ދިއްލާ އަގުބޮޑު ބޮކިތަކުގެ ފައިދާއެއް ނެތް - ފައިދާއެއް ކުރާނީ ޞިރާޠު މަގުގެ އަނދިކަމުގެ ތެރެއިން އަލިކަން ލިބުނު މީހާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
ދިއްލާ އަގުބޮޑު ބޮކިތަކުގެ ފައިދާއެއް ނެތް - ފައިދާއެއް ކުރާނީ ޞިރާޠު މަގުގެ އަނދިކަމުގެ ތެރެއިން އަލިކަން ލިބުނު މީހާއަށް!
ގޭގައި ދިއްލާ އަގުބޮޑު ކުލަކުލައިގެ ބޮކިތަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ. ފައިދާއެއް ލިބޭނީ ޞިރާޠު މަގުގެ އަނދިކަމުގެ ތެރެއިން އަލިކަން ލިބުނު މީހާއަށެވެ.

އެނގޭހެއްޔެވެ. އެއީވާ ހާދަ އަނދިރިކަން ގަދަ މަގެކެވެ. އެމަގުން ކުރަންޖެހޭ ދަތުރު ސަލާމަތްކަމާއިއެކު ކުރެވޭނީ އެމީހެއްގެ ކިބައިގައި އަލިކަން ހުރިނަމައެވެ. އެއީ ޓޯޗް ބައްތިއާއި ބޮކިތަކުން އަލިކަން ލިބޭނެ ދުވަހެއް ނޫނެވެ.

ދުނިޔޭގައި ބޮޑެތި ޚަރަދުކޮށްގެން ގެދޮރު އަޅާއިރު އަގު ބޮޑު ބޮކިތައް އެބަލަމުއެވެ. ޓެކްނޮލޮޖީ ކުރިއަރަމުން ގޮސް ސްވިޗަކާއި ނުލައި ދިއްލޭ ބޮކި ޢާންމުވެއްޖެއެވެ. ކިތަންމެ އަނދިރި ނަމަވެސް އަޑަށް ދިއްލޭ ބޮކިވެސް އުފައްދައިފިއެވެ. ބޮތްކަށް ހިޔަނި އެޅުމުން ދިއްލޭ ބޮކިވެސް އުފައްދައިފިއެވެ.

މިހުރިހާ ބާވަތެއްގެ ބޮކިތައް މިދުނިޔޭގައި ތިބާއަތުގައި ނުވަތަ ތިބާގެ ގޭގައި ހުރި ނަމަވެސް އެދުވަހުން ކުރާނެ ހަމައެއްވެސް ފައިދާއެއް ނެތެވެ. އެދުވަހުގެ އަލިކަން ލިބުން ވަނީ ތިބާ ދުނިޔޭގައި ހުރެ ކުޅަ ހެޔޮ އަމަލުތަކުން އެކަންޏެވެ.

މާތް ﷲ ވަޙީކުރައްވަވާފައިވަނީ އެދުވަހު ސަލާމަތްކަން ލިބޭނީ ތަޤްވާވެރިންނަށް ކަމަށެވެ. ތަޤްވާވެރިންނަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

ތަޤްވާވެރިންނަކީ ފާފައަކަށް އަރައިގަންނަން އުޅެވޭ ވަގުތު މާތް ﷲ އަށް ބިރުން އެކަން ނުކުރާ މީހުންނެވެ. ކުރަން ބޭނުންވެގެން އުޅޭ ކަންތައް ކުރެވެން އޮއްވައިވެސް މާތް ﷲ އަށް ބިރުވެތިވެ އެކަމުން ދުރުހެލިވާ މީހުންނެވެ. ހަމައެއާއިއެކު ފާފައެއް ކުރެވުނު ނަމަވެސް ފަހުން އެކަމާއި ދެރަވެ، ހިތާމަކޮށް މާތް ﷲ ގެ ޙަޟްރަތުން މަޢާފަށް އެދި ތައުބާވާ މީހުންނަކީވެސް ތަޤްވާވެރިންނެވެ.

ވިސްނައިލަންވީ މާތް ﷲ ގެ މި ވަހީ ބަސްފުޅަށެވެ. ޤިޔާމަތް ދުވަހު ޞިރާޠު މަގު ހުރަސް ކުރެވޭނެ ގޮތް އެވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އަމަލުކުރަންވީ ގޮތް ވެސް އެވަނީ ދައްކަވައިދެއްވައިފައެވެ. އެހެންކަމުން ބަލަންވީ ގޭގައި އަގު ބޮޑުހައި ބޮކިތައް ލައި އަލިކުރާކަށް ނޫނެވެ. ފުޅިބައްތިއެއްގެ އަލީގައި އިނދެ ނަމަވެސް ހެޔޮ އަމަލެއް ކުރުމަށެވެ.

- ބިލާލް އައްސަދުގެ ދަރުސަކުން -
މިއަދު އޮންލައިން