ތިބާ މަގުމަތީގައި ނުވަތަ އެނޫންވެސް ތަނެއްގައި ހުރެ އަންހެނުންނަށް ކަޅިއަޅައި ގޮވާ ހަދާއިރު އެހެން މީހަކު ތިބާގެ އަނބިމީހާ ނުވަތަ ދަރިން ނުވަތަ މަންމަ އާއިމެދު އެގޮތަށް ކަންތައް ކޮށްފިނަމަ އަންނާނީ ހިނިހެއްޔެވެ؟
ކޮންމެ ކަމެއް ކުރުމުގެ ކުރިންވެސް އެންމެ ރަނގަޅުވާނީ މި ވިސްނުމުން ވިސްނައިލުމެވެ. ތިމާ އާއިމެދު ނުވަތަ ތިމާއަށް އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ ދެން ކަންތައްތައް ވާނެ ގޮތަކާއިމެދުގައެވެ. ތިމާ އަންނާނީ ރުޅި ނުވަތަ ހިނިކަމާއިމެދުގައި ވިސްނައިލުން ރަނގަޅުވާނެއެވެ. ތިމާ ވާނީ ދެރަތޯ ނުވަތަ އުފާތޯ ވިސްނައިލުން ރަނގަޅުވާނެއެވެ.
ބެލުންތައް ތިރިކުރަން މާތް ﷲ އަންގަވާފައިވަނީ މިފަދަ އެތައް މައްސަލަތަކަކުން ސަލާމަތްވެ ތިބުމަށެވެ. ތިބާއަށް ލޯ ދެއްވެވީ މާތް ﷲ އެވެ. ލޮލަށް ފެނުން ދެއްވެވީ ވެސް ހަމަ މާތް ﷲ އެވެ. އެލޮލުގެ ބޭނުންކުރަންވީ ގޮތް ތިބާއަށް ލޯ ދެއްވެވި މާތް ﷲ އެންގެވުމުން އެ އެންގެވުމަށް އަމަލު ނުކުރަން ތިއުޅެނީ ކީއްވެގެންހެއްޔެވެ؟
ހަމަ އެކަނި މަގުމަތީގައެއް ނޫނެވެ. އަމިއްލަ ގޭތެރޭގައިވެސް މެއެވެ. ކޮންމެ ފަހަރަކު ފެންނަ ކޮންމެ މަންޒަރަކީ ބެލުން ހުއްދަ ކަންކަން ކަމަށް ބަލައިގެން ނުވާނެއެވެ. މިއަދުގެ ޙާލަތު ހުރި ގޮތުން ގެއެއްގައި މިއުޅެނީ އަމިއްލަ ޢާއިލާ އެކަންޏެއް ނޫނެވެ. އެތައް ބައަކު އެކުގައެވެ. ގުޅިގެން އެކުގައި އުޅެވޭނީ މިކަންކަމަށް ސަމާލުކަންދީގެންނެވެ.
އަމިއްލަ ޢާއިލާގެ މެދުގައި އޮންނަން ޖެހޭ ގާތްކަން ދެމިއޮންނާނީ ވެސް މި އުޞޫލުން ކަންކަން ކޮށްގެންނެވެ. ނޫންނަމަ އަމިއްލަ އާއިލާގެ މެދުގައިވެސް އޮންނަން ޖެހޭ ގުޅުންތަކެއް ނުއޮންނާނެއެވެ. މިއީ މަކާރިމުލް އަޚްލާޤްގެ ތެރޭގައިވެސް ހިމެނޭ އެންމެ މުހިންމު ކަންތައްތަކެވެ. މި ސިފަތައް ލިބިގަންނަން ގަދައަޅައި މަސައްކަތްކުރާށެވެ. ދުނިޔެއާއި އާޚިރަތަށްޓަކައެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -