ހަޤީޤީ ލޯބިވެރިންނާއި ހެޔޮ އެދޭމީހުންގެ ވާހަކައަކީ އެންމެ ގިނައިން ދެކެވޭ އެއް ވާހަކައެވެ. ހަޤީޤީ ލޯބިވެރިންނާއި ހެޔޮ އެދޭ މީހުން އެކި މީހުން މިނަނީ އެކި ނާޅިންނެވެ. އެމީހަކަށް އެކަމަކުން އެންމެ ފައިދާކުރާނެ ނާޅިންނެވެ.
ކަން މިގޮތަށް ހިނގަމުންދާއިރު ޢާންމު ގޮތެއްގައި މިނަން ބޭނުންކުރަނީ ވަރަށް އާދައިގެ ކުދިކުދި ނާޅިތަކެކެވެ. އެހެންކަމުން އެއަށް އެޅެނީވެސް ވަރަށް މަދު މިންވަރެކެވެ. އެހައި އަވަހަށް ހުސްވެގެން މައްސަލަ ޖެހެނީ އެހައި ކުދިކުދި ނާޅިން މިނާތީއެވެ.
ލޯބި މިނަންޖެހޭ ނާޅިއަކީ އެހައި ކުޑަކުޑަ ނާޅިއެއް ނޫނެވެ. އެއީ މާބޮޑު ނާޅިއެކެވެ. ކިތަންމެ ވަރަކަށް އެޅި ނަމަވެސް ނުފުރޭނެ ނާޅިއެކެވެ. އެ ނާޅިން ލޯބި މިނާނަމަ ނުވަތަ އެނާޅިން މިނައިގެން ލޯބިވާވަރު ވަޒަންކުރާނަމަ ދުވަހަކުވެސް ލޯބި ހުސްވެގެން އުޅޭކަށް ނުޖެހޭނެއެވެ. އަބަދުވެސް އުޅެންޖެހޭނީ ނާޅި ނުފުރިގެންނެވެ.
އެނާޅިއަކީ ލޯބިވެރިޔާ ނުވަތަ އެކުވެރިޔާ ތިބާއަށް މާތް ﷲ ގެ މަތިން ހަނދާންކޮށްދޭ މިންވަރެވެ. ތިބާއަށް ކުރެވޭ ކުށްތައް ބުނެދީ އިޞްލާޙްކޮށްދޭން މަސައްކަތްކުރާ މިންވަރެވެ. ހެޔޮ ކަންކަން ކުރުމަށް ބާރުއަޅާ މިންވަރެވެ. ނަމާދުކުރަން ބާރުއަޅާ މިންވަރެވެ. އެނޫންވެސް ފަރުޟުތައް މަތިން ހަނދާންކޮށްދޭ މިންވަރެވެ. ސުންނަތް ކަންކަން މަތިން ހަނދާންކޮށްދޭ މިންވަރެވެ.
މިބުނެދިނީ އާދައިގެ ވާހަކަތަކެއް ނޫނެވެ. ވަރަށް ސީރިއަސް ވާހަކަތަކެކެވެ. އަޖުމަ ބަލައިލަން ނަމަވެސް މިބުނި ނާޅިން މިނައިގެން ނިކަން ލޯބިވެރިއަކު އިޚްތިޔާރުކޮށްބަލާށެވެ. އެ ލޯބިވެރިޔާ ނިކަން ބައިވެރިއަކަށް ހައިދައިބަލާށެވެ. އަދި ރަޙްމަތްތެރިއަކުވެސް އިޚްތިޔާރުކޮށްބަލާށެވެ. މިބުނި ބަހުގެ ތެދުކަން ޔަޤީންކުރެވޭނެއެވެ. އިން ޝާ ﷲ!
ހަމަ ކަމެއްވާއިރަށް ދެބަސްވެ ރުޅިވާކަށް ނުޖެހޭނެއެވެ. ކައިވެނި ރޫޅާލާކަށްވެސް ނުޖެހޭނެއެވެ. ރަހްމަތްތެރިޔާ އަދާވާތްތެރިއަކަށް ބަދަލުވެގެން ކަންބޮޑުވާކަށްވެސް ނުޖެހޭނެއެވެ. މިއީ އެތައް މިލިއަން ބައަކު ތަޖުރިބާ ކޮށްފައިވާ އިމްތިހާނެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -