އޭނާ ކިޔަވަން އުޅުނު ދުވަސްވަރު އަންހެން ކުއްޖަކާއިއެކު ހިންގި ލޯބީގެ ގުޅުމެއްގެތެރެއިން އެކުއްޖާ ބަލިވެއިނެވެ. އެކަން އަންހެން ކުއްޖާގެ ޢާއިލާއަށް އެނގުމުން އޭނާގެ ބޭބެ އައިސް ކުރިމަތިލުމުން އޭނާ ދިން ޖަވާބަކީ "އަަހަރެން ތިކުއްޖާ ނުވެސް ދަންނަމެވެ. ތިއައީ އޭނާ ކޮންތާކުން ކާކުގެ ކިބައިން ހޯދިކުއްޖެއްތޯ ނިކަން ކޮއްކޮ ގާތު އަހައިބަލާށެވެ."
އޭނާ ކިޔަވައި ނިމިގެން ދިރިއުޅެން ފެށިތަނާ އެއް ދުވަހު ފެނުނީ ގޭތެރެއަށް މަންމަ ހޭނިގެން ވެށްޓިފައި އޮއްވައެވެ. ނަގައި ތެދުކޮށް މޫނުގައި ފެން އުނގުޅައި ހެދުމުން ހޭ އަރައި ބުނީ އަވަށްޓެރިޔާއަށް އޭނާގެ އަންހެން ކޮއްކޮ ބަލިވެއިން ކަމަށެވެ.
އައި ރުޅީގައި ގޮސް އެ ޒުވާނާ އާއި ކުރިމަތިލުމުން ދިނީ ހަމަ އޭނާ އެފަދަ ކަމެއް ކޮށްފައި އަންހެން ކުއްޖާގެ ބޭބެއަށް ދިން ޖަވާބެވެ. "އަހަރެންނާ ތިކުއްޖާއާ އެއްވެސް ގުޅުމެއް ނެތެވެ. ތިއައީ އޭނާ ކޮންތާކުން ކާކުގެ ކިބައިން ހޯދިކުއްޖެއްތޯ ނިކަން ކޮއްކޮ ގާތު އަހައިބަލާށެވެ." ހިތަށް ކުރި އަސަރުން އެނބުރި އައީއެވެ.
އެއިގެ ދުވަސްކޮޅެއް ފަހުން އޭނާ ކައިވެނިކުރިއެވެ. ކައިވެނި ކުރި ފަހުން އެނގުނީ ކައިވެނި ކުރެވުނީ އިއްފަތްތެރި ކުއްޖަކާއި ނޫން ކަމެވެ. ބައެއް މުޖުތަމައުތަކުގައި އެއީ މާބޮޑުކަމަކަށް ނުވި ނަމަވެސް ގިނަ މުޖުތަމައުތަކުގައި އެއީ ވަރަށް ބޮޑު މައްސަލައެކެވެ. ނަމަވެސް އަމިއްލައަށް ކުރެވިފައިވާ ކުށް ޤަބޫލުކޮށްލައި ކެތްތެރިވެގެން ހުރީއެވެ.
ކައިވެންޏަށް ދުވަސްކޮޅަކުން އަންހެން ދަރިއަކު ލިބިއްޖެއެވެ. ދަރިފުޅަށް 6 އަހަރުގައި އައިސް ބުނީ ސެކިޔުރިޓީ ގާޑު ދަރިފުޅުގެ އިއްފަތްތެރިކަން ނަގައިލި ވާހަކައެވެ.
މިއީ މީހަކު އޭނާގެ ހަޔާތުން އިބްރަތް ހޯދުމަށް އެހެން މީހުންނަށް ޢިބްރަތެއްގެ ގޮތުން ލިޔެފައިވާ ހަޤީޤީ ވާހަކައެކެވެ. ޢިބްރަތަކީ ތިމާ ކުރާ ކަންކަމާއި މިދުނިޔޭގައި ވެސް ކުރިމަތިލާންޖެހޭނެ ކަމެވެ. އެކަމުގެ ހިތާމައިގައި މުޅި ހަޔާތް ވޭތިކުރަންޖެހޭނެ ކަމެވެ. ބައެއް ކަންކަމާއި ކުރިމަތިލާން ޖެހޭނީ އާޚިރަތް ދުވަހުންނެވެ.
މިވާހަކައަށް ބަލާއިރު ކުށްކުރީ އެންމެ މީހެކެވެ. ނަމަވެސް ކޮއްކޮ އާއި މަންމައާއި ދަރިފުޅާއި އެތައް ބައަކަށް މިވަނީ ދެރަ ގޮތްތައް މެދުވެރިވެފައެވެ. އެއީ އޭނާ ދެރަ ދިން އަންހެން ކުއްޖާގެ ޢާއިލާއަށް ވެސް އެކަމުގެ ހިތާމައާއި ކުރިމަތިލާން ޖެހުނީތީއެވެ.
ވީމާ އެއްވެސް މީހަކަށް ދެރައެއް ނުދޭށެވެ. އަނިޔާވެރި ނުވާށެވެ. އެކަން އަނބުރައި ތިމާ އާއި ދިމާއަށް އަންނާނެ ކަމަށް ވިސްނައިގެން އަބަދުވެސް ހުންނާށެވެ.
(މިއަދުގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި އައްޝައިޚް އަޒްމަތް ޖަމީލް ދެއްވި ދަރުސުން)