ވައްކަން ކުރިކަމަށް އިއުތިރާފްވީމާ އޮތީ އެމީހާގެ އަތް ކެނޑުން ކަމަށާއި އެއާއިއެކު ވަގަށް ނެގިތަކެތިވެސް އަނބުރާ ދޭންޖެހޭނެ ކަމަށް އައްޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ފުރްޤާން މިސްކިތުގައި ދަރުސް ދެއްވަމުން ޝައިޚް ސަމީރު ވިދާޅުވީ ވައްކަމުގެ މައްސަލައެއްގައި އިއުތިރާފްވުމަށްފަހުވެސް އިއުތިރާފް އަނބުރާ ގެންގޮސްފިނަމަ އަދި އެކަމަށް ހެކި ލިބެނީ ހަމައެކަނި އިއުތިރާފުން ކަމަށްވާނަމަ އެމީހެއްގެ އަތް ނުކެނޑޭނެ ކަމަށެވެ.
ޝައިޚް ސަމީރު ވިދާޅުވީ އިއުތިރާފް އަނބުރާ ގެންދިއަ ނަމަވެސް ވަގަށް ނެގިތަކެތީގެ މައްސަލަ ނުނިމޭނެ ކަމަށާއި ވަގަށް ނެގި ތަކެތި އަނބުރާ ނުދީ އެމީހަކަށް ސަލާމަތް ނުވެވޭނެ ކަމަށެވެ.
ޝައިޚް ސަމީރު ވިދާޅުވީ މީސްތަކުންގެ ހައްޤުތަކުން، މުދަލުން ވައްކަން ކުރީމާ އެއަށް ބަދަލުނުދީ ފަރުޖެއްސޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމަށެވެ. މީސްތަކުންގެ ހައްޤުތަކަށް މާތް ﷲ މަޢާފް ނުކުރައްވަވާނެ ކަމަށާއި ޤިޔާމަތް ދުވަހުން ދޭންޖެހޭނީ ވަރަށް ހިތި ބަދަލެއް ކަމަށެވެ.
"އެދުވަހަކު ނުހުންނާނެ ބަދަލުދޭނެ ފައިސާއެއް ރަނެއް މުދަލެއް އެއްވެސް މީހެއްގެ އަތަކު. ބަދަލު ދޭންޖެހޭނީ އެމީހާ ދުނިޔޭގައި ކޮށްފައިވާ ހެޔޮ އަމަލުތަކުން. ބަދަލު ދެމުން ގޮސް ހެޔޮ އަމަލުތައް ހުސްވީމާ ދެން ޖެހޭނީ އެމީހާ ކޮށްފައިވާ ފާފަތަކާ ހަވާލުވާން."
ޝައިޚް ސަމީރު ވިދާޅުވީ މިގޮތަށް ބަދަލުދެމުން ގޮސް ދުނިޔޭގައި ކުރި ހެޔޮ އަމަލުތައް މީސްމީހުންނަށް ދީ ހުސްވެގެން އެމީހުންގެ ފާފަތައް ހިފައިގެން ނަރަކައަށް ދާންޖެހޭމީހުންނަކީ އެންމެ ބޮޑަށް ބަނގުރޫޓުވެފައިވާ މީހުން ކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައި އެވަނީ އެހެންވެގެން ކަމަށެވެ.
ޝައިޚް ސަމީރު ވިދާޅުވީ ޤިޔާމަތް ދުވަހަކީ ދަރިންގެ ކިބައިން ނަމަވެސް ބަދަލެއް ލިބެން އޮތްނަމަ އެ ބަދަލު ހޯދައިގެން ބައްޕަ ވެސް އަދި މަންމަ ވެސް އެމީހާ ސުވަރުގެދާން މަސައްކަތްކުރާނެ ދުވަސް ކަމަށެވެ. އަދި ދަރިންވެސް މައިން ބަފައިންެގެ ކިބައިން ލިބޭނެ ބަދަލެއް އޮތް ނަމަ ހޯދައިގެން ސުވަރުގެދާން ބޭނުންވާނެ ދުވަސް ކަމަށެވެ. އެހެންކަމުން އެއީ އެއްވެސް މީހަކު އެހެން މީހަކަށް މަޢާފްކުރާނެ ދުވަހެއް ނޫން ކަމަށެވެ. ވީމާ އެފަދަ ދުވަހަކަށް ތައްޔާރުވާންޖެހޭއިރު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މީސްތަކުންގެ ހައްޤުތައް ފުރިހަމައަށް އަދާކޮށް ނިންމުން ކަމަށެވެ.