ނަމާދަށް ގޮވީމާ ވެރިންނާ ވަޒީރުންނަށް ވެސް ޖެހޭނީ ހަމަ ނަމާދަށް ދާން: ޝައިޚް ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ނަމާދަށް ގޮވީމާ ވެރިންނާ ވަޒީރުންނަށް ވެސް ޖެހޭނީ ހަމަ ނަމާދަށް ދާން: ޝައިޚް ސަމީރު
ނަމާދު ވަގުތުޖެހުމުން ނަމާދަށް ގޮވައިލެވެއެވެ. އެ ގޮވައިލެވުމުގެ އަޑު އިވުމުންވެސް ގިނަ ބައަކު އެ އަޑު އިވޭ ކަމަކަށް ނުހަދައެވެ. ބޭނުންވަނީ އެމީހަކު ކުރާ ކަމެއްގައި ދެމިހުންނާށެވެ.

ފައިސާ ހޯދުމަށެވެ. ކަސްރަތު ކުރުމަށެވެ. ނުވަތަ އެނޫންވެސް އެވަގުތަކު ކުރަން ހުރި ކަމެއް ކުރުމަށެވެ. ވަޒީރު ބޭފުޅުންނަށް ބަންގީގެ އަޑު ނުވެސް އިވެއެވެ. "ކިހިނެއްތޯ ނަމާދަށް ދާނީ؟ ޖާހާއި ބޮޑު ގޮނޑި ބަހައްޓާފައި. ކުރަންހުރި މަސައްކަތްތައް ބަހައްޓާފައި!"

މީސްތަކުންނޭވެ. މިއީ މިކަން އޮތް ގޮތެއް ނޫނެވެ. ނަމާދަށް ގޮވައިލެވުމުން ވެރިއެއް ވަޒީރެއް އިސްތިސްނާއެއް ނުވެއެވެ. ޖެހޭނީ އަވަހަށް ޖަމާއަތަށް ނަމާދަށް ދާށެވެ. ކުރީ ޒަމާނަށް ބަލައިފިނަމަ މީސްތަކުންނާއިގެން އިމާމްވެ ނަމާދުކުރައްވަވާނީ އުންމަތުގެ ވެރިޔާއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވެސް އަމަލުކުރެއްވެވީ މިފަދައިންނެވެ. އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެން އިމާމްވެ ނަމާދު ނުކުރެއްެވޭވަރު ވުމުން އަބޫބަކުރުގެފާނާއި ހަވާލުކުރެއްވެވިއެވެ. (އެއީ އިތުރު މާތް ނަބިއްޔާ އަވަހާރަވުމުން ޚަލީފާއަކަށް އަބޫބަކުރުގެފާނު ހަމަޖެއްސެވުމަށް ދެއްވި އިރުޝާދެއްކަމަށް ދީނި އިލްމްވެރިން ދެކެވަޑައިގަންނަވައެވެ.)

އުންމަތުގެ 4 ޚަލީފާއިންވެސް އަމަލުފުޅު ކުރެއެވެވީ ހަމަ އެ އުޞޫލުންނެވެ. އުންމަތުގެ އިމާމް- ނަމާދުގެ އިމާމްގެ ގޮތުގައެވެ. "ވެރިމީހާއަކީ މީސްތަކުން ގޮވައިގެން ނަމާދާއިގެން ކުރާ ދަތުރުކުރުމުގައި ވެރިމީހާއެވެ. ކައްޕިއަކީ ނަމާދުގައި ކުރީގައި އެހުންނަމީހާއެވެ. ވެރިން ނަމާދުނުކުރަނީ ނަމާދަށް ގޮވާލީމާ އެހެން މީހުން ފަދައިން ގޮސް މިސްކިތަށް އަރައިފިނަމަ އެއީ ތިމާގެ ޖާހާއި މަތިވެރިކަން ގެއްލިގެންދާނެ ކަމެއް ކަމަށް ޤަބޫލުކުރާތީއެވެ.

އެއްބައަކު ރިޒުޤް ގެއްލިދާނެތީ ނޫނީ ކަސްރަތު ނުކުރެވިގެން ގެއްލުންވެދާނެތީ ނޫނީ އެހެން ކަންތައްތަކެއް ގެއްލިދާނެތީ މިސްކިތަށް ނުދާން ތިއްބައި މިސްކިތަށް ދާ މީހުންނަށް ބޭނުންވާނެ ކަންކަން މާތް ﷲ އެބަ ދެއްވަވައެވެ. މިސްކިތަށް ގޮސް ނަމާދުކުރީތީއެވެ. އެކަންތައްތައް ދެއްެވެވުން އެދި ދުޢާކުރީތީއެވެ.

މިޒަމާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދުނިޔޭގައި އުޅުއްވެވި ޒަމާނާއި އަޅާބަލައިފިނަމަ އެޒަމާނުގައި ނުރައްކައުތެރިކަން މާބޮޑެވެ. އަބަދުހެން އުޅުއްވަވަން ޖެހިވަޑައިގަތީ އަވަހާރަކޮށްލަފާނެ ކަމުގެ ނުވަތަ ހަނގުރާމައަކަށް ބައަކު އަތުވެދާނެކަމުގެ ބިރުފުޅަށެވެ. އެކަންކަމަށް ބިރުފުޅުން ހަށިފާރަވެރިން ވެސް (އެއްދުވަސްވަރެއްގައި) ގެންގުޅުއްވެވިއެވެ.

އެކަނު އަނދިރީގައި ފަތިސް ނަމާދަށާއި އެހެން ނަމާދުތަކަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައިވީއިރުވެސް ހަމަ އެންމެ ނަމާދެއްވެސް ދުލެއް ނުކުރައްވަވައެވެ. ހަށިކޮޅުގައި ހޭފުޅު ހުރިނަމައެވެ.

އަބޫބަކުރުގެފާނާއި އިމާމުވެ ނަމާދުކުރައްވަން ހަވާލުކުރެއްެވެވީ މިސްކިތަށް ވަޑައިގަންނަވަން އުޅުއްވަނިކޮށް 3 ފަހަރު ހޭފުޅު ނެތިގެން ވެއްޓިވަޑައިގަތުމުންނެވެ. އެހެންކަމުން އެނގިގެންދަނީ ވެރިއަކަށް ނުވަތަ ވަޒީރަކަށްވުމަކުން ބަންގި ގޮވީމާ ނަމާދު ނުކޮށް ހުރެވެން ނެތްކަމެވެ.

- އައްޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން -

(ޚަބަރުގެ ވީޑިއޯގައި ރުކޫ އާ އިޢްތިދާލާ ސަޖިދަ އާ ދެ ސަޖިދަމެދު ކިޔާ ތަސްބީޙަތަކުގެ މާނަ ތަފްޞީލާއިއެކު ހިމެނިގެންވެއެވެ.)

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން