އެއީ އުމުރުން 4 އަހަރުގެ ކުއްޖެކެވެ. ދެ ރަށެއްގައި ދިރިއުޅޭތީ ކާާފައާއި ބައްދަލުވަނީ މަހަކު އެއް އަހަރު ކަހަަލަގޮތަށެވެ. ކާފައަކީ ކުއްޖާއަށް ހެޔޮ ކާފައަކަށްވާތީ ކުއްޖާ އަބަދުވެސް ހުންނަނީ ކާފައަށް އިންތިޒާރުކޮށްގެންނެވެ.
ރެއަކީ މަހަކަށްވުރެ ގިނަ ދުވަސްކޮށްފައި ކާފަ އެރަށަށް ދިއަ ރެކެއެވެ. ދެވުނީ 9:30 ހައިއިރުއެވެ. ކާފަ އެރަށަށް ދާކަން ކުއްޖާއަށް ކުރިން އެނގިފައި ނެތް ނަމަވެސް ޢާންމުކޮށް ލަސްވެގެން 8:30 ގައި ނިދާ ކުއްޖާ ނިންދަވަން މަސައްކަތްކުރުމުން ވެސް ހުރީ ހޭލައެވެ.
ކާފަ ފެނުމާއިއެކު ދުވެ ގޮސް އެރީ ކޮނޑަށެވެ. ކާފަ އާއިއެކު އިރުކޮޅަކު މަޖާކޮށްލުމަށްފަހު އެނގޭ ހުރިހާ ސޫރަތެއް ކާފައަށް ކިޔައިދިނުމަށްފަހު ހަމަ އޮށޯވެލި ގޮތަށް ނިދައިފިއެވެ.
މިފަދަ ކަންކަން ހިނގަނީ އަަލަކަށް ނޫނެވެ. މިއީ ހަަމަ ވަރަށް ގިނައިން ހިނގާ ކަމެކެވެ. ވަރަށް ގިނަ ޢާއިލާތަކުން މިފަދަ ކަންކަން ތަޖުރިބާ ކުރެއެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ވެސް ވިސްނިދާނެއެވެ. އަދި ޢާއިލާތަކުން އިބްރަތް ހާޞިލުކުރަންވީ ކަމެއްގެ ގޮތުގައި ވެސް ބަލައިގަނެވިދާނެއެވެ.
ކުޑަކުދިންނަކީ ވެސް އިންތިޒާރުތަކެއް ކުރާ ބައެކެވެ. އެކުދިންގެ މައިންބަފައިންނަށެވެ. މާމައާއި ކާފައަށެވެ. އެމީހުން ބައްދަލު ނުކުރާތީ ބައްދަލު ނުކުރެވުނު ނަމަވެސް ކުދިންގެ ހިތްތަކުގައި އެމީހުންގެ ހަނދާންތައް ދެމިހުރެއެވެ. އެމީހުންނަށް އިންތިޒާރުކުރެއެވެ. އެމީހުންގެ ވާހަކަ އަބަދު ނުދެއްކި ނަމަވެސް ހަނދާނުން ފިލައިގެނެއް ނުދެއެވެ.
އަބަދު ނުދައްކަނީ ދެއްކި ނަމަވެސް ކުރާނެ ފައިދާއެއް ނެތްކަން ޤަބޫލުކުރޭވޭތީ ކަމަށްވުމަކީ ވަރަށް ގާތް ކަމެކެވެ. ނަފްސާނީ އިލްމުވެރިން ބުނަނީ ނުވާނެކަމެއްކަން އެނގޭކަންކަމުގެ ވާހަކަ ދެއްކުން މަދުވާނެ ކަމަށެވެ.
އަޅުގަނޑުމެންގެ މެދުގައި އަމިއްލަ މައްސަލަތައް ކޮންމެ ގޮތަކަށް ހުރި ނަމަވެސް އަދި ކިތަންމެ "ބިޒީ"ކޮށް އުޅުނު ނަމަވެސް ދަރިންގެ ހައްޤުތައް އަދާކުރަން އެބަޖެހެއެވެ. އެކުދިންގެ ޙައްޤުތައް އަދާކުރަން އެބަޖެހެއެވެ. ނޫންނަމަ ފަހުން ނަމަވެސް އެފަދަ މައްސަލަތަކާއި މުރިމަތިލާންޖެހެއެވެ.
އިއްޔެގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުން އައްޝައިޚް އަޒްމަތް ޖަމީލު ވިދާޅުވި މިވާހަކަފުޅުތަކަށް ވިސްނައިލުން ރަނގަޅެވެ.
"ވަރަށް ގިނަ ދަރިން ތިބި މައިންބަފައިން ކަމަށްވެދާނެއެވެ. އަދި އެ މީހުންގެ ދަރިން ގެންގުޅެ ބޮޑުކުރީ ވަރަށް ފަރުވާ ބަހައްޓައިގެން ކަމަށްވެސް ވެދާނެއެވެ. ނަަމަވެސް އެމީހުން މުސްކުޅިވާ ދުވަހު އެއްވެސް ދަރިއަކު އަޅައި ނުލާތަން އެބަފެނެއެވެ. މިފަދަ ސަބަބެއް މެދުވެރިވެފައިވާ މީހުން ތަންކޮޅެއް ދުރަށް ވިސްނައިލުން ރަނގަޅުވާނެއެވެ. ތިމާމެންގެ ދަރިންނާއި ތިމާމެން އަޅައިލި ފަދައިން ތިމާމެންނަށް އަޅައިލި ތިމާމެންގެ އަމިއްލަ ބަފައިންނާއިމެދު ތިމާމެންނަށް ކަންތައްތައް ކުރެވުނު ގޮތާއިމެދުގައެވެ. އެމީހުންނަށް އެހީތެރިކަން ބޭނުންވި ދުވަހު އަޅައިލެވުނު މިންވަރާއިމެދުގައެވެ. އެ ޒިންމާ އަދާނުކުރެވި އޮތްނަމަ އެކަންކަން މިދުނޔޭގައި ވެސް އަރައި ހަމަކުރުމަކީ ހިނގަމުންދާ ކަމެކެވެ."