ޓޮޓެންހަމްގެ އެޕީލްއާ އެއްގޮތަށް އެރިކްސަންގެ ލަނޑު ކޭން ޖެހި ލަނޑެއްކަމަށް ނިންމައިފި

ކިޔުމަށް ހޭދަވާނީ 1މ 35ސ
ޓޮޓެންހަމްގެ އެޕީލްއާ އެއްގޮތަށް އެރިކްސަންގެ ލަނޑު ކޭން ޖެހި ލަނޑެއްކަމަށް ނިންމައިފި


އިނގިރޭސި ޕްރެމިއާ ލީގުގައި މިިދިޔަ ހޮނިހިރު ދުވަހު ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމްގެ ކްރިސްޓިއަން އެރިކްސަން ކާމިޔާބުކުރިކަމަށް ކުރިން ނިންމި ލަނޑަކީ ހެރީ ކޭން ކާމިޔާބުކުރި ލަނޑެއްކަމަށް އިނގިރޭސި ޕްރެމިއާ ލީގުގެ ޕެނަލުން ނިންމައިފިއެވެ.

ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ޓޮޓެންހަމްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައިވަނީ، ހިލޭޖެހުމަކުން އެރިކްސަން ކުރިއަށް ފޮނުވާލި ބޯޅަ ހެރީ ކޭންގެ ގައިގައި ޖެހިފައި ގޯލްގެ ތެރެއަށް ވަދެގެންނެވެ. އެހެން ނަމަވެސް، ބޯޅައިގެ މިސްރާބަށް މާ ބޮޑު ބަދަލުތަކެއް އައިސްފައިނުވުމާއެކު، މެޗުގެ ރެފްރީ ނިންމައިފައިވަނީ އެއީ އެރިކްސަން ކާމިޔާބުކުރި ލަނޑެއްގެ ގޮތުގައެވެ.

މި ލަނޑަށް ފަހުގައި، މެޗުގެ ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހި ކޭން ވަނީ ރެފްރީގެ އެ ނިންމުމަށް ފާޑު ކިޔައިފައެވެ. އަދި އެއީ އޭނާގެ ލަނޑެއްކަމަށް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. އެންމެ ފަހުން، ޓޮޓެންހަމުން ވެސް ވަނީ އެއީ ހެރީ ކޭންގެ ލަނޑެއްކަމަށް ބުނެ އެ ލަނޑު ކޭންގެ ނަމަށް ބަދަލުކޮށްދިނުމަށް އެދި އެޕީލްކޮށްފައެވެ.

ކޭންގެ ވާހަކަތަކާއި މެޗުގެ ވީޑިއޯ ބެލުމަށް ފަހުގައި، އިނގިރޭސި ޕްރެމިއާ ލީގުގެ ޕެނަލް ބޯޑުން ވަނީ ޓޮޓެންހަމްގެ އެޕީލްގެ ބަލައިގަނެ އެއީ ކޭންގެ ލަނޑެއް ކަމުގައި ނިންމައިފައެވެ.

އިނގިރޭސި ޕްރެމިއާ ލީގުގެ މި ނިންމުމާއެކު، ހެރީ ކޭން ލީގުގައި ޖެހި ލަނޑުގެ އަދަދު ވަނީ 25 އަށް އަރައިފައެވެ. އެހެން ނަމަވެސް، ލީގުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގައި ކޭން އަދިވެސް އޮތީ ދެވަނައިގައެވެ. މި ސީޒަންގައި ރަން ބޫޓުގެ ރޭހުގައި އަދި އެންމެ ކުރީގައި، 29 ލަނޑާއެކު ލިވަޕޫލްގެ މުހައްމަދު ސަލާހު އޮތްއިރު، މިދިޔަ ދެ ސީޒަންގައި އިނގިރޭސި ޕްރެމިއާ ލީގުގެ ރަންބޫޓު ކާމިޔާބުކޮށްފައިވަނީ ހެރީ ކޭންއެވެ.

މިއަދު އޮންލައިން