ވަޅުލެވިފައި ވަނިކޮށް މީހުން ތިބާއަށް ތައުރީފްކުރީމާ މަލާއިކަތް ބޭކަލުން މަހާނައަށް އަތްޕުޅު ބާނުއްވައި ސުވާލުކުރައްވާނެ ވަގުތަށް ބިރުވެތިވޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ވަޅުލެވިފައި ވަނިކޮށް މީހުން ތިބާއަށް ތައުރީފްކުރީމާ މަލާއިކަތް ބޭކަލުން މަހާނައަށް އަތްޕުޅު ބާނުއްވައި ސުވާލުކުރައްވާނެ ވަގުތަށް ބިރުވެތިވޭ!
ބައެއް މީހުން ދުނިޔޭގައި އުޅެނީ ވަރަށް ބޮޑަށް ކަންކަން އޮޅުވާލައިގެންނެވެ. އެހެންކަމުން ތިބާ މަރުވުމުން ވަޅުލާފައި ވަނިކޮށް މީސްތަކުން ތިބާގެ މަހާނަކައިރިން ދަމުން އެމީހާއަށް ތައުރީފްކުރާނެއެވެ.

އެވަގުތު މަލާއިކަތް ބޭކަލުން ތިބާގެ މަހާނައަށް އަތްޕުޅު ބާނުއްވާނެތެވެ. އަދި އެމީހުން ތިބާ އާއިމެދު އެދައްކަނީ ތެދުވާހަކަތޯ ސުވާލުކުރައްވަވާނެތެވެ. ތިބާއަށް ހަޤީޤަތުގައި ކަންތައްތައް ކުރެވިފައިވަނީ މީހުން އެބުނި ގޮތަށް ނޫންކަމަށްވާނަމަ ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ ބިރުވެތިވާންވީ އެޙާލަތަށެވެ.

ތިބާގެ ހަޤީޤަތް އެންމެ ބޮޑަށް އެނގޭނީ ތިބާއަށެވެ. ދެފުށް ދެގޮތް ނުކުރާށެވެ. އެއީ މުނާފިޤުންގެ ސިފައެވެ. ކައްވަޅަށް ތިބާގެ ހަށިގަނޑު ހަމަ ކޮންމެ ވަގުތަކުވެސް ތިރިކުރަންޖެހިދާނެ ކަމަށް ބަލައި އަބަދުވެސް މަރަށް ތައްޔާރުވެގެން ހުންނާށެވެ.

ކުރާ މުޢާމަލާތްތައް ސީދާކުރާށެވެ. އަމާނާތްތައް އެއިގެ އަހުލުވެރިންނަށް އަދާކުރުމަށް އިސްކަންދޭށެވެ. ކޮންމެ ވަގުތަކު މަރުވި ނަމަވެސް ތިބާ ފަހައި އެހެން މީހަކަށް ޤިޔާމަތް ދުވަހުން ދުވަން ނުޖެހޭނެ މީހަކަށް ވެގެން އަބަދުވެސް ހުންނާށެވެ.

ތިބާގެ މަރު އައިސް ކުއްލިއަކަށް ކުރިމަތިވެއްޖެނަމަ - މަރުހަބާ ކިޔަން ތައްޔާރުތަ؟ މިއީ ހަމަ ކޮންމެ މީހަކުވެސް އަމިއްލަ ނަފްސާއި ކޮށްލުން ވަރަށް މުހިންމު ސުވާލެކެވެ. މިސުވާލުގެ ޖަވާބު އެންމެ ރަނގަޅަށް ދެވޭނީ ވެސް ހަމަ ތިބާއަށެވެ. އެހެނީ އެކަމަށް ތައްޔާރުވެގެން ހުރި މިންވަރު އެންމެ ރަނގަޅަށް އެނގޭނީ ތިބާއަށް ކަމަށްވާތީއެވެ!

މަރާއި ކުރިމަތިލާންޖެހޭނެކަން އެއީ އެއްވެސް މީހަކު ޝައްކުކުރާ ކަމެއް ނޫނެވެ. މައްސަލަ މިއުޅެނީ ކުރިމަތިލާންޖެހޭނެ ވަގުތަކާއިމެދު ވިސްނާ ގޮތުގައެވެ. ބައެއް މީހުންނަށް ވިސްނިފައި އޮންނަނީ އުމުރުގައި އަދި އަހަރުތަކެއް ބާކީ އެބައޮތް ކަމަށެވެ. ޞިއްހަތު ސަލާމަތުން ހުރުމުންނެވެ. ބޮޑު ބައްޔެއްގައި ނުއުޅޭތީއެވެ.

ރަނގަޅަށް ވިސްނައިފިނަމަ އެއީ އެންމެ މޮޔަ ވިސްނުމެވެ. ކުއްލިއަކަށް އެކްސިޑެންޓްވެ މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ހާޓްއެޓޭކެއް ޖެހިގެން މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ މިނޫންވެސް ގޮތްގޮތަށް ކުއްލިއަކަށް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ދުނިޔެއަށް ބަލައިފިނަމަ ކޮންމެ ދުވަހަކު ކުއްލިއަކަށް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ތިބާގެ ރަހްމަތްތެރިންނާއި ޢާއިލާއިން ކުއްލިއަކަށް މަރުވީ ކިތައް މީހުން ހެއްޔެވެ؟

އެހެންކަމާއިއެކުވެސް، އެކަންކަން ރަނގަޅަށް އެނގޭއިރުވެސް ތިބާއަކަށް އެކަންކަން ޤަބޫލެއް ނުކުރެވެއެވެ. މަރަށް ތައްޔާރެއް ނުވަމުއެވެ. މާތް ﷲ އަށް އަދާކުރަންޖެހޭ ހައްޤުތައް އަދައެއް ނުކުރެއެވެ. މީސްތަކުންގެ ހައްޤުތައް އަދައެއް ނުކުރެއެވެ.

ނިކަން ވިސްނައިލަބަލާށެވެ. މަސްތުގެ ހާލަތުގައި ވަނިކޮށް މަރުވަނީ ކިތައް މީހުން ހެއްޔެވެ؟ ކިތައް ބިލިއަނަރުން ހެއްޔެވެ؟ ފަހުގެ މަޝްހޫރު ހާދިސާތަކަށް ބަލާއިރު ލޭޑީ ޑައާނާ އާއި އޭނާގެ ލޯބިވެރިޔާ މަރުވެދިއައީ ކިހިނެއްހެއްޔެވެ؟ ލޭޑީ ޑައަނާ އަކީ މުސްލިމަކަށް ނުވެދާނެއެވެ.

ނަމަވެސް އޭނާގެ ލޯބިވެރިޔާއަކީ މުސްލިމް ބިލިއނަރެކެވެ. މިފަދަ ކިތައް ހާދިސާ އަހަރެމެންގެ ލޯމަތީގައި ހިނގައިފި ހެއްޔެވެ؟ ޙާޞިލުކުރެވުނީ ކޮން އިބްރަތެއް ހެއްޔެވެ؟

ކަންކަން މިމަގުން ފެންނަން ހުރިއިރު ހަޔާތުގެ ކޮންމެ ވަގުތަކީވެސް މަރަށް ތައްޔާރުވާ ވަގުތަކަށް ނުހަދައި ވާކަށް ނެތެވެ. މިބުނީ އެނޫން ގޮތަކުން ސަލާމަތްކަމެއް ނެތްވާހަކައެވެ.

-‍ ‍ ލަވްއިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން