މާލިކް އިބްން ދީނާރަކީ ހެޔޮލަފާ މީހަކަށް ބަދަލުވެ ދީނީ އިލްމުވެރިއަކަށްވުމުގެ ކުރިން ނުބައި އަމަލުތައް ކޮށް އުޅުނު މީހެކެވެ. ބަނގުރާ ބޮއި ވައްކަންކޮށް އުޅުނު މީހެކެވެ.
އެގޮތުގައި އުޅުނު ދުވަސްވަރު އޭނާއަށް ފެނުނީ ނުބައި ނުލަފާ މީހަކު ނިކަމެތި ފަޤީރަކު ލައްވައި މަސައްކަތް ކުރުވާފައި އުޖޫރަ ނުދީގެން އުޅޭތަނެވެ. އެތަން ފެނުމުން ގޮސް އެމިހާއަށް މުސާރަ ދިނުމަށް މާލިކް އިބްން ދީނާރު އެދުނެވެ. ދެންވެސް ނުދިނުމުން އޭނާގެ ޖީބުން މިންވަރެއް ނަގައި އެމީހަށް ދިނެވެ. އަދި އެމީހާގެ ކިބައިން އެދުނީ އޭނާގެ ދަރިން ގާތު ބުނެގެން އޭނާއަށް ހެޔޮ ދުޢާކޮށްދިނުމަށެވެ.
އެއިގެ ކުޑަ ދުވަސްކޮޅެއްފަހުން މާލިކް އިބްން ދީނާރު މީހަކާއި ކައިވެނިކުރަން ބޭނުންވިއެވެ. ނަމަވެސް އޭނާގެ ނުބައި ނުލަފާކަން ބޮޑުކަން އެންމެންނަށްވެސް އެނގޭތީ އޭނާ އާއި ދަރިއަކު ކައިވެނިކުރުވަން އެއްވެސް މީހަކު އެއްބަހެއް ނުވިއެވެ. އެންމެފަހުން އޭނާ ކުރިކަމަކީ އަޅަކު ގަތުމަށްފަހު މިނިވަންކޮށް އޭނާ އާއި ކައިވެނިކުރީއެވެ.
ކައިވެނިކުރި ތަނާ އަންހެން ދަރިއަކު ލިބުނެވެ. ވަރަށް ލޯބިން ގެންގުޅެނިކޮށް އުމުރުން 5 އަހަރުގައި އެ ދަރިފުޅު މަރުވީއެވެ. އެކަމުގެ ހިތާމައިގައި އުޅެމުންދަނިކޮށް އެއްރެއަކު އޭނާއަށް ހުވަފެނެއް ފެނުނެވެ.
ހުވަފެނުގައި ފެނުނީ އޭނާގެ ކުރިމަތީގައި ބޮޑު އަލިފާންގަނޑެއް ހުއްޓައެވެ. ބޮޑު ޑްރޭގަންއެއް އޭނާގެ ފަހަތުގައި އޮވެގެން އަލިފާންގަނޑާއި ދިމާއަށް ގެންދުވަންވެގެން ދަނީއެވެ. އެ ޑްރޭގަންގެ ކިބައިން ސަލާމަތްވުމަށް އޭނާ ދުވަނީއެވެ.
ދުވަމުންގޮސް ފަރުބަދައެއްގެ ކުރިއަށް އެރުނެވެ. ފުންމާލަން ބަލައިލިއިރު ތިރީގައި ވަނީ ނަރަކައެވެ. ފުންމައިލެވޭކަށްވެސް ނެތެވެ. ފުންމާލައިފިނަމަ ވެއްޓޭނީ ނަރަކައަށް ކަމަށްވާތީއެވެ.
ދެންވެސް ދުވަން ފެށީއެވެ. ދުވަމުން ދުވަމުން ގޮސް ނުކުމެވުނީ ސާފު ގޮނޑުދޮށަކަށެވެ. އެތަނުން ވަރަށް މުސްކުޅި މީހަކު ފެނުނެވެ. މުސްކުޅި ކަމުން ވާހަކައެއްވެސް ނުދެއްކުނެވެ. ނަމަވެސް އިނގިލިން އިޝާރާތްކޮށްފައި އެދިމާއަށް ދިއުމަށް ބުންޏެވެ.
އެދިމާއަށް ދުވަނިކޮށް ދެންވެސް އެރުނީ ފަރުބަދައެއްގެ މައްޗަށެވެ. އެތަނުގައި ވަރަށް ގިނަ އަދަދެއްގެ ކުޑަކުދިން ކުޅެން ތިއްބެވެ. އެކުދިން ގޮވަން ފެށިއެވެ. "ފާޠިމާއެވެ! ކަލޭގެ ބައްޕަ ސަލާމަތްކުރާށެވެ.!"
ފާޠިމާ އައިސް އަތުން އިޝާރާތެއް ކޮށްލުމުން ޑްރޭގަން ގެއްލިއްޖެއެވެ. ދެން ފާޠިމާ ބުންޏެވެ. "ބައްޕާއެވެ. ބައްޕަ ފަހައި ތިއަ ދުވީ ބައްޕަކޮށްފައިވާ ނުބައި އަމަލުތަކެވެ. އެ ނުބައި އަމަލުތަކަށް ބައްޕަ އަތުލައި ނުގަނެވުނީއެވެ. (މާނައަކީ އިޞްލާޙްވުމުގެ ފުރުޞަތު ބައްޕައަށް އަދި އެބައޮތެވެ.
ބައްޕައަށް އެފެނުނު މުސްކުޅި މީހާއަކީ ބައްޕައަށް ކުރެވިފައިވާ މަދު ނަމަވެސް ހެޔޮ އަމަލުކޮޅެވެ. ހެޔޮ އަމަލުކޮޅު މަދުކަމުން ބައްޕަ ސަލާމަތް ނުކުރެވުނީއެވެ. ނަމަވެސް އެމަދު އަމަލުކޮޅު ބައްޕައަށް އެ ދައްކައިދިނީ ބައްޕަ އަށް ސަލާމަތް ވެވޭނެ މަގެވެ."
އެހެން ބުނުމަށްފަހު ކީރިތި ޤްރްއާނުން އާޔަތެއް ކިޔެވިއެވެ. އެ އާޔަތުގައި ބަޔާންވެގެންވާ މާނައަކީ އޭ އިންސާނާއެވެ. ތިބާ ތައުބާވެ މާތް ﷲ ގެ މަގަށް ރުޖޫއަވުމުގެ ވަގުތު އަދިވެސް ނުޖެހެނީ ހެއްޔެވެ؟
މާލިކް އިބްން ދީނާރުގެ ވާހަކަ ތަފާތު އިބާރާތުން ލިޔެފައި އެބަހުއްޓެވެ. އެނގޭ ކަމަކީ އޭނާއަކީ ވަރަށް ނުބައިކޮށް އުޅުމަށްފަހު އިޞްލާޙްވެ އިސްލާމް ދީނަށް ނަޞްރު ދޭން ގަދައަޅައި މަސައްކަތްކުރި މީހެއް ކަމެވެ.