މިހާރު އުޅޭ ކުދިން އެހެން އުޅޭނެކަމަށް ބުނެ މައިން ބަފައިންނަށް ނިންމައެއް ނުލެވޭނެ - ޖެހޭނީ ޖަވާބުދާރީ ވާން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
މިހާރު އުޅޭ ކުދިން އެހެން އުޅޭނެކަމަށް ބުނެ މައިން ބަފައިންނަށް ނިންމައެއް ނުލެވޭނެ - ޖެހޭނީ ޖަވާބުދާރީ ވާން!
ވަރަށް ގިނައިން އިވޭ އަޑެކެވެ. "މިހާރު އުޅޭ ކުދިން އެހެން އުޅޭނެއެވެ." އެހެން އެބުނާ މައިން ބަފައިން ހީކުރަނީ ކުރިން އުޅެން ގޮތެއް މިހާރު އުޅެން ތަފާތު ގޮތެއް އިސްލާމް ދީނުގައި އޮންނަ ކަމަށެވެ. އެހެންކަމަށްވާނަމަ އެއީ ވަރަށް ބޮޑު ކުށް ހީއެކެވެ. އެއީ މުޅިން ނުރަނގަޅު ވިސްނުމެކެވެ.

ހެޔޮލަފާ ގޮތުގައި އުޅޭ މީހެއްގެ ދަރިއެއްގެ އުޅުން ހުންނަގޮތުން ކަން ބޮޑުވެގެން ބަހެއް ބުނި ނަމަވެސް ބައެއް ފަހަރު މިފަދަ ޖަވާބުތައް އެބަދެއެވެ.

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ފަހު ޒަމާން އައުމަކީ ފާފަކުރަން ލިބޭ ލައިސެންސެއް ކަމަށެވެ. އެއީ އެއްގޮތަކަށްވެސް އެކަން އޮތް ގޮތެއް ނޫނެވެ. މާތް ﷲ މުންކަރާތްތައް ކަނޑައަޅުއްވަވާފައިވަނީ ވަކި ޒަމާނަކަށް ނޫނެވެ.

ނިކަން ވިސްނައިލަބަލާށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ޒަމާނުގައި ޒިނޭ ކުރުމުން ދެއްވެވި އަދަބު އެނގެން އެބައޮތެވެ. އެއީ އެކަން ކުރީ ބިކުރުވެރިއެއް ކަމަށްވާނަމަ 100 އެތިފަހަރުން ހައްދު ޖެހުމާއި ރަށުން ފޮނުވައިލުމެވެ. ބިކުރުވެރިއެއް ނޫން ނަމަ ރަޖަމްކުރުމެވެ.

ދުނިޔެ އިތުރު 10،000 އަހަރަށް ދެމި އޮތް ނަމަވެސް މި ޙުކުމަށް ބަދަލެއް ނުގަނެވޭނެއެވެ. މީސްތަކުން ޖާހިލުވެ މާތް ﷲ އަށް ގޮންޖަހައި މާތް ﷲ ގެ ޙުކުމްފުޅުތައް ތަންފީޒް ނުކުރުމަކީ މުޅިން ތަފާތު ކަމެކެވެ. އަދި ތަންފީޒު ނުކުރުމަކީ ވެސް ޙުކުމްފުޅަށް އެއްވެސް ބަދަލެއް އަންނަ ކަމެއް ނޫނެވެ. ދުނިޔެ ދެމިއޮތްހައި ދުވަހަކު ޙުކުމްފުޅު ހަމަ އެގޮތުގައި ދެމިއޮންނާނެއެވެ.

ކަންކަން މިފަދައިން ހުރުމުން މިއަދުގެ މައިން ބަފައިން މިކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން މިވަނީ ޖެހިފައެވެ. މައިންބަފައިންގެ ކިބައިގައި އެޅިފައިވާ ދަރިންގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމަށް ޚާއްޞަ ސަމާލުކަމެއް މިވަނީ ދޭންޖެހިފައެވެ. އިހްމާލްވެއްޖެނަމަ ޖަވާބުދާރީ ނުވެ މާތް ﷲ ގެ ދަރުބާރުން ސަލާމަތް ނުވެވޭނެތީއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން