ "އިއްޔާކަ ނަޢްބްދް ވައިއްޔާކަ ނަސްތަޢީން" އެވެ. މާނައަކީ އަޅަމެން އަޅުކަން ކުރަނީ ހަމައެކަނި އިނބަ ﷲ އަށެވެ. އަދި އަޅަމެން ވާގި އެދެނީ ހަމައެކަނި އިނބަ ﷲ ގެ ޙަޟްރަތުންނެވެ.

މިއީ ލޯބީގެ ވަރަށް ފުރިހަމަ މިސާލެކެވެ. އިންސާނާ ދުނިޔޭގައި އުޅުމުގެ އަސާސަކީ މިއީއެވެ. ދުނިޔޭގައި އުޅެމުން ދަނީ މިއަސާސްގެ މަތީގައެވެ. ކޮންމެ ތަނެއްގައި މީހާ ހުރި ނަމަވެސް ދިރިއުޅުމުގެ ހުރިހައި ކަންކަން ހުއްޓެނީ މި އަސާސްގެ މައްޗަށެވެ. "އަޅުކަން ކުރަނީ ހަމައެކަނި އިނބަ ﷲ އަށެވެ. އަދި އަޅަމެން ވާގި އެދެނީ ހަމައެކަނި އިނބަ ﷲ ގެ ޙަޟްރަތުންނެވެ."

ނަމާދުކުރާއިރު ޚުޝޫޢަތްތެރިކަމާއިއެކު ނަމާދުކުރުމުގެ މުހިންމުކަން އިތުރުވަނީ މިސަބަބަށްޓަކައެވެ. ނަމާދުގައި ކިޔާ ކޮންމެ އެއްޗެއް ކިޔަންވީ އަދި ޛިކުރުކުރަންވީ މާތް ﷲ ގެ ކުރިފުޅުމަތީގައި ހުރެ ދަންނަވާ ދެންނެވުމެއްގެ ގޮތުގައެވެ. ސީދާ މާތް ﷲ ގެ ކުރިފުޅުމަތީގައި ހުރެގެން ދަންނަވާ ފަދައިން ދަންނަވަމުން ދިއުމުން ނަމާދުގެ ލައްޒަތު ދާނީ އިތުރުވަމުންނެވެ.

އެގޮތަށް މާތް ﷲ އާއި މުޚާޠަބް ކުރެވޭނީ ކިޔޭ ނުކިޔޭ އެއްޗެއް ތިމާއަށް އެނގިގެންނެވެ. އެބަހީ ނަމާދުގައި ކިޔާ ނުވަތަ ﷲ އަށް ދަންނަވާ ދެންނެވުންތަކުގެ މާނަ އެނގިގެންނެވެ.

މިސާލަކަށް ނަމާދުގައި "ﷲ އަކްބަރް" ކިޔައި ޙަރަމްބަނުމަށްފަހު ވައްޖަހުތު އެބަކިޔަމުއެވެ. ނަމަވެސް އެއިގައި އެވާ ރިވެތި މާނަ އާއި ތިމާ އިޤްރާރް މިވަނީ ކޮންތައްތަކަކަށްކަމެއް ތިމާއަކަށް ނުއެނގެއެވެ. ކުޑައިރުންސުރެ ދަސްވެފައި ހުރީމައި އޮޓޯއިން ކުރިއަށް ދަނީއެވެ. ކިޔޭ އެއްޗެއް ނުއެނގެއެވެ.

އެގޮތަށް ނަމާދުކުރީމާ ނަމާދުގެ ލައްޒަތެއް ނުލިބެއެވެ. ނަމާދުން ފައިބައިގެން ގޮސް ފާފަތަކަށް އަރައިގަންނަނީއެވެ. ނަމާދެއް ނުކޮށް އެތައް ދުވަހެއް ވަންދެން ހުރެވެނީއެވެ. އެގޮތަށް ކަންކަން އެވަނީ ނަމާދު ރަނގަޅަށް ނުކުރެވޭތީއެވެ.

ވައްޖަހުތު ކިޔާއިރު ތިމާގެ މޫނު މާތް ﷲ އަށް ކުރިމަތިކޮށްފީމެވެ. ބުނެވޭ ބަހުގެ ދެވަނަ މާނައެއް އެބައޮތެވެ. އެއީ ތިމާގެ ހުރިހާ އަމަލުތަކެއް މާތް ﷲ އެންގެވި ގޮތުގައި ބެހެއްޓުމެވެ. އަދި އެމީހާ ކުރިއަށްދާ ގޮތުގެ އަސާސަކީ މަންހަޖަކީ މާތް ﷲ ގެ ޝަރީޢަތް ކަމެވެ.

އެމީހާ މިބުނަނީ ތިމާގެ މޫނު މިކުރިމަތިކުރަނީ އިސްވެގޮސްފައިވާ މިސާލެއް ނެތި އުޑުތަކާއި ބިން އުފެއްދެވި މާތް ﷲ އަށް ކަމަށެވެ. "ދެން ކޮން ދިމާއަކަށްތޯ އޭނަ އެނބުރެންވީ؟ "ޙަނީފަން މުސްލިމަން" އެހެން އެއްވެސް ފަރާތަކަށް ބިރުވެތިވުމެއް އަދި އަޅުވެތިވުމެއް ނެތި ހަމައެކަނި ﷲ އަށެވެ. "މުސްލިމަން" މިބުނެވޭ ބަހުގެ މާނައަކީ އެތެރެފުށާއި ބޭރުފުށުގެ އަމަލުތައް ހަމައެކަނި މާތް ﷲ އެންގެވި ގޮތުގައި ސީދާކޮށްފައިވާ މީހާއެވެ.

އަޅުގަނޑުމެންގެ ތެރެއިން ރަނގަޅު ގޮތުގައި މަސައްކަތްކުރާ މީހުން އަބަދުހެން އެމީހުންގެ އަޒުމް ކިޔައި އައުކުރެއެވެ. ނަމާދުގައިވެސް މިކުރަނީ ހަމަ އެއްކަމެކެވެ. (ނަމަވެސް އެކުރެވޭ ކަމެއް އެނގޭނީ ކިޔާ އެއްޗެއްގެ މާނަ އެނގިގެންނެވެ.)

(ޚަބަރުގައިވާ ވީޑިއޯ ވިސްނުންތެރިކަމާއިއެކު 10 ވަރަކަށް ފަހަރު އަޑުއަހައިފިނަމަ ވައްޖަހުތުގެ މާނަ ވަރަށް ރަނގަޅަށް އެނގޭނެ ކަމަށް އުންމީދުކުރެވެއެވެ.)

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން