ބަންގި ގޮވުމުން ނަމާދަށް ދެއެވެ. ފޯނު ޖީބުން ނަގަނީ އޮފްކޮށްލާށެވެ. ނަމަވެސް ނެގުމަށްފަހު ބަލައިލެވެނީ އައިސްފައި ހުންނަ މެސެޖުތަކަށެވެ.
އެތަކެއްޗަށް ބަލަން ހުއްޓާ ސުންނަތްކުރުމުގެ ވަގުތު ފާއިތުވެގެންދެއެވެ. އެ ހިސާބުން އެ ގެއްލެނީ ނަމާދުގެ ފެށުމެވެ.
ސަލާމް ދީ ނިމުމާއިއެކު އަވަހަށް ބަލައިލަނީ ފޯނަށެވެ. މެސެޖުތަކަށް ބަލައިލާއިރު މިހުންނަނީ މިހާރުން މިހާރަށް ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ. ރަޙްމަތްތެރިން ކޮފީގައި ތިބެގެން އަވަހަށް އަންނަން އެބަ އަންގައެވެ. ލޯބި ވެރިޔާ އެބަ އިންތިޒާރުކުރެއެވެ.
އެ ހިސާބުން ޛިކުރު ތަސްބީޙަ ކިޔައިލުމުގެ މަތިންވެސް ހަނދާން ނެތެއެވެ. މިސްކިތަށް އައި މަޤްޞަދު ފުރިހަމަކުރަންޖެހޭކަންވެސް ހަނދާނެއް ނުހުރެއެވެ. އަވަސް އަވަހަށް ފައިބައިގެން ދެވެނީ ފޯނު އަންގާ ކަންކަން ކުރުމަށެވެ. މާތް ﷲ އެންގެވި ކަންކަން ފުރިހަމަނުކޮށެވެ.
ނިކަން ބުނެބަލާށެވެ. މިކަންކަން މިއަދު ނުފެންނަނީ ކޮން މިސްކިތަކުންހެއްޔެވެ؟ ކުރެވޭ ކޮން ނަމާދެއްގައި ހެއްޔެވެ؟
ހަތަރުދަމު ބިޒީކޮށް އުޅެފައި ގެއަށް ދެވުމަކުން ވެސް ފޯނު އަތުން ދޫކޮށެއް ނުލެވެއެވެ. ކަނީ އުލާއި ސަމުސަލުންނެވެ. ފޯނަށް ޖަވާބުދީ މެސެޖުކުރަމުންނެވެ. އަނބިދަރިންނާއި ވާހަކަ ދައްކަނީވެސް ފޯނަށް ސަމާލުކަންދީގެން ހުރެއެވެ.
ދަރިން ގިނައިރު ފޯނުގައި ތިބޭތީ އެބަ ރުޅި އަންނަމުއެވެ. ނަމަވެސް އަމިއްލަ އަތުން ފޯނު ދޫކޮށްލެވޭތަނެއް ނާދެއެވެ. އެހާލުގައި އުޅެމުން ދަރިންނަށް ކަންކަން މަނާކުރެވޭނެ ހެއްޔެވެ؟ މަނާކުރިއްޔާ ބަލައިގަންނާނެ ހެއްޔެވެ؟
މިއީ މިއަދު ހަމަ ކޮންމެ މީހަކުވެސް ފުންކޮށް ވިސްނަންޖެހިފައިވާ މައްސަލައެކެވެ. ފޯނަކީ ބޭނުންތެރި އެއްޗަކަށް ވެދާނެއެވެ. ނަމަވެސް މާތް ﷲ އާއި އޮންނަ ގުޅުންތަކާއި އަދި އަނބިދަރީންނާއި ބާއްވަން ޖެހޭ ގުޅުންތައް ކެނޑޭ އެއްޗަކަށްވުމުން އެއީ ޝައިތާނަކަށް ނުވޭ ހެއްޔެވެ؟
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -