ގިނަ ބައެއްގެ ނަމާދު ބާޠިލް ވަނީ މިސްކިތުގަ ވައިފައި ނެތް ނަމަވެސް ސިކުނޑި އިންޓަރނެޓާ ގުޅިފަ ހުންނާތީ.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 5ސ
ގިނަ ބައެއްގެ ނަމާދު ބާޠިލް ވަނީ މިސްކިތުގަ ވައިފައި ނެތް ނަމަވެސް ސިކުނޑި އިންޓަރނެޓާ ގުޅިފަ ހުންނާތީ.
ޢާންމުކޮށް މިސްކިތްތަކުގައި ވައިފައި އެއް ނުހުރެއެވެ. އަދި ނަމާދަށް ހުންނައިރު ތިބާގެ އަތުގައި މުޢާމަލާތުކުރާނެ ޑީވައިސްއެއްވެސް ނުއޮވެއެވެ. ނަމަވެސް ތިބާގެ ސިކުނޑި ހުންނަނީ އިންޓަރނެޓާއި ގުޅިފައި ކަމަށެވެ.

"އެހެންވީމާ ވާގޮތަކީ ތިބާގެ ވިސްނުން ގޮސް ހުއްޓެނީ ސޯޝަލް މީޑިއާތަކަށް. ހިތަށް ގެނުވެނީ މާތް ﷲ އެއް ނޫން. ކޮންމެވެސް ބަރަހަނާ މަންޒަރުތަކެއް. ކޮންމެވެސް ރީތި އަންހެނެއް ނޫނީ ފިރިހެނެއްގެ ސޫރަ. ނޫނީ ފާހިޝް އަމަލުތަކެއް."

މިޙާލަތަށް ކަންކަން ދަނީ އެއް ދުވަހަކުން ނޫނެވެ. އެތައް ދުވަހަކުންނެވެ. ފެށުމަކަށްވަނީ ސޯޝަލް މީޑިއާކަމަށް ނުވެވެސް ހިނގައިދާނެއެވެ. މަގުމަތިން ފެންނަ މަންޒަރުތައް ކަމަށްވެސް ވެދާނެއެވެ. އެންމެ ހިތާމަހުރި ކަމަކީ މިއީ އެވެ.

މިކަން މިގޮތަށް ވުމަށް މެދުވެރިވާ ސަބަބަކީ މަގުމަތިން ފެންނަ މަންޒަރުތަކަށް ތިބާގެ ސަމާލުކަން ދޭންޖެހޭ ގޮތަށް ނުދެވުމެވެ. މާތް ﷲ އަންގަވާފަދައިން އެކަންތައްތައް ނުކުރެވުމެވެ. ގިނައިން މިހާލަތު ކުރިމަތިވަނީ ފާހިޝް އަމަލުތަކާއި މަންޒަރު މަގުމަތިން ގިނަގިނައިން ފެންނަން ފެށުމުން އެއީ ޙަރާމް ކަންތައްތަކެއް ކަމަށް ބަލައި ނުގެނެވޭތީއެވެ. އެއީ ޢާންމު ކަމެއް ކަމަށް ވިސްނި ހިތުން ކަންބޮޑުވުން ނެތިގެންދިއުމުންނެވެ.

މިއީ ވަރަށް ނުރައްކައުތެރިކަމެކެވެ. މިފަދަ މަންޒަރުތައް އަބަދު ފެންނަން ފެށުމުން ވާގޮތަކީ ސިކުނޑީގައި އެކަންކަން ބިންވަޅު ނެގެނީއެވެ. ސިކުނޑީގައި މަޑުމަޑުން ހަރުލަމުން ގޮސް މުޅި ސިކުނޑިއަށް ސަވާރުވަނީއެވެ. އެހިސާބުން ވައިފައި އެއްގޮތަކަށް ނުލިބޭ ތަނެއްގައި ތިބާ ހުރި ނަމަވެސް ސިކުނޑި އަބަދުވެސް ހުންނާނީ އިންޓަރނެޓާއި ގުޅިފައެވެ. ލޭގައި ދައުރުކުރާނީވެސް އެ އިހްސާސްތަކެވެ.

ނިކަން ވިސްނައިލަބަލާށެވެ. އެހާލަތަށް މީހެއްގެ ކަންކަން ދިއުމުން ދެން ކުރެވޭނީ ކޮން ނަމާދެއްހެއްޔެވެ؟ މިސްކިތަށް އަރައި ހަރަކާތްތަކެއް ކުރި ނަމަވެސް އެކުރެވެނީ ނަމާދަކަށް ނުވެއެވެ. ނަމާދު ނަމާދަކަށްވާނީ ސިކުނޑިއާއި ހިތާއި ދުލާއި އަމަލުތައް އެކުގައި މާތް ﷲ އަށް ސީދާ ކުރުމުންނެވެ.

މިއީ 21 ވަނަ ޤަރުނެވެ. މަގުމަތިން މަންޒަރުތައް ފެންނާނެއެވެ. އެފަދަ މަންޒަރެއް ފެންނަ ކޮންމެ ފަހަރަކަށް މާތް ﷲ އަދަބު ނުދެއްވަވަނީ އެހެންވެގެންނެވެ. މާތް ﷲ ދެއްވަވާނީ ޤަޞްދުގައި ބެލުމުންނެވެ. ދެވަނަ ފަހަރަށް ބެލުމުންނެވެ.

ހައްލަކީ ކޮބައިކަމަށްތޯއެވެ؟ އަޅުގަނޑުގެ ވިސްނުމުގައި ހައްލަކީ ކިތަންމެ ގިނައިން ފެނުނު ނަމަވެސް ޙަރާމް ކަންކަން ކުށްވެރިކުރުންމަތީގައި ދެމިހުރުމެވެ. ހިތުގެ އަޑިން އެކަންކަން ކުށްވެރި ކުރުންމަތީގައި ސާބިތު ކަމާއިއެކު ދެމިހުރުމެވެ. ގެއިން ނުކުންނަމުން ކިޔަންޖެހޭ ޛިކުރުތައް ކިޔައި މާތް ﷲ ގެ ޙަޟްރަތުން ރައްކައުތެރިކަން ހޯދަން މަސައްކަތްކުރުމެވެ.

- ލަވްއިސްލާން ގެ ދަރުސަކުން -
މިއަދު އޮންލައިން