ބަންގިގޮވާއިރު ވެސް ތިބެނީ މަގުމަތީގަ ބެރުތަޅަން - މިއީ އިސްލާމީ މުޖުތަމައުއެއްގަ ކަންކަން ހުރެގެންވާނެ ގޮތެއް ނޫން: ޝައިޚް މުޙައްމަދު ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބަންގިގޮވާއިރު ވެސް ތިބެނީ މަގުމަތީގަ ބެރުތަޅަން - މިއީ އިސްލާމީ މުޖުތަމައުއެއްގަ ކަންކަން ހުރެގެންވާނެ ގޮތެއް ނޫން: ޝައިޚް މުޙައްމަދު ލަޠީފް
ބަންގިގޮވާއިރު ވެސް ޒުވާނުން ތިބެނީ މަގުމަތީގައި ބެރުތަޅަން ކަމަށާއި މިއީ އިސްލާމީ މުޖުތަމައުއެއްގައި ކަންކަން ހުރެގެންވާނެ ގޮތް ނޫން ކަމަށް މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މިސްކިތަށް ވަޑައިގެންނެވިއިރު މަޣްރިބް ނަމާދަށް ވަޑައިގެންނެވިއިރު ބަންގި ގޮވަނީ ކަމަށާއި ބަންގިއަށް ބެލުމެއް ނެތި 8 ވަރަކަށް ޒުވާނުން ގެންދިއައީ ބެރުތަޅަމުން ކަމަށެވެ.

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ އެކަމަށް ނަބޭޙަތުގެ ބަސްފުޅެއް ވިދާޅުވަން ބޭނުންފުޅުވި ކަމަށާއި ނަމަވެސް ވިދާޅުވެއްޖެނަމަ ކުރިމަތިވެވަޑައިގެންފާނެ ކަންތައްތައް "އެއަށްވުރެ ބޮޑުވެދާނެ" ކަމުގެ ބިރުފުޅަށް ބަސްފުޅެއް ވިދާޅު ނުވީ ކަމަށެވެ. "މުންކަރާތް ނަހީކުރުމަކީ ކުރަންޖެހޭ ކަމެއް. ނަމަވެސް ޙާލަތަށް ބަލައި ބަހެއް ނުބުނީ."

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ ނަމާދަކީ އިސްލާމް ދީނުގެ އެންމެ މުހިންމު އަސާސް ކަމަށާއި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދޭންޖެހޭނީ ނަމާދުކުރުމަށް ކަމަށެވެ. ނަމަވެސް ކަންތައްތައް މިދަނީ ބަދަލުވަމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ޒަމާނުންސުރެ ނަމާދު ވަގުތުތަކަށް ފިހާރަތަކާއި ހޮޓާތައް ފަދަ ތަންތަން ބަންދުކުރަމުން. ނަމަވެސް އެކަމަށް ވެސް މިހާރު މިދަނީ ބަދަލުތައް އަންނަމުން. މަޑުމަޑުން ނަމަވެސް ފިލައިގެން އެބަދޭ. މިއީ ވަރަށް ބޮޑަށް ހިތާމަކުރަންޖެހޭ ކަމެއް."

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ އަަބަދުވެސް މަސައްކަތްކުރަންޖެހޭނީ އިތުރަށް ހެޔޮމަގަށް ދިއުމަށް ކަމަށެވެ. ތަޤްވާވެރިކަން އިތުރުކުރަން ކަމަށެވެ. ތަޤްވާވެރިކަން އިތުރުވާނީ މާތް ﷲ ފަރުޟުކުރައްވަވާފައި ކަންކަމަށް އަމަލުކުރުމުން ކަމަށާއި ޚާއްޞަކޮށް ނަމާދުކުރުމަށް ސަމާލުކަން ދިން ވަރަކުން ކަމަށެވެ.

ޝައިޚް މުޙައްމަދު ލަޠީފް ވަނީ ދައްކާ ކޮންމެ ވާހަކައަކީ ހެޔޮ ވާހަކައަކަށް އެދުމަށް އިލްތިމާސްކުރައްވަވައިފައެވެ. ހެޔޮ ބަހެއް ނޫނީ ނުބުނުމަށް ވެސް އިލްތިމާސް ކުރައްވައިފައެވެ.

ޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސް:
މިއަދު އޮންލައިން