ދުނިޔޭގެ ހަޔާތާއި ކައްވަޅުގެ ހަޔާތަކީވެސް މުއްދަތު ކަނޑައެޅިފައިވާ 2 މަރުހަލާއެވެ. މުއްދަތެއް ނެތި ދާއިމަށް ދެމިތިބޭނީ އާޚިރަތުގައެވެ.
ބަރްޒަޚްގެ މާނައަކީ ފަރުދާއެވެ. ދެއެއްޗެއްގެ ނުވަތަ ދެކަމެއްގެ ދެމެދުގައިވާ ހުރަހެވެ. މިކަން ބަޔާންކޮށްދެއްވަވައި ކީރިތި ޤްރްއާނުގައި ވަނީ "ތިމަން ﷲ ފެނާއި ކަނޑުގެ ލޮނުގަނޑު ދެބައިކުރެއްވެވީ ބަރުޒަޚުން" ކަމަށެވެ.
ވިސްނާށެވެ. އަހަރެމެންނަށް ފެންނަނީ ކަނޑުގެ ލޮނުގަނޑު ގުޅިފައިވާ ތަނެވެ. ދެބައި ވަކިކުރާނެ އިމެއް ނުވަތަ ފާރެއް ނެތެވެ. ނަމަވެސް އެއްބައިގައި ހުރީ ފެނެވެ. އަނެއްބައިގާ ހުރީ ލޮނެވެ. މީގެ 1400 އަހަރުކުރިން މާތް ﷲ ކީރިތި ޤްރްއާނުގައި ބަޔާން ކުރައްވަވާފައިވާ ޙަޤީޤަތެކެވެ. މިއަދުގެ ސައިންސްވެރިން ވެސް ޤަބޫލުކުރާ ހަޤީޤަތެވެ.
މިވަރަށް ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ މާތް ﷲ، ތިއަ ބައިމީހުން ކައްވަޅުން ނެރުއްވަވާ ހުށީމޭ، މަޙްޝަރަށް ހާޒިރުކުރައްވަވާ ހުށީމޭ، ހައްޤު ޖަޒާ ދެއްވަވާ ހުށީމޭ ކީރިތި ޤްރްއާނުގައި ބަޔާން ކުރެއްެވެވުމުން އިތުރަށް ވިސްނަން އޮތީ ކޮންކަމަކާހެއްޔެވެ؟
މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ބައަކު ބުނެފާނެއެވެ. ދެފެން އެކުނުވުމަށް ސައިންޓިފިކް ހަމަތަކެއްވެސް ދައްކަފާނެއެވެ. އެއްވެސް މޮޅުކަމެއް ހުރިނަމަ ނިކަން ހުރަހަކާއި ނުލައި އަމިއްލައަށް ދެފެން ވަކިކޮށް ކަނޑެއް ދައްކައިބަލާށެވެ!
މިފަދަ ދިރިހުރި މިސާލުތައް މާތް ﷲ ދައްކަވާފައި މިވަނީ މިކަންކަމަށް ވިސްނައި ފިކުރުކުރުމަށެވެ. އާޚިރަތަށް ތައްޔާރުވުމަށްޓަކައެވެ. ނަރަކައަށް ބިރުވެތިވެ ނަރަކައިން ސަލާމަތްވުމަށް ގަދައަޅައި މަސައްކަތް ކުރުމަށް ވިސްނުމަށެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -