"ތިއައީ މެޓާ" ކަމަށް ބުނެ އުޅޭ ބަހުގެ އެއް މާނައަކީ ތިއަ ކަމެއް ކޮށްލުމަކީ ވަރަށް ފަސޭހައިން ކުރެވިދާނެ ކަމެއް ކަމަށް ބުނުމެވެ. އެއްވެސް އުނދަގުލެއް ނެތި ކަމެއް ކޮށްލެވިދާނެ ކަމަށް ބުނުމެވެ. ދޮގު ހެދުމަކީ މިހާރު ޢާންމުވެ "މެޓާ" ކެޓަގަރީގައި ހިމެނިފައިވާ ކަމެކެވެ.
ކީރިތި ޤްރްއާނުގެ އާޔަތްތަކުން ހެކި ދައްކަވަމުން އިލްމުވެރިން ވިދާޅުވަނީ ދޮގެއް ހައްދުވަންވެގެން އަނިޔާކޮށް މަރައިލި ނަމަވެސް ދޮގުނުބުނެ ތެދު ބަސް ބުނުމަށެވެ. ޙައްޤު ބަސް ނޫނީ ނުބުނުމަށެވެ. ތެދު ބުނުންމަތީގައި ސާބިތުވެ ހުރުމަށެވެ.
ދޮގު ބުނުން މުޖުތަައުގައި ޢާންމުވެފައިވާވަރުން އެއީ ކުށެއް ކަމަށް ޤަބޫލުކުރެވެނީވެސް މަދު މީހަކަށެވެ. ނަމަވެސް އިސްލާމް ދީނުގައި އެކަން އޮތީ އެހެނެއް ނޫނެވެ. ދޮގު ހުއްދަވާ 2 ހާލަތުގައި މެނުވީ ދޮގު ހެދުމަކީ ހަމަ ބޮޑު ފާފައެކެވެ. ޙަރާމް ކަމެކެވެ.
ދޮގުހެދުން ހުއްދަވެގެންވާ ފުރަތަމަ ޙާލަތަކީ ހަނގުރާމައެއްގައި ފަދަ ކަމެއްގައި ތިމާ ތެދުބަސް ބުނެފިނަމަ މުސްލިމުންނަށް ގެއްލުމެއް ލިބިދާނެ ކަމުގެ ބިރު އޮތުމެވެ. ދެވަނަ ޙާލަތަކީ ތެދަށް ބުނުމުން ދެމަފިރިއެއްގެ ނުވަތަ އެނޫންވެސް ބައެއްގެ ޒާތީ މަސްލަހަތު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރުއޮތުމެވެ.
މީގެ ތެރޭގައި ރައްޔިތުންެގެ ފައިސާ އާއި މުދަލުން ވައްކަން ކުރުމެއް ނުހިމެނެވެ. ރައްޔިތުންގެ ހައްޤުތަކަށް އަރައިގަތީމާ އެކަން ސިއްރުކުރުމެއް ނެތެވެ. އެހެނީ އެއީ މުޅި ރައްޔިތުންެގެ މަޞްލަހަތާއި ގުޅިފައިވާ ކަމަކަށްވާތީއެވެ. ވައްކަން ކުރި މީހާ ހިމާޔަތްކޮށް ކުރި ވައްކަން ފޮރުވުމުން އެކަމުގެ ގެއްލުން ޤައުމުގެ ހުރިހާ ރައްޔިތުންނަށް ލިބޭނެތީއެވެ. ރައްޔިތުންގެ ހައްޤުތަކުން ވައްކަން ކުރީމާ އެކަން ފޮރުވައި ދިނުމަކީ މީހާގެ އައިބުތައް ފޮރުވައިދިނުމެއް ވެސް ނޫނެވެ.