ކޮންމެ ޤައުމެއްގައިވެސް ތަފާތު އީދުތައް ފާހަގަކުރެއެވެ. އެގޮތުން އެންމެ ގިނަ ބައަކު އެންމެ ޝައުޤުވެރިކަމާއިއެކު ބައިވެރިވާ އެއް ޢީދަކީ ވިޔަފާރީގެ ޢީދުތަކެވެ. ހެޔޮ އަގުގައި މުދާ ގަތުމަށް ބޭނުންވާ ފައިސާ ވެސް ގިނަ ބަޔަކު ހުންނަނީ މިފަދަ އީދުތަކަށްޓަކައި ރައްކާ ކޮށްފައެވެ. ބޮޑެތި ކުންފުނިތަކުން ބޮޑެތި އިނާމުތައް ވެސް ހުށަހަޅައެވެ.
ރަމަޟާން މަހަކީވެސް ހަމަ އެފަދަ ޢީދެކެވެ. ސަވާބާއި ދަރުމަ ލިބިގަތުމުގެ ޢީދެވެ. މިއީދަކީ ޢާންމުކޮށް މުޅިން ހުޅުވާލެވިފައިވާ އީދެކެވެ. އީދުން އެއްވެސް އެއްޗެއް ގަންނަން އެއްވެސް ފައިސާއެއް ބޭނުމެއް ނުވާނެއެވެ.
ބޭނުންވާނީ އިޚްލާޞްތެރި ހެޔޮ އަމަލުތަކެވެ.
މިއީދު ޕްރަމޯޝަންގެ އިނާމަށް ބަލައިފިނަމަ އެންމެ ބޮޑު އިނާމަކީ ސުވަރުގެއެވެ. ދުނިޔޭގައި މިހިންގާ އެހެން ޕްރަމޯޝަންތަކާއި މި ޕްރަމޯޝަނުގެ ތަފާތަކީ މި ޕްރަމޯޝަނުން ލިބޭ އެންމެ އަގު ބޮޑު އިނާމު ލިބުމަށް، އިނާމު ލިބޭ މީހުންގެ އަދަދު ކަނޑައަލާފައި ނެތުމެވެ. އިނާމު ދެއްވަވާ ފަރާތުން ދައުވަތު ދެއްވަވައި އަންގަވަނީ ވީހައި ގިނަ ބައަކު މިޕްރަމޯޝަނުން 1 ވަނަ ހޯދައިގެން އިނާމު ގެންދިއުމަށެވެ.
މި ޕްރަމޯޝަނުގެ އެންމެ ޚާއްޞަ އެއްކަމަކީ ހުރިހާ މުދަލެއް ވަރަށް ބޮޑުތަން އަގުހެޔޮވެފައި ހުރުމެވެ. މިބުނި ބަހުގެ މާނައަކީ ރަަމަޟާން މަހު ކުރާ ކޮންމެ ހެޔޮ އަމަލެއްގެ ސަވާބު އެތައް ގުނައަކަށް މާތްﷲ އިތުރު ކުރައްވަވާފައިވާ ވާހަކައެވެ.
މި ފިލާވަޅުަގައި ކަންކަން ބަޔާން މިކުރީ ވަރަށް ތަފާތު ގޮތަކަށެވެ. ބޭނުމަކީ މި ފިކުރުގައި ވިސްނައިލަމާތޯއޭ ދެންނެވުމެވެ.
ރަމަޟާން މަހަކީ ހަަމަ ސޭލެއް ކަމަށް ބަލާށެވެ. އެ ސޭލުގެ ބޭނުމަކީ ސޭލުގެ ބޭނުން ވީހައި ގިނަ ބައަކު ހިފައި ފަސޭހަކަމާއިއެކު ސުވަރުގެ ދެވޭނެ މަގުފަހިވެގެންދިއުމެވެ. މިސާލަކަށް ކުރާ ހެޔޮ އަމަލުތަކަށް ގިނަ ސަވާބު މާތްﷲ ދެއްވެވުމުން ސުވަރުގެ ވަންނަން ފަސޭހަވާނެ ނޫން ހެއްޔެވެ؟ ލުއިފަސޭހަކަމާއިއެކު ސުވަރުގެ ވަދެވޭނެ މިފަދަ ފުރުޞަތުތައް މާތްﷲ ދެއްވަވަނީ ހަމަ އިންސާނުންނަށް ކުރައްވަވާ ލޯބީގެ ބޮޑުކަމުންނެވެ.
ފުރުޞަތުގެ ބޭނުން ހިފުން އޮތީ އަޅުގަނޑުމެންގެ އަތްމަތީގައެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން