ޕީއެފްއޭއިން ހޮވާ އިނގިރޭސި ލީގުތަކުގެ މޮޅު ކުޅުންތެރިޔާއަށް ސަލާހު
އިނގިރޭސި ވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އިނގިރޭސި ލީގުތަކުން އަހުރުގެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިވަޕޫލްގެ މުހައްމަދު ސަލާހު ހޯދައިފިއެވެ.
މިޞްރަށް އުފަން ސަލާހު އަންނަނީ މި ސީޒަންގައި ލިވަޕޫލާއެކު މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން ސަލާހު ވަނީ މިހާތަނަށް މި ސީޒަންގައި ލިވަޕޫލަށް 41 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭގެ ތެރެއިން 31 ލަނޑަކީ އިނގިރޭސި ޕްރެމިއާ ލީގުގައި ސަލާހު ކާމިޔާބުކުރި ލަނޑުތަކެވެ. އިނގިރޭސި ލީގުގެ ލަނޑު ލިސްޓުގައި މިހާތަނަށް ކުރީގައި އުޅެނީ ވެސް ސަލާހެވެ.
ޕީއެފްއޭގެ މޮޅު ކުޅުންތެރިޔާ ހޮވަން ނެގި ވޯޓުގައި ސަލާހާ އެންމެ ގާތުން ވާދަކުރީ މެންޗެސްޓާ ސިޓީގެ ބެލްޖިއަމް މިޑްފިލްޑަރު ކެވިން ޑެ ބްރައިނާއެވެ. ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބުނީ ޓޮޓެންހަމްގައި ވިދަމުން އަންނަ އިނގިރޭސި ސްޓައިކަރު ހެރީ ކޭންއެވެ. މި ތިން ކުޅުންތެރިންގެ އިތުރުން ދެން މި އެވޯޑަށް ވާދަކުރި ކުޅުންތެރިންނަކީ މެންޗެސްޓާ ސިޓީގެ ޑޭވިޑް ސިލްވާއާއި، ލެރޮއި ސާނޭއާއި، މެންޗެސްޓާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާއެވެ.
އިނގިރޭސި ލީގުގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހު މީގެ ކުރިން ވެސް އިނގިރޭސި ލީގުގައި ކުޅެފައިވެއެވެ. އެހެން ނަމަވެސް ޗެލްސީއާއެކު އެއިރު ސަލާހަށް މޮޅު ކުޅުމެއް ނުދެއްކުނެވެ. ޗެލްސީގައި އެދެވޭ ކުޅުމެއް ނުދެއްކުމުން އިޓަލީގެ ރޯމާއަށް ބަދަލުވުމަށްފަހު، މި ސީޒަނަށް ލިވަޕޫލަށް އޭނާ ގެނެސްފައިވަނީ 36.9 މިލިއަން ޕައުންޑްގެ އަގަކަށެވެ.
ޕީއެފްއޭގެ އިނގިރޭސި ލީގުތަކުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމު މިދިޔަ ސީޒަންގައި ކާމިޔާބުކޮށްފައިވަނީ ޗެލްސީގެ ފްރާންސް މިޑްފިލްޑަރު އެންގޯލޯ ކާންޓޭއެވެ.