ރޯދަ ކައިރިވަނީ ‍- ކިތަންމެ ވަރަކަށް އީދުގަ ކުލަ ބޮކި ދިއްލި ނަމަވެސް އަލިކަން ލިބޭނީ ރޯދައަށް ދިއްލި ހިތްތަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ރޯދަ ކައިރިވަނީ ‍- ކިތަންމެ ވަރަކަށް އީދުގަ ކުލަ ބޮކި ދިއްލި ނަމަވެސް އަލިކަން ލިބޭނީ ރޯދައަށް ދިއްލި ހިތްތަކަށް!
ރޯދަ ކައިރިވަނީ އެވެ. ރޯދައަށްފަހު ޢީދު އަންނާނެއެވެ. ޢީދަށް ކުލަކުލައިން ބޮކިތައް ދިއްލަމުއެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ކަމަކީ ކިތަންމެ ވަރަކަށް، ކިތަންމެ ގިނައިން އީދުގައި ކުލަ ބޮކި ދިއްލި ނަމަވެސް ހަޤީޤީ އަލިކަން ލިބޭނީ ރޯދައަށް ދިއްލި ހިތްތަކަށް އެކަނި ކަމެވެ.

ކުލަ ބޮކިތައް ދިއްލަނީ ޢީދަށެވެ. ނުވަތަ ޢީދުގައެވެ. އެބޮކިތައް ދިއްލުމުން ކުލަކުލައިގެ ރީތި އަލިތައް ފެންނާނެއެވެ. ނަމަވެސް ތިބާ ހިތް ރޯދައަށް ދިއްލައި އަލި ނުކުރިނަމަ އީދުގައި ދިއްލާ ކުލަ ބޮކިތަކުގެ އަލިން ތިބާއަށް އޮތީ ކޮން ހިތްހަމަޖެހުމެއް ހެއްޔެވެ؟

ރޯދައަށް ވެސް ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ހިތްތައް ސާފުކުރުމެވެ. ހިތްހެޔޮކުރުމެވެ. އެހެން މީހެއްގެ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް ކުރެވިފައިވާނަމަ އަވަހަށް މަޢާފަށް އެދޭށެވެ. މީހެއްގެ ހިތުގައި ޖެއްސިފައިވާނަމަ އެމީހާގެ ހިތުގައި ފިރުމައިލާށެވެ. އެހެން މީހުންގެ ހިތްތަށް ތިބާއަށްޓަކައި ސާފުކުރުވާށެވެ.

ހަމައެއާއިއެކު ތިބާގެ ހިތްވެސް ސާފުކުރާށެވެ. އެއްވެސް މީހަކާއިމެދު ހިތް ބުރަކަމެއް ނުބާއްވާށެވެ! ހިތުގައި ހުރި އުދާސްތައް ނެރެ ބޭރުކޮށްލާށެވެ! ހިތް އެކުގައި ލުއިކޮށްލާށެވެ!

އެކަމުގެ ބޭނުމަކީ ރަމަޟާން މަހު ރޯދައަށް ހުރެ ބޭކާރު ވިސްނުންތައް ވިސްނަން ނުޖެހުމެވެ. މާތް ﷲ އާއިމެދު ވިސްނާނެ ވަގުތު އިތުރުކުރުމެވެ. މީހަކު ބަހެއް ބުނެފައި އޮތްނަމަ އެކަމުން ވާނީ ކީއްހެއްޔެވެ؟ ކަމެއް އޮތް ނަމަވެސް ވާނީ ކީއްހެއްޔެވެ؟ މީހަކަށް ތިބާއަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟

ތިބާ އާއި އެކުގައި މާތް ﷲ ވޮޑިގެންވާނަމަ އެނިމުނީ ނޫންހެއްޔެވެ؟ އެހެންކަމަށްވާއިރު އެހެން މީހުން ކުރާ ކަންކަމާއި ބެހުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އެހެން މީހުން ކުރާ ކަންކަމާއިމެދު ވިސްނުމުގެ ވެސް ބޭނުމެއް ވެސް ނެތެއް ނޫން ހެއްޔެވެ؟

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން