ޕީއެފްއޭގެ ޒުވާން މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނީ ސާނޭއަށް

ކިޔުމަށް ހޭދަވާނީ 1މ 27ސ
ޕީއެފްއޭގެ ޒުވާން މޮޅު ކުޅުންތެރިޔާގެ އެވޯޑު ލިބުނީ ސާނޭއަށް

އިނގިރޭސި ވިލާތުގެ ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަން (ޕީއެފްއޭ) އިން ހޮވާ އިނގިރޭސި ލީގުތަކުގެ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑު މެންޗެސްޓާ ސިޓީގެ ލެރޯ ސާނޭ ހޯދައިފިއެވެ.
2016 ވަނަ އަހަރުގައި ޝާލްކޭއިން 37 މިލިއަން ޕައުންޑްގެ އަގަކަށް މެންޗެސްޓާ ސިޓީއަށް ގެނައި ސާނޭ ވަނީ މިދިޔަ ސީޒަންގައި ވެސް ޕީއެފްއޭގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ އެވޯޑަށް ވާދަކޮށްފައެވެ.

އެހެން ނަމަވެސް، އެ ފަަހަރު ސާނޭއަށް އެ އެވޯޑެއް ނުލިބުނެވެ. މެންޗެސްޓާ ސިޓީއާއެކު މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ސާނޭ ވަނީ އިނގިރޭސި ޕްރެމިއާ ލީގުގައި ސިޓީއިން ހޯދަމުން އަންނަ ކާމިޔާބީގައި މުހިންމު ރޯލެެއް އަދާކުރަމުންނެވެ. އެ ގޮތުން އިނގިރޭސި ލީގުގައި ސާނޭ ވަނީ މިހާތަނަށް ނުވަ ލަނޑު ޖަހައި، 12 ލަނޑު ޖަހަން އެސިސްޓްކޮށްދީފައެވެ.

ޕީއެފްއޭގެ އަހަރުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވަން ނެގި ވޯޓުގައި ދެވަނަ ލިބުނީ ޓޮޓެންހަމްގައި ވިދަމުން އަންނަ ޒުވާން އިނގިރޭސި ސްޓައިކަރު ހެރީ ކޭންއެވެ. ތިންވަނަ ލިބުނީ ސިޓީގެ ރަހީމް ސްޓާލިންއަށެވެ. މި ތިން ކުޅުންތެރިންގެ އިތުރުން އެވޯޑަށް ވާދަކުރި ކުޅުންތެރިންނަކީ ސިޓީގެ ގޯލްކީޕަރު އެޑަސަންއާއި، މެންޗެސްޓާ ޔުނައިޓެޑްގެ މާކަސް ރެޝްފޯޑާއި، ފުލަމްގެ ރަޔަން ސޮސަނެެވެ.
ޕީއެފްއޭގެ މި އެވޯޑަކީ އިނގިރޭސި ލީގުތަކުގައި ކުޅޭ 23 އަހަރުން ދަށުގެ ޒުވާން ކުޅުންތެރިންނަށް ޚާއްޞަ އެވޯޑެކެވެ. ފާއިތުވި ދެ އަހަރުގައި ވެސް މި އެވޯޑު ހޯދައިފައިވަނީ ޓޮޓެންހަމްގެ ޑެލޭ އަލީއެވެ. އެހެން ނަމަވެސް، ޑެލޭ ވަނީ މި އަހަރުގެ އެވޯޑަށް ވާދަކުރާ ހަ ކުޅުންތެރިންގެ ލިސްޓުގައި ވެސް ނުހިމެނިއެވެ.
މިއަދު އޮންލައިން