ދުނިޔޭގައި ހޭދަކުރަން ލިބޭ މަދު ދުވަސްކޮޅުގައި ރީތިހާ މީހުންނާއެކު އުޅެ ނުބައި އަމަލުތައް ކުރާމީހުން މަރުވުމުން ކައްވަޅުގައި އެމީހަކާއި އެއްގޮތަކަށްވެސް ވަކިނުވެ އަބަދުވެސް އިންނާނީ ބިރުވެރިކަން ބޮޑު "ފުރޭތައެއް"ގެ ސިފައިގައި އިންނަ ފުރޭތައެކެވެ.
ފުރޭތަ ފެނުމުން ތިބާ ބިރުން ތުރުތުރު އަޅައިގަންނާނެއެވެ. އަދި ކަލެއަކީ ކާކުތޯ ސުވާލުކުރާނެއެވެ. ޖަވާބުގައި ބުނާނެއެވެ. މިއީ ކަލޭ ދުނިޔޭގައި އުޅުނުއިރު ކުރި ނުބައި އަމަލުތަކެވެ. އަހަރެން ކަލޭ ދޫކޮށް ވަކިވެގެން ނުދާނަމެވެ. އެފުރޭތައިގެ ސަބަބުން ތިބާއަށް ދާނީ ބޮޑެތި އަނިޔާތައް ލިބެމުންނެވެ. ބިރުވެރިކަން އިންތިހާއަށް ދާނެ ކަންތައްތައް މެދުކެނޑުމެއްނެތި މެދުވެރިވަމުންނެވެ.
މައުޟޫޢު ފަށަމުން ރީތި މީހުންނާއިއެކު އުޅެ ނުބައި އަމަލުތައް ކުރުމުން ކަމަށް ބުނީ މުހިންމު ސަބަބެއް އޮތުމުންނެވެ. ސިފަ ހުތުރު މީހުންނާއިއެކު އުޅެމުންވެސް ނުބައި އަމަލުތައް ކުރީމާ މިކަން ހަމަ މިގޮތަށް މެދުވެރި ނުވާނެތީއެއް ނޫނެވެ. ކައްވަޅުގައި އެ ނުބައި ސިފައިގައި ތިބާއަށް ފެންނާނީ ތިބާކުޅަ ނުބައި އަމަލުތަކެވެ. އެހެންކަމުން މަސްދަރަކީ ނުބައި އަމަލުތަކެވެ.
ރީތިހައި މީހުންގެ ވާހަކަ ދައްކަންޖެހެނީ މުހިންމު ސަބަބެއް އޮތުމުންނެވެ. އަންހެނަކަށް ރީތި ފިރިހެނަކު ފެނުމުން ނުވަތަ ފިރިހެނަކަށް ރީތި އަންހެނަކު ފެނުމުން މާތް ﷲ ގެ ގަދަފަދަ އަޒާބަށް ބަލައިލުމެއްނެތި މުންކަރާތްތަކަށް އަރައިގަތުން ޢާންމުވެފައިވާތީއެވެ. ރީތި މީހުންގެ "އެޕްރޯޗް" ތައް ފަސޭހައިން ބަލައި ގަނެވޭތީއެވެ. ރީތި މީހުން ހޯދައިގެން ފާފަތަކަށް އަރައިގަންނަން ގަދައަޅައި މަސައްކަތްކުރާތީއެވެ. އެކަމަށް ބޮޑެތި ހޭދަތައްވެސް ކުރާތީއެވެ.
ލޮބުވެތި މުސްލިމުންނޭވެ! ފާފަތަކާއި ދުރުހެލިވާށެވެ! މުންކަރާތްތަކަށް އަރައި ނުގަންނާށެވެ! އެފަދަ ކަންކަމަށް އެރައިގަތުމުން ކަންކަން ވާނެ ގޮތްތައް މާތް ﷲ މިވަނީ ކުރިއާލައި އަންގަވައި ދެއްވަވައިފައެވެ. ވިސްނައި ފިކުރުކޮށް ބިރުވެތިވުމަށެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -