މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. މީސްތަކުންގެ ތެރޭގައި ވަރަށް ގިނައިން ފާފަކުރަމުން ހެޔޮ އަމަލުކުރާ މީހުން އެބައުޅެއެވެ. އެމީހުން ހީކުރަނީ ނުބައި އަމަލުތައް ކުރަމުން ހެޔޮ އަމަލުކުރީމާ އަޅައި ކަނޑައިލެވޭނެ ކަށެވެ.
އެއީ އެއްގޮތަކަށްވެސް އެ ގޮތަށް ހިސާބު ޖެހެން އޮތް ކަމެއް ނޫނެވެ. ތިބާ ކުރާ އަމަލުތައް މިދުނިޔޭގައި ކިރިދާނެ ހެއްޔެވެ؟ ކިރާނީ ކޮން ތިލަފަތަކުން ހެއްޔެވެ؟ އެއީ އެއްގޮތަކަށްވެސް އެގޮތަށް ކުރެވެން އޮތް ކަމެއް ނޫނެވެ.
ތިބާ ދުނިޔޭގައި ހުރެ ކުޅަ އަމަލުތައް ކިރައި ހިސާބު ބެލެވޭނީ ޤިޔާމަތް ދުވަހުއެވެ. އެދުވަހަކީ ތިބާގެ އަމިއްލަ އެއްވެސް ބާރެއް އޮންނާނެ ދުވަހެއް ނޫނެވެ. ތިބާގެ ތިލަފަތް ކޮންމެ ކޮޅަކަށް ބަރުވީ ނަމަވެސް އެކަން ބަދަލުކުރަން ހަމައެކަކަށް ވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ.
މާތް ﷲ އިންސާނާ ކުރާ އަމަލުތަކުގެ ޘަވާބުން ވެސް އަދި އަޒާބުންވެސް ޒައްރެއްގެ މިންވަރު ނަަމަވެސް ނުކިރުއްވަވައި ދޫކޮށެއް ނުލައްވަވާނެއެވެ. އެމީހަކަށް ހައްޤު މިންވަރު އެންމެ ފުރިހަައަށް ދެއްވަވާނެ އިލާހްއެވެ. ވީއިރު ތިބާގެ ތިލަފަތް ހުއްޓޭނީ ކޮންކޮޅަކަށްކަން ތިބާއަށް އެނގޭނީ ކިހިނަކުން ހެއްޔެވެ؟ އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ވަނީވެސް މީޒާނުގެ ވެރި މާތް ﷲ އެވެ.
ނިކަން ޚިޔާލަށް ގެނެސްބަލާށެވެ. ހަމަ ކުޑަކުކުޑަ މިންވަރަކުން ތިބާގެ ނުބައި އަމަލުތައް ގިނަވެއްޖެނަމަ ވާނެގޮތާއިމެދުގައެވެ. ނަރަކައިގައި އޮންނަންޖެހޭނެ މުއްދަތަކާއިމެދުގައެވެ. އެކަން އެއީ އެއްވެސް މީހަކަށް އެނގޭނެ ކަންކަމެއް ނޫނެވެ. ކިތައް މިލިއަން، ބިލިއަން އަހަރުކަމެވެ.
ނަރަކައިގައި ލިބޭނެ ގަދަފަދަ އަޒާބު ތިބާއަށް އެބަ އެނގެއެވެ. ބިރުވެސް ގަންނަމުއެވެ. ވީއިރު ދުނިޔޭގައި ލިބެން އޮތް ކުޑަކުޑަ ފައިދާއެއް ލިބިގަތުމުގެ ދަހިވެތިކަމުގައި ތިބާ ތިއަ ވަދެގަންނަނީ އެ ނަރަކައަށެވެ. އެ ރިސްކް ނެގުމަކީ އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު މޮޔަކަންކަމުގައި ނޫނީ ނުވެއެވެ.
ކިރިޔާވެސް ސަލާމަތް ކަމެއް ލިބެން އޮތީ ހަމަ މާތް ﷲ އަށް ފުރިހަމައަށް އީމާންވެގެންނެވެ. އީމާން ވުމަކީ ހަމައެކަނި ދުލުން ބުނެލާ ބަހަކުން ކުރެވޭ ކަމެއް ނޫނެވެ. ފުރިހަމަ ގޮތުގައި އީމާންވުމަކީ މާތްﷲ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރުމެވެ. އަދި އެކަމެއް ކުރުމަށް މާތްﷲ އަންގަވާފައިވާ ހުރިހާ ކަންކަމެއް ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -