ރަމަޟާން މަހުގެ ފުރަތަމަ ރޭގެ ބަރަކާތް ލިބި ނުގެނެ ނަގައިލަނީ ހާދަ ގިނަ ބައެކެވެ. އެފަދަ މީހުންނަށް ގެއްލިގެން އެދަނީ ހާދަ ގިނަ ސަވާބުތަކެކެވެ.
ގިނަ ބައަކު ދެކެނީ ރަމަޟާން މަހުގެ ފުރަތަމަ ރެއަކީ އެއްވެސް ރެއެއް ނޫން ކަމަށެވެ. އާދައިގެ ހަމަ ޢާންމު ރެއެއްގެ ގޮތުގައެވެ. އަވަދިނެތި އުޅެނީ އަނެއް ދުވަހު ރޯދަ ހިފުމަށް ތައްޔާރުވުމަށެވެ.
ތައްޔާރުވާން ކުރާ ކަމަކީ ކޮބައިކަމަށްތޯއެވެ! ދިރިއުޅޭތަން ރީތި ކުރުމާއި ބަދިގެތެރެ ރީތި ކުރުމާއި ބާޒާރުކުރުމެވެ. އެރޭގެ ތަރާވީހް ނަމާދު ކުރުމެއް ނޫނެވެ. ކީރިތި ޤްރްއާން ކިޔެވުމެއްވެސް ނޫނެވެ. ދަމުނަމާދު ކުރަނީ ވެސް ވަރަށް މަދު ބައެކެވެ.
އެގޮތަށް އަމަލުކުރުމުން އެވާގޮތަކީ ރަމަޟާން މަހުން އެއް ރޭ އެމީހަކަށް ގެއްލުމެވެ. މިއީ ކޮންފަދަ ދެރަ ނިކަމެތި ކަމެއްތޯއެވެ. ރަމަޟާން މަހު މިލިބެނީ ގިނަވެގެން އެންމެ 30 ރެއެވެ. އެއިގެ ތެރެއިން އެއް ރޭ ގެއްލިގެން ދިއުމުން އެލިބެނީ ހާދަ ބޮޑު ގެއްލުމެކެވެ. ހަމަ ގައިމުވެސް އެ ރޭގެ މާތްކަން ލިބިގަތުމުން މަޙްރޫމް ވެއްޖެނަމަ އެމީހަކަށް އެ ރޭ އަނބުރާ ލިބޭނެ ހަމަ އެއްވެސް ގޮތެއް ނުއޮންނާނެއެވެ.
މިކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ކަމަކީ ހަނދުބަލާ ފުރަތަމަ ރޭ ވެސް ހަނދު ފެނިދާނެ ކަމަށް ބަލައި ހަނދުފެންނަ ވަގުތުން ފެށިގެން އަޅުކަމަށް ފަށައިގަތުމަށް ތައްޔާރުވެގެން ހުރުމެވެ. މިއީ އެކަމަށް ދުރާލައި ވިސްނައިގެން ކަންކަން ކޮށްފި މީހަކަށް އެއްވެސް އުނދަގޫ ކަމަކަށް ނުވާނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -