ތައުބާވުން ލަސްކުރުމަކީވެސް ތައުބާވާންޖެހޭ ފާފައެއް: ޝައިޚް ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ތައުބާވުން ލަސްކުރުމަކީވެސް ތައުބާވާންޖެހޭ ފާފައެއް: ޝައިޚް ސަމީރު
ވަރަށް ގިނަ ބައަކު ތައުބާވުން ލަސްކުރެއެވެ. އެތައް އަހަރުތަކަކަށްވެސް ލަސް ކުރެއެވެ. ބައެއް މީހުން މުސްކުޅިވަންދެންނެވެ. އަނެއް ބައަކު އެމީހަކަށް ފެންނަހައި ގިނަ އަހަރުތަކެއްވަންދެންނެވެ.

އެހެން ނަމަވެސް މިއީ މިކަން ކުރަން އޮތް ގޮތެއް ނޫނެވެ. ތައުބާވުމަކީ ފާފައެއް ކުރެވުމާއި ވިދިގެން ހަމަ ފަހަތުން ކުރަންޖެހޭ ކަމެކެވެ. އެހެންކަމަށްވާއިރު ތައުބާވުން ލަސްކުރުމަކީވެސް ތައުބާވާންޖެހޭ ފާފައެކެވެ.

މިއީ ވަރަށް ގިނަ ބައަކަށް ކުރެވޭ ފާފައެއް ނަމަވެސް މި ފާފައަކީ ގިނަ ބައަކަށް ފާފައެއް ކަމަށް ޤަބޫލުނުކުރެވޭ ފާފައެކެވެ. އަދި ތައުބާ ވެސް ނުވާ ފާފައެކެވެ. ފުރިހަމަ ތައުބާއަކުން ތައުބާވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އެގޮތުން ބަލާއިރު ފުރިހަމަ ތައުބާއަކުން ތައުބާވިކަމަށްވާނީ ތިމާއަށް ކުރެވިފައިވާ ހުރިހާ ފާފަތަކުން ތައުބާވުމުންނެވެ.

މީސްތަކުން ތައުބާވުމުން ތައުބާވާ މީހާއަށްވުރެ ބޮޑަށް އެކަމާ އުފާވެވޮޑިގެންވަނީ މާތް ﷲ އެވެ. މީސްތަކުން ތައުބާވުމަކުން މާތް ﷲ އަށް ލިބިވޮޑިގަންނަވާ އެއްވެސް ފައިދާއެއް ނެތެވެ. އަދި މީސްތަކުން ތައުބާ ނުވުމަކުން ލިބިވޮޑިގަންނަވާ އުނިކަމެއްވެސް ނެތެވެ. އެހެންކަމާއިއެކު މާތް ﷲ އީ އެންމެ ދިލަތިވަންތަ އަދި އޯގާތެރިވަންތަ ކަލާނެކަމަށްވާތީ އެވެ. އެކަލާނގެ ދީލަތިވަންތަކަމުގެ މަގު އޭނާ އިޚްތިޔާރުކުރީތީއެވެ.

"ކިތަންމެ ގިނަ ބައަކަށް ކިތަންމެ ގިނަ އެއްޗެތިތަކެއް މާތް ﷲ ދެއްވެވި ނަމަވެސް މާތް ﷲ ގެ ޒާތުފުޅުން ޒައްރެއްގެ މިންވަރުވެސް މަދެއް ނުވެއެވެ. އެހެންކަމުން ވީހައި ގިނަ ބައަކު ވީހައި ގިނަ ނިއުމަތްތައް ލިބިގަތުމުން އެކަމަށް މާތް ﷲ ލޯބިވެވޮޑިގެން އުފާފުޅު ކުރައްވަވައެވެ.

- އައްޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން -
މިއަދު އޮންލައިން