ރޯދައަށް ތައްޔާރުވުން 11: ނަރަކައިން ތިބާ ސަލާމަތް ކުރައްވަވާ ރެއަކީ ރަމަޟާންމަހުގެ ފުރަތަމަ ރޭ ކަމަށްވެދާނެ- މަސައްކަތްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 2ސ
ރޯދައަށް ތައްޔާރުވުން 11:  ނަރަކައިން ތިބާ ސަލާމަތް ކުރައްވަވާ ރެއަކީ ރަމަޟާންމަހުގެ ފުރަތަމަ ރޭ ކަމަށްވެދާނެ- މަސައްކަތްކުރޭ!
ރަމަޟާން މަހުގެ ކޮންމެ ރެއަކީވެސް ބައަކު ނަރަކައިން މާތް ﷲ ސަލާމަތްކުރައްވަވާ ރެއެކެވެ. އެކަން މާތް ﷲ ކުރިއަށް ގެންދަވަނީ ކޮން ތަރުތީބަކުން އެނގޭނެ އެއްވެސް ގޮތެއް ނެތެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވަނީ ވިސްނަންވީ އެކަން މާތް ﷲ ކުރައްވަވާނެ ތަރުތީބާއިމެދުގައި ނޫން ކަމަށާއި ވިސްނަންވީ ރަމަޟާން މަހަށް ހަނދުބެލުމާއިއެކު ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަން ކަމަށެވެ. ވީހައި ގިނައިން އަޅުކަން ކުރަން ކަމަށެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ރަމަޟާން މަސް ފެށުމުން ކޮންމެ ރެއަކުވެސް ބައަކު ނަރަކައިން ސަލާމަތް ކުރައްވަވާ ވާހަކަ ބުނުމުން އެބުނަނީ އެއިރު ނަރަކައިގައި ތިބޭ ބައެއްގެ ވާހަކަ ކަމަށެވެ. އެކަން އެހެން ނުވެދާނެއެވެ. އެބަހުގެ މާނައާއިމެދު ފުންކޮށް ވިސްނައިލުން ރަނގަޅެވެ.

ރަމަޟާން މަސް ފެށެނީއެވެ. ދުނިޔޭގައި މިހާރު ތިބި މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެމީހުން ކޮށްފައިވާ އަމަލުތަކުގެ ސަބަބުން ނަރަކައަށް ދާންޖެހިފައިވާ ބައަކަށްވެދާނެއެވެ. ނަމަވެސް ރަމަޟާން މަހު ގަދަ އަޅައި ކުރާ މަސައްކަތުގެ ސަބަބުން އެމީހަކީ ސުވަރުގެ ލިބޭނެ މީހަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. އެގޮތަށް އެކަން މެދުވެރިވި ނަމަވެސް އެކަން ވާނީ އެމީހަކު ނަރަކައިން ސަލާމަތް ކުރެއްވެވުން ކަމަށެވެ.
ގަދައަޅައި މަސައްކަތް ކުރަންވީ ރަމަޟާން މަސް ނިމުމުގެ ކުރިން ނަރަކައިން ސަލާމަތްވުމަށެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން