މަގުފުރެދުނު މީހުން އެންމެ ދެރަވާނީ އެމީހުންގެ އެކުވެރިން ނަރަކައިން ސަލާމަތްވެ ސުވަރުގެދެވޭތަން ފެނުމުންނެވެ.
ބުނެވޭގޮތުން ޞިރާޠުމަގު ހުރަސްކުރަމުން ގޮސް ވަރަށް އުހުގައި އެންމެންނަށް ފެންނަ ގޮތަށް ބައަކު ތާށިވާނެއެވެ. އެމީހުން ނަރަކައަކަށް ވެސް ނުވެއްޓޭނެއެވެ. އަދި ކުރިއަކަށްވެސް ނުދެވޭނެއެވެ.
އެވަގުތު ނަރަކައަށް ވަންނަން ޖެހިފައި ތިބި އެމީހުންގެ އެކުވެރިން، ތިއައީ އަހަރެމެންނާއިއެކު ފާފަތައް ކުރި މީހުންނޭ ކަލޭމެންނަށް ސަލާމަތްވެވިގެން ނުވާނެއޭ ގޮވާނެއެވެ. އެއިރުވެސް އެމީހުން ތިބޭނީ އެތަނުގައި އެއްވެސް ކޮޅަކަށް ގުޑައި ނުލެވިފައެވެ.
އެއީ ކޮން ބައެއްކަން އެނގޭ ހެއްޔެވެ؟ އެއީ ފާފަވެސް އަދި ހެޔޮ ކަންތައްތައް ވެސް ކުރި މީހުންގެ ތެރެއިން ދެބައި ހަމަހަމަވީ މީހުންނެވެ. ތިލަފަތް އެއްވެސް ކޮޅަކަށް ބުރަނުވި މީހުންނެވެ. ނަރަކައަށް ނުވެއްޓީ އެތިބީ އެފަދަ މީހުންނާއިމެދު މާތް ﷲ އިއްވަވާނެ ޙުކުމްފުޅުގެ އިންތިޒާރުގައެވެ.
އެހިނދު އަޑެއް އިވޭނެއެވެ. ތިއަބައިމީހުންނަށް މާތް ﷲ ރަޙުމް ކުރައްވަވައިފިއެވެ. ނަރަކައިން ސަލާމަތްވެގެން އަންނާށެވެ. ނަރަކައަށް ދާންޖެހުނު މީހުން ދަންނާށެވެ. ކަލޭމެންނަށް ނަރަކައަށް ދާންޖެހިފައި ތިއަވަނީ ކަލޭމެން ކުރި އަމަލުތަކުގެ ނުބައިކަން ބޮޑުކަމުންނެވެ.
އެއަޑާއިއެކު އެމީހުންނަށް ކުރިއަށް ދެވޭނެއެވެ. ބުނެވޭ ގޮތުން އެފަދަ މީހުންނަށް ދެވޭނީ ސުވަރުގޭގެ ދޮރުކޮޅާއި ހަމައަށެވެ. އެތަނުގައި ޖެހޭނީ އިތުރަށް އިންތިޒާރުކުރާށެވެ. ނޫންނަމަ ސުވަރުގެ ވައްދަވާނީ އެހެން އެންމެން ސުވަރުގެ ވަދެ ނިމެފަހުންނެވެ.