ފަހު ޒަމާނުގެ އަލާމާތްތައް އަތް ފޯރާފަށުގައި މިދަނީ އިތުރުވަމުންނެވެ. ފެނި ޢާންމުވަމުންނެވެ. ޢާންމުވަމުންދާ މިންވަރުން ބޮޑެތި މުންކަރާތްތައް އެއީ މުންކަރާތެއްކަންވެސް ނުއެނގޭ މިންވަރަށް ކަންތައްތައް މިހާރުވެސް ހިނގައްޖެއެވެ.
އެގޮތުން އެންމެ ބޮޑަށް ޢާންމުވެފައިވާ އެއް ކަމަކީ ޢާންމު ތަންތަނުގައި ބަދު އަޚްލާޤީ ޢަމަލުތައް ހިންގުމެވެ. އެކަން އެކި މުޖުތަމައުތަކުގައި އަދި ޢާންމުވެފައިވަނީ އެކި މިންވަރަށެވެ.
ބައެއް މުޖުތަމައުތަކުގައި ދެ ޖިންސުގެ ޒުވާނުން ބައްދާލައިގެން މަގުމަތީގައި އުޅުމަކީ އެއްވެސް ކުށެއް ނޫނެވެ. ބައްދާލައިގެން މަގުމަތީގައި ތިބުމަކީ މައްސަލައެއް ނޫނެވެ. ޢާންމު ތަންތަނުގައި އެކަކު އަނެކަކަށް ދޮން ދީ ހެދުމަކީ ވެސް މައްސަލައެއް ނޫނެވެ.
އަނެއްބައި ޤައުމުތަކުގައި މަގުމަތީގައާއި ޕާކުތަކުގައި އެންމެ ފާހިޝް ޢަމަލުތައް ހިންގުމަކީ އެއްވެސް ކަމެއް ނޫނެވެ. އެއީ މިނިވަން ކަމެވެ.
ދާދިފަހުން މީހަކު ބުންޏެވެ. އޭނާއަށް މީހަކު ފޮނުވި ވީޑިއޯއަކުން ފެންނަނީ ޢާންމު ތަނެއްގައި ދެމީހަކު ފާހިޝް އަމަލުތައް ކުރާތަން ކަމަށާއި ކުރިމަތީގައި ބަހައްޓާފައި ހުރީ "ޑޮނޭޝަން ބޮކްސްއެއް" ކަމަށެވެ. އެދެ މީހުން ކުރާ ކަންކަން ބެލުމަށްފަހު ހިތްހަމަ ޖެހިއްޖެ ނަމަ އެއަށް ފައިސާ ފޮތްޗެއް ލުމަށެވެ. ސުބްހާނަﷲ!
އެ ދެ މީހުންނަށް މާތް ﷲ ދެއްވެވި ގުނަވަންތައް އެކިޔަނީ ނީލަމެވެ. އެއްވެސް އަގެއް ނެތި ވިއްކައިލަނީއެވެ. މިއީ ޖަނަވާރުވެސް ނުކުރާނެ ވަރުގެ ދަށު ދަރަޖައިގެ އަމަލުތަކެވެ. މިފަދަ އަމަލުތައް ކުރާ މީހުންނަކީ އެއްވެސް ދީނެއްގެ ބައެއް ކަމަކަށް ނުބެލެވޭނެއެވެ. އެހެނީ މިބާވަތުގެ މުންކަރާތްތަކަކީ އެއްވެސް ދީނެއްގައި ހުއްދަކުރާ ކަންކަމެއް ނޫނެވެ.
ފަހު ޒަމާނުގެ އަލާމާތްތަކުގެ ތެރޭގައި ޢާންމު ތަންތަނުގައި ފާހިޝް އަމަލުތައް ހިންގުން ޢާންމުވުން ހިމެނެއެވެ. ޢާންމުވެފައިވާ މިންވަރުން އެއިރު އުޅޭ އެންމެ ހެޔޮލަފާ މީހުން ވެސް އެމީހުންގެ ގާތުގައި ބުނެލާނީ "އެހެރަ ފާރާއި" ނިވާވެލުމަށެވެ.
މާތް ﷲ ގެ ދީލަތިވަންތަކަމުން އަދި މުޅި ދުނިޔެއަށް މިހާލަތު ޢާންމު ނުވަނީއެވެ. ނަމަވެސް ދުވަހުން ދުވަހަށް ޢާންމުވުން މިދަނީ އިތުވަމުންނެވެ. މިކަމުގެ އަސަރު ނުފޯރާ ޤައުމެއް، މުޖުތަމައުއެއް މިހާރަކު ނެތެވެ.
އޮތީ ބިރުވެތިވުމެވެ. ދުނިޔޭގެ އެންމެން ކަމެއް ކުރިނަމަވެސް އެކަމަކީ މާތް ﷲ ޙަރާމްކުރައްވަވާފައިވާ ކަމެއް ނަމަ އެކަން ހުއްދައެއް ނުކުރެވޭނެއެވެ. އެކަން ވާނީ ހަމަ ޙަރާމް ކަމަކަށެވެ. ޙަރާމް ކަމެއް ކޮށްފިނަމަ އެކަމުގެ ޖަޒާއާއި ކުރިމަތި ނުލައި ސަލާމަތެއް ނުވެވޭނެއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން -