އެކުގައި އުޅޭ މީހުން މަރުވުމުން އެކަމާއިމެދު ވަަރަށް ދެރަވެގެން މީހުން އުޅޭތަން ފެނެއެވެ. ޢާއިލާގެ މީހުންވެސް މެއެވެ. ނަމަވެސް މަރުވި މީހާއަށް އުފާވެރިކަމެއް ލިބޭނެ ކަމެއްކޮށް އުފާކޮށްދޭން އުޅޭތަނެއް ނުފެނެއެވެ.
މީހަކު މަރުވުމުން އެމީހަކަށް ސަވާބު ލިބިލިބި ހުންނާނެކަންތައްތައް އިސްލާމް ދީނުގައި އެނގެން އެބައޮތެވެ. އެއިގެ ތެރޭގައި ދެރަވެގެން ރުއިމާއި އެކަމުގެ ވާހަކަތައް ދެއްކުމާއި މީރު ކެއުންތައް ކައްކައިގެން ކެއުން ފަދަ ކަންކަމެއް ނުހިމެނެއެވެ.
ކުރަންވީ ކަމަކީ އެމީހެއްގެ ކިބައިގައި ފޯރުންތެރިކަން ހުރި މިންވަރަކުން ޞަދަޤާތް ކުރުމެވެ. މިސްކިތެއް އެޅުމަށް، އިސްލާމް ދީން ކިޔަވައިދޭ ސްކޫލެއް އެޅުމަށް ފަދަ ކަންކަމަށް ޞަދަޤާތް ކުރެވިދާނެއެވެ. އަތުގައި ނެތްނަމަ ކޮންމެހެން މިލިއަނުން ޚަރަދުކުރާކަށް ނުޖެހެއެވެ. އަތުގައި އޮތް އެންމެ ޑޮލަރެއް ދިންނަމަވެސް ފުދޭނެއެވެ. އަދި ކީއްހެއްޔެވެ؟ މީސްތަކުންނަށްޓަކައި ރުކެއް، ނުވަތަ ގަހެއް އިންދައި ދިންނަމަވެސް އެކުރެވުނީ ޞަދަޤާތެކެވެ.
ނަމަވެސް މަރުވި މީހާއަށް ހެޔޮ އެދިގެން މިފަދަ ކަންކަންކަން ކުރަނީ މަދު ބައެކެވެ. މިއީ ހޭލުންތެރިކަން އިތުރުކުރަން ޖެހިފައިވާ ކަމެކެވެ.
މީހަކު މަރުވުމުން ޢާއިލާއަށް ތައުޒިޔާ ކިޔުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެކަންކުރަން އިސްލާމް ދީނުގައި އޮންނަ ގޮތަށް މިހާރު ވަނީ ބަދަލުަތަކެއް ގެނެސްފައެވެ. އެގޮތުން ފޮނި ކާތަކެއްޗާއި އެނޫންވެސް ކާތަކެތި ބަހައި އެބަހަދައެވެ.
އިސްލާމް ދީނުގައި އޮތީ އެގޮތެއް ނޫނެވެ. މީހަކު މަރުވެގެން ތައުޒިޔާކިޔަން ދާނަމަ އެ އާއިލާއަކަށް ކާއެއްޗެއް ނުވަތަ އެނޫންވެސް އެއްޗެއް ހަދިޔާކުރުމަކީ ތައުޒިޔާ ކިޔަން ދާ މީހާ ބޭނުންނަމަ އެމީހާ ކުރަންޖެހޭނެ ކަމެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ދަސްކޮށްދެއްވަވާފައި އޮތީ އެގޮތެވެ.
ހިތާމައެއް ބައަކަށް ލިބިފައިވާ ވަގުތު އަދި އިތުރު ތަކުލީފެއް އެބައަކަށް ޖެއްސުމަކީ އިސްލާމް ދީނުގައި އަމަލުކުރަން އޮންނަ ގޮތެއް ނޫނެވެ. ނަމަވެސް ޘަޤާފަތުގެ ތެރެއިން ކަންކަން ބަދަލުވަމުން އައިސް ތައުޒިޔާ ކިޔަން ދާ މީހާއަށް ފޮނިކާއެއްޗެއް ނުދީފިނަމަ އެއީ އަދަބު އަދާނުކުރުން ކަމަށްވެސް ބައެއް މުޖުތަމައުތަކުގައި އެބަބަލައެވެ. އަދި 3 ނުވަތަ 7 ދުވަސް ވަންދެން ގެއަށް ދާމީހުންނަށް ކޮންމެވެސް ކާއެއްޗެއް ބެހުމަކީ ފަރުޞެއްގެ ގޮތުގައިވެސް ބައެއް މުޖުތަމައުތަކުގައި އެބަ ދެކެއެވެ.
އެހެން ނަމަވެސް މިފަދަ އެއްވެސް ކަމަކީ ދީނާއި ގުޅިފައިވާ ކަންކަމެއް ނޫނެވެ. މިފަދަ ކަންކަން ގުޅިފައިވަނީ އެބައެއްގެ ޘަޤާފަތްތަކާއިއެވެ.
-- ބިލާލް އައްސަދުގެ ދަރުސަކުން